މުދައްރިސުންގެ ޚިދުމަތަކީ މާއްދީ އެއްވެސް އެއްޗަކުން އަގުނުކުރެވޭނެ ޚިދުމަތެއް ކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ، މުދައްރިސުންގެ ބުރަ މަސައްކަތާއި ހިންމަތަކީ ދުނިޔެއާއި އާޚިރަތުގެ މަންފާ އޭގައި އެކުލެވިފައިވާ، މާއްދީ އެއްވެސް އެއްޗަކުން އަގުނުކުރެވޭނެ، ޤަދަރުވެރި، ފަޚުރުވެރި ޚިދުމަތެއް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ޤައުމު އެދޭފަދަ ހަރުދަނާ ޖީލެއް އުފެދި ތަރުބިއްޔަތުވެގެން އަންނާނީ މުދައްރިސުން މިއަދު ދިން އިރުޝާދަކާއި ތަޢުލީމަކާއި އޯގާތެރިކަމަކުން ކަމަށާއި، މި ކަމުގެ ބާރު އޮތީ މުދައްރިސުންގެ އަތްމަތީގައި ކަމަށެވެ.
އަދި ހަމަ އެއާއެކު، ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ ހުރިހާ މުދައްރިސުންނަށް ކުރިއެރުމާއި ފަހިކަން ހޯދައިދިނުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެއްވާކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.
ޕޯސްޓް ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ، މި އުފާވެރި ދުވަހުގެ ތަހުނިޔާ މުދައްރިސުންނަށް ފޮނުއްވައި، ކޮންމެ މުދައްރިސެއްގެ ޢާއިލާއަށް ދުޅަހެޔޮކަމާއި އުފާފާގަތިކަމަށް އެދި ދުޢާކުރައްވާފައެވެ.