މާލޭގައި ހުރި އަނބު ގަހަކުން ވަގަށް އަނބު ބިން ދެ މީހެއްގެ ބަންދަށް 7 ދުވަސް ޖަހައިފިއެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އެ މައްސަލައިގެ ތަހުގީގަށް އެ ދެ މީހުން ހަތް ދުވަހުގެ މުއްދަތަށް ބަންދުކުރަން އަމުރު ނެރެފައެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ:
ގދ. ރަތަފަންދޫ، ނީލްވިލާ، މުހައްމަދު ސުހައިލް، 33އ
ހދ. ކުޅުދުއްފުށި، ކަސްތޫރިގެ، އަހްމަދު އަލީ، 37އ
ކޯޓުގައި އެ ދެ މީހުން ބުނީ އެ އަނބު ގަހަކީ މަގުމައްޗަށް ވާ ގޮތަށް ހުރި ގަހެއް ކަމަށް ވާތީ، އެ ގަހުން އަނބު ބިނުމަކީ މަނާކަމެއް ކަން ނޭނގޭ ކަމަށެވެ.
އަދި އެ ގަހުން އަނބު ބިނީ ގަހަށް އަރައިގެން ނޫން ކަމަށާއި ބިންމަތީގައި ހުރެގެން އަތްލެވޭ ވަރަށް ހުރުމުން އަނބު ބިނީ ކަމަށް އެ މީހުން ބުނެފައި ވެއެވެ.
މީގެ އިތުރުން އެ ގަހުން އެ މީހުން ބިނީ އެންމެ ހަތަރު އަނބު ކަމަށް ވެސް ބަންދުގެ މަޖިލީހުގައި އެ މީހުން ބުނެފައިވާ ކަމަށް ކޯޓު އަމުރުގައި ބުނެފައި ވެއެވެ.