ފަލަސްތީނު ރައްޔިތުންގެ މައްޗަށް އިސްރާޢީލުން ހިންގަމުންގެންދާ އުދުވާނާއި ގަތުލުއާންމަށާއި އަދި ފަލަސްތީނުގެ ރައްޔިތުންގެ އުދާސްތަކުގައި ދުޢާގެ ވަސީލަތުން ނޫނީ ބައިވެރިވެވޭނެ ގޮތެއް ސަންދާނުގެ ގިނަ ކިއުންތެރިނނަށް ލިބިފައި ނުވާކަން ގަބޫލުކުރުމާއެކު ދުވަހުން ދުވަހަށް އެ ޚަބަރުތައް ގެނެސްދިނުމަށް ސަންދާނުން ވަރަށް ޚާއްސަ ސަމާލުކަމެއް ދެމުންގެންދާކަން ކިއުންތެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވާލަމެވެ.
ގައްޒާގައި އިސްރާއީލުން ހިންގަމުންދިޔަ ގަތުލް އާންމު ދާއިމީ ގޮތެއްގައި ނިމުމަކަށް ގެނެވިއްޖެ ކަމުގެ ޔަގީންކަން ލިބިވަޑައިގެންފިކަމުގައި އަމިއްލައަށް ގައްޒާއިން ބޭރަށް އަރުވާލެގެން ހުންނެވި ހަމާސްގެ ވެރިޔާ ވިދާޅުވެއްޖެއެވެ. ގަބޫލުފުޅު ކުރެއްވޭނީވެސް އެގޮތަށެވެ. އެމެރިކާގެ ފުރިހަމަ އެނހީގައި އިސްރާޢީލުން ވަނީ ގާޒާ ބިމާހަމަކޮށްލައި 70 ހާހަކަ ކުޑަކުދީންނާއި މީހުން މަރައިފައެވެ. އަދި މިލިޔަނެއްހާ މީހުން ގެދޮރުން ބޭރުކޮށްލެވިފައެވެ. ފަަލަސްތީނުގައި ހިނގަމުންދާ ގަތުލުއާންމު ހުށްޓުވުމަށް އަޚުވަންތަ ޢަރަބި ގައުމުތަކުގެ އެއްވެސް އެނހީތެރިކަމެއް ނުލިބިފައެވެ.
މީގެ 2 އަހަރުކުރިން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުން ގެންދިޔަ ގަތުލު އާންމު ނިމުމަކަށް ގެނައުން ގިނަ އަރަބި އަދި މުސްލިމް ގައުމުތަކެއްގެ ފިއްތުންތަކާއެކު ރައީސް ޓްރަމްޕް ކާމިޔާބުގެ ސުލްޙައިގެ ޕްލޭނެއް ކުރައްވައި ހަަނގުރާމަ ހުށްޓުވުނީކަމަށް އިސްރާޢީލުގެ ޖަރީމާތަކުގެ ބައިވެރިޔާ އެމެރިކާގެ ރައީސް ޓްރަންޕު މިވަނީ ޢިއުލާނުކޮށްފައެވެ. ހަމާސްއާއެކު އިސްރާއީލުން އެއްބަސްކުރުވިފައިވާ ގޮތުގައި މިހާރު ހަމާސްގެ ރަހީނުންގެ ގޮތުގައި ހިފޭއްޓިފައި ތިބި 48 މީހުން މިއަދުން ފެށިގެން ކުރިއަށް އޮތް މަދު ދުވަސްތަކެއްގައި ދޫކޮށްލެވޭނެއެވެ. އޭގެ ތެރޭގައި މިހާރު ދިރިތިބީ ހަމައެކަނި 20 މީހުންނެވެ.
އެމެރިކާގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވި ވަފުދުގައި ހިމެނޭ އޮފިޝަލަކަށް ހަވާލާދީ ބައެއް މީޑިއާތަކުގައި ބުނެފައިވަނީ އިސްރާއީލާ ދެކޮޅަށް ހަމާސްއިން އިތުރަށް ހިފާއްޓާ ނުލެވޭނެކަން އެނގުމުންނާއި ރަހީނުން ބެލެހެއްޓުންވެސް ބޮޑު އުދަނގުލަކަށް ވުމުން ހަނގުރާމަ ހުއްޓާލަން އެއްބަސްވުން ނޫން އެހެން ގޮތެއް ހަމާސްއަށް ނެތުނީ ކަމަށެވެ.
ހަނގުރާމަ ހުއްޓާލައި ސުލްޙަ ގާއިމްކުރުމުގެ އެއްބަސްވުމަކަށް އާދެވުނު ކަމުގައިވިޔަސް ފަލަސްތީނުންނާއި އަދި އަރަބި ބައެއް ގައުމުތަކުން އިސްރާއީލާ ދެމެދު އޮންނަ ޝައްކާއި ވަހުމް ފިލައިގެން ނުދެއެވެ. ޚާއަސްކޮށް ގަލްފު ސަރަހައްދުގެ ގައުމުތަކުން އިސްރާއީލާއި ފަލަސްތީނުގެ 2 ދައުލަތަކަށް ތާއީދުކުރާކަން އެންމެފަހުން ޔުނައިޓެޑް ނޭޝަންސްގައި ނެގުނު ވޯޓުންވެސް ހާމަވެގެންދާއިރު އޭގެތެރޭގއި އިސްރާއީލަކީ ދައުލަތެއްކަން ގަބޫލު ނުކުރާ ގައުމުތައްވެސް ހިމެނެއެވެ.
ފަލަސްތީނުގެ މައްސަލައިގާ އިސްލާމީ ގައުމުތަކާއި އިސްލާމިކް ރިޕަބްލިކް އޮފް އީރާން ފުށުން އަރަނީވެސް މިހިސާބުންނެވެ. އެންމެފަހުން ޔުނައިޓެޑް ނޭޝަންސްގައި ނެގުނު ވޯޓުގައި އީރާނުން ބައިވެރި ނުވުމުން ތަފާތު ސުވާލުތަކެއް އުފެދިގެން ދިޔައެވެ. އީރާނުގެ ޖަވާބު ވަރަށް ސަރީޙައެވެ. ފަލަސްތީނުގެ ބިމުގައި އިސްރާއީލުގެ ދައުލަތެއް އޮތުމަށް އީރާނުން ތާޢީދު ނުކުރާއިރު އީރާނުގެ ކުރިމަތީގައި 2 ދައުލަތުގެ ސުވާލެއްވެސް ނުއުފެދެއެވެ. އީރާނުން ގަބޫލުކުރާގޮތުގައި ފަލަސްތީނުގެ ބިމުގައި އޮންނާނީ ފަލަސްތީނުގެ ދައުލަތެއް އެކަންޏެވެ.
ހަނގުރާމަ ހުއްޓާލައި ސުލްޙަވެރި ޙައްލެއްގެ ދަށުން 2 ދައުލަތް އުފެއްދުމުގެ އެއްބަސްވުމެއްގައި ސިއްކަ ޖެހިފައިވާއިރު އެއްބަސްވުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެމެރިކާގެ ރައީސްގެ އިޚްލާސްތެރިކަމާ ދޭތެރޭވެސް ސުވާލު އުފެދެއެވެ. މީގެ ކުޑަދުވަސްކޮޅެއް ކުރިން ގައްޒާ އޮންނަންޖެހޭނީ އެމެރިކާގެ ބިމެއްގެ ގޮތުގައިކަން ދުނިޔެއަށް އިއުލާން ކުރެއްވީވެސް ރައީސް ޓްރަމްޕް އެވެ. އަދި އެކުލަވާލެވުނު އެއްބަސްވުން ދިފާއީ ވަޒީރު ހެގުސެތުއާއި ޚާރިޖީވަޒީރު ރޫބިއާއެކު ކުރެއްވިކަމަށް މަޝްވަރާތައް ހިނގަމުން ދިޔަވަގުތު އީގަލް-އައި އިން މީޑިއާއަށް ލީކް ކޮށްލާފައިވާ ފޮޓޯ ބަލާލުމުން އަސްލު މަންޒަރު ސިފަކުރެވޭނެއެވެ.
