ހަމާސް ޖަމާއަތުން ހިފަހައްޓާފައިވާ ރަހީނުން ދޫކުރަން ފެށިވަގުތާ ދިމާކޮށް ރައީސް ޓްރަމްޕް އިޒްރޭލަށް ވަޑައިގެންފި

Loading

Facebook
Twitter
WhatsApp

ޣައްޒާ ހަނގުރާމަ ނިމުމަކަށް ގެނައުމާބެހޭގޮތުން ވެފައިވާ އެއްބަސްވުމުގެ ދަށުން ހަމާސްޖަމާއަތުން ދެގްރޫޕެއްގެ ހޮސްޓެޖުން މިނިވަން ކޮށްފިއެވެ. ފުރަތަމަ ދޫކުރި ގްރޫޕްގައި ހިމެނޭ ހަތް ރަހީނުން މިހާރުވަނީ އެމީހުންގެ އާއިލާތަކާ ގުޅިފައެވެ.

ދެވަނަ ގްރޫޕްގައި ހިމެނޭ 13 ހޮސްޓެޖުން ބަލާ މެންދުރެއްހާއިރު ރެޑްކްރޮސްގެ ވެހިކަލްތައް ވަނީ ދެކުނު ޣައްޒާއަށް ގޮސްފައެވެ.
އެއްބަސްވުމުގެ ދަށުން، އިޒްރޭލުންވެސް ޖަލަށް ލާފައިތިބި 250 ފަލަސްތީން ރައްޔިތުންނާއި ރަހީނުންގެ ގޮތުގައި ހިފަހައްޓާފައިތިބި 1،700އަށް ވުރެ ގިނަ މީހުން މިނިވަން ކުރާނެއެވެ.


ދިރިތިބި އަސީރުންގެ އިތުރުން ދެފަރާތުންވެސް މަރުވެފައިވާ މީހުންގެ ހަށިތައްވެސް ހަވާލު ކުރާނެ ކަމަށް ވެއެވެ.
ދެފަރާތުން އަސީރުން މިނިވަން ކުރަންފަށާފައިވާ ދަނޑިވަޅާ ދިމާކޮށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މިއަދު ހެދުނު ދިހައެއްޖެހިއިރު އިޒްރޭލަށް ވަޑައިގެންފައެވެ. އެއާޕޯޓުން ޓްރަމްޕަށް މަރުހަބާ ދެންނެވުމަށް ބޮޑުވަޒީރު ނަތަންޔާހޫއާއި ސަރުކާރުގެ އިސް ވަފްދެއް ވަޑައިގެން ތިއްބެވިއެވެ.
ޓްރަމްޕް މިއަދު އިޒްރޭލުގެ ގާނޫނު ހަދާމަޖިލިސް އަށް ވަޑައިގެން މަޖިލީހާ ވެސް މުޚާތަބް ކުރައްވާފައިވެއެވެ.
ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުން ޝަހީދު ކުރުމަށް ޔަހޫދީން ހިންގަމުން ގެންދިޔަ ޤަތުލުޢާންމު ހުއްޓުވައި، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި އަސީރުން މިނިވަން ކުރުމާ ގުޅޭ އެއްބަސްވުން ވިލަރެސް ކުރެއްވުމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރައްވާފައިވާ ދައުރު ފާހަގަކޮށް، އޭނާއަށް ހޫނު މަރުޙަބާއެއް ކިޔާފައިވެއެވެ. ޙަމާސާއި ޔަހޫދީންނާ ދެމެދު ސުލްޙައިގެ އެއްބަސްވުމަކަށް އަމަލު ކުރަން ފަށާފައި ވަނީ އޮކްޓޫބަރު 9ވަނަ ދުވަހުއެވެ. 20 ޕޮއިންޓް އެކުލެވޭ އެއްބަސްވުން މައިގަނޑު ގޮތެއްގައި ބިނާ ކޮށްފައި ވަނީ ޓްރަމްޕްގެ ހުށަހެޅުއްވުމެއްގެ މައްޗަށެވެ.
އިޒްރޭލުގެ ދަތުރު ފުޅަށްފަހު ޑޮނަލްޑް ޓްރަމްޕް ހަމަ މިއަދު މިސްރުގެ ޝަރްމުއްޝައިޚް އަށް ވަޑައިގަންނަވާނެއެވެ.އެއީ މެދުއިރުމަތީގެ ސުލްހަޔާބެހޭގޮތުން ބާއްވާ ސަމިޓް ބައްދަލް ވުމެއްގައި ބައިވެރިވެ ވަޑައިގެންނެވުމަށެވެ. މިސަމިޓްގައި ދުނިޔޭގެ ވިހި ގައުމެއްގެ ލީޑަރުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
ދަތުރުފުޅުމަތީގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވަނީ ޣައްޒާ ހަނގުރާމަ ނިމުމަކަށް އައީ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ދެން އޮތް މަރުހަލާ އަދި ޣައްޒާގެ މުސްތަގްބަލާބެހޭ ގޮތުން ކުރެވުނު ސުވާލުތަކަށް މާސީދާ ޖަވާބެއް ޓްރަމްޕް ނުދެއްވައެވެ.
ޣައްޒާގައި ސުލްހަ ދެމެހެއްޓުމަށް އަރަބި އަދި ހެޔޮއެދޭ ގައުމުތައް ގުޅިގެން ބޮޑު އިންޓަރނޭޝަނަލް ފޯސް އެއް ގާއިމް ކުރާގޮތަށް ސުލްހައިގެ ޕްލޭންގައި ލިޔެފައި ވެއެވެ. މިހުރިހާ ކަމަކަށް އެއްބަސްވުން އޮންނާނީ މިސްރުގައި ބާއްވާ ސަމިޓް ބައްދަލް ވުމުގައެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި ހުރިހާ އެއްމެންވެސް ދެން ހަމަލާ ނުދީ ތިބޭނީ މަޑުންނެވެ.އެހެން ކަމާއެކު އެފަދަ ފޯސްއެއްގެ ބޭނުމެއްވެސް މާބޮޑަކަށް ނޯންނާނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް