ދުނިޔޭގެ ގައުމުތައް އަދި ވަކިން ޚާއްސަކޮށް އަޅުގަނޑުމެންނާގާތް ގުޅުމެއް ދަމަހައްޓަމުން ގެންދާ ގައުމުތަކުގައި ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ހިންގަވަމުން ގެންދަވާ ކާމިޔާބު މަޝްރޫއު ތަކުގެ ވާހަކަ ދައްކަން އެބަޖެހެއެވެ. އަޅުގަނޑުމެންގެ ރައްޔިތުންނަށް އެކަން އެންގުމަށްޓަކައި ބޭނުންކުރެވޭނެ އެންމެ ރަނގަޅު ވަސީލަތަކީ ޚަބަރުތައް ގެނެސްދޭ ވަސީލަތްތަކެވެ. މަގުމައްޗަށް ނިކުމެ ދުލަށް އެރިހާ ހަޑިހުތުރު ބަހުރުވައެއް ބޭނުންކޮށްގެން ގައުމުގެ އަމާންކަން ގެއްލިދާފަދަ ހަރަކާތްތަކުން ކަންތައް އޮޅުންފިލުވާ ނުދެވޭނެއެވެ.
ދެވަނަ ބޮޑު ހަނގުރާމަ ނިމިގެންދިޔައީ ޗައިނާއަށް ވަރަށް ބޮޑު ނިކަމެތިކަމެއް ގެނެސްދީފައެވެ. އެމެރިކާގެ ސިޔާސީ މުފައްކިރަކު ދާދިފަހުން ބުނެފައިވާގޮތުގައި ޗައިނާ ތަރައްގީވެ ކުރިއަރައިގެން ހިނގައިދާނެ ކަމުގެ ބިރު އެމެރިކާގެ ވެރިން އޭރުވެސް ތަސައްވުރު ކުރަމުން ގެންދިޔައެވެ. ޗައިނާ ގެ ތަރައްގީއާއި ކުރިއެރުމަށް ހުރަސް އެޅުމުގެ ބޭނުމުގައި ޖަޕާނުގެ ވެރިންނަށާއި ރައްޔިތުންނަށް އެމެރިކާއިން ގެންދިޔައީ މެދުކެނޑުމެއްނެތި ފިލާވަޅުތައް ނަގައިދީ އެ ފިލާވަޅުތައް ހިތުދަސްކުރަން މަޖުބޫރު ކުރުވަމުންނެވެ. އެމެރިކާއިން ޗައިނާއާ ދެކޮޅަށް ޖަޕާނުގެ ރައްޔިތުންގެ ހިތްތަކުގައި ނަފުރަތުގެ ގިނަ އޮށްތަކެއް ވަނީ އިންދާފައެވެ. ހީރޯޝީމާއާއި ނާގަސާކީ ތާރީޚުގެ އަޑު ކަނޑުވާލައި ޖަޕާނުން އެއްވެސް ބާވަތެއްގެ ހަނގުރާމަވެރި ހަތިޔާރު އީޖާދުކޮށް އުފެއްދުން މަނާކޮށް އެ ގައުމުގައި އެމެރިކާގެ މިލިޓްރީން ބަޑަހަޖަހައިގެންތިބެނީ ޖަޕާނުގެ ރައްކާތެރިކަމާއި ސަލާމަތަށްޓަކައިކަން ފިސާރި ރަނގަޅަށް ގެންދިޔައީ ޖަޕާނުގެ ރައްޔިތުންނަށް ވިސްނާދެމުންނެވެ. އެމެރިކާގެ މި ހުރިހާ ރޭވުންތަކަކާއެކުގައިވެސް މިއަދުގެ ދުނިޔޭގައި އިގްތިސާދީ އަދި މިލިޓްރީގޮތުންވިޔަސް އެމެރިކާއާއި ފައިހަމަކުރެވޭނެ ހަމައެކަނި ގައުމަކީ ޗައިނާއެވެ. މި ލަނޑު ދަނޑިއަށް ވާސިލު ވުމަށްޓަކައި ޗައިނާގެ ވެރިންނާއި ރައްޔިތުން ގުޅިގެން ކުރަމުން ގެންދާ ޖިހާދުގެ ވާހަކައަކީ މުޅި ދުނިޔެއަށް އެނގި ހާމަވަމުންދާ ހަގީގަތެކެވެ.
އަޅުގަނޑުމެން ދިރިއުޅެމުން މިގެންދާ އޭޝިއާގެ ގައުމުތަކަށް ގިނަ ގުދުރަތީ މުއްސަނދިކަމެއް ވަނީ ލިބިފައިވެއެވެ. އެ މުއްސަނދި ކަމުގައި ވެރިކަމުގެ ދާއިރާގެ ގިނަ ބަޔަކު މަހުޖަނުންނަށް ވަމުންދާއިރު ގައުމުގެ އާންމުރައްޔިތުން މާދަމާ ބަނޑުފުރާނަ މުއްތިކުރެވިދާނެ މަގެއް ވަނީ ހޯދަން ޖެހިފައެވެ.
ދުނިޔޭގައި މިހާތަނަށް އިމާރާތް ކުރެވުނު އެންމެ އުސް ބްރިޖް މިދިޔަ ސެޕްޓެމްބަރ މަހުގެ 29 ވަނަ ދުވަހު ޗައިނާގައި ރަސްމީގޮތުން ހުޅުވައި އަދި ބޭނުން ކުރަން ފަށައިފިއެވެ. މި ބްރިޖަށް ދެވިފައިވާ ނަމަކީ ހުވާޖިއާން ގްރޭންޑް ކެންޔަން ބްރިޖެވެ. މި ބްރިޖް އިމާރާތް ކޮށްފައިވަނީ ދެކުނު ޗައިނާގެ ގުއިޒޯގެ ފަރުބަދަ މަތީ ސަރަހައްދެއްގައެވެ. ބައިޕާން ކޯރުގެ މަތީގައި 625 މީޓަރުގެ އުސްމިނުގައި އިމާރާތްކުރެވުނު މި ބްރިޖްގެ ދިގުމިނަކީ ގާތްގަނޑަކަށް 3 ކިލޯމީޓަރެވެ. ބްރިޖް ހިފޭއްޓުމަށް ބޭނުންކޮށްފައިވާ 2 ޓަވަރުގެ ދުރުމިނުގައި ދޮޅުހާސް ވަރަކަށްމީޓަރ ހުރެއެވެ. ޗައިނާ ސަރުކާރުން ހާމަކޮށްފައިވާގޮތުގައި މި ބްރިޖްގެ މަސައްކަތަށް 3 އަހަރު ދުވަސް ހޭދަވެގެން ދިޔައެވެ. އެހެންނަމަވެސް މީގެކުރިން ފަރުބަދަމަތީގެ އެ ސަރަހައްދު ހުރަސްކޮށް ކުރަން ޖެހޭ 2 ގަޑި އިރުގެ ދަތުރު ހަމައެކަނި އެންމެ 2 މިނެޓަށް މިހާރު ކުރުކުރެވިގެން ދިޔައީއެވެ.
ޗައިނާއިން ދުނިޔެއަށް ހާމަކޮށްދެމުންގެންދަނީ ގައުމަށް ލިބޭ އާމްދަނީއާއި ރައްޔިތުން އަތުން ނެގޭ ޓެކްސް ފައިސާއިން ރައްޔިތުންގެ ބޭނުންތަކަށް އިސްކަންދިނުމުގެ މިސާލެއްކަމަށް ބައެއް މީޑިއާ ތަކުން ސިފަކޮށްފައިވެއެވެ.
އިންޑިއާގެ ނޫސްވެރިއަކު ދުނިޔޭގެ އެންމެ ބިޔަ އިގްތިސާދު އެމެރިކާއާއި ޗައިނާގެ ރައްޔިތުންގެ އާންމު ދިރިއުޅުމުގެ ހާލަތު