ފަލަސްތީނުގެ މައްސަލާގައި އެންމެ ފުރަތަމަ ބަލާލަންޖެހެނީ ގައުމުގެ އެތެރޭގެ ޙާލަތަށެވެ. މިނިވަން މުސްތަގިއްލު ދައުލަތެއް ބޭނުންވާ ބަޔަކާއި އަދި އިސްރާއީލުގެ އަޅުވެތިކަމަށް ބުރަވާ ބަޔަކު ނެތެކޭ ނުބުނެވޭނެއެވެ. ހަނގުރާމަ ހުއްޓާލުން ޢިއުލާން ކުރުމަށްފަހު އިސްރާއީލުގެ ލަޝްކަރުތައް ގައްޒާއިން ފައިބަން ފެށުމާއިއެކު ހަނގުރާމައިގެ ބިރުވެރިކަމުން ސަލާމަތް ވުމަށްޓަކައި ގެދޮރު ދޫކޮށް ނިކުމެގެން އެކި ސަރަހައްދުތަކަށް ދިޔަ ގިނަމީހުން އެނބުރި އަންނާން ފެށިއެވެ.
ކުއްލިއަށް ދެން ފެނިގެންދިޔައީ ގައުމުގެ އެތެރޭގައި ދާޚިލީ ދެކޮޅުވެރިކމެއް ފެށިގެން ހިނގައިދާނެ ކަމުގެ ބިރުވެރި ކުލަވަރުތަކެވެ. ނަތީޖާއެއްގެ ގޮތުން ގާޒާގެ ސިކުއުރިޓީ ބަލަހަށްޓަން ޙަމާސްގެ 7000 މުޖާހިދުން ފޯރިމަރަން ފަށަން މިއޮތީ ނެރެން ޖެހިފައެވެ. ގާޒާގެ ހަނގުރާމަ ނިންމުމަށް ޢަރަބި މުސްލިމުގައުމުތަކަށްވުރެ އެކްޓިވްކޮށް މިހާރު އުޅޭތަން ފެންނަނީ އިންސާނިއްޔަތަށް މަސައްކަތްކުރާ އިސްލާމުން ނޫން މީހުންތަކެވެ. އެމީހުން އެބައިމީހުންގެ ސަރުކާރަށް ނުރުހުން ފައުޅުކޮށް މަގުތައް ފުރާލައި މުޒާހަރާ ކުރުމާއި އިސްރާޢީލުން ގާޒާއަށް ކާނެތަކެތި ފޯރުކޮށްނުދިނުމަށް އަޅައިފައިވާ ފިޔަވަޅުތަކާ ދެކޮޅަށްވެސް ގެންދަނީ އެމީހުންގެ ފުރާނަޔަށް ބެލުމެއްނެތި ނުރައްކާތެރި މަސައްކަތްތަކެއް ކުރަމުންނެވެ. އެންމެފަހުގެ ޚަބަރު ބުނާގޮތުން ޓުރަމްޕްގެ ޕީސްޕްލޭގައި ސޮއިކުރުމުގައި ބައިވެރިވުމަށް ގަތަރުން މިސުރަށް ދަތުރުކުރަމުން ދިޔަ ތިން ޑިޕޮލޮމެޓުން ކާރު އެކްސިޑެންޓެއްގައި ނިޔާވެއްޖެއެވެ. އަދި މިއީ ޒައަނިސްޓުންގެ އަނިޔާވެރި ދިގުއަތުން ކުރިކަމެއް ކަމަށް ބައެއް ޚަބަރުތަކުން ބުނަމުންދެއެވެ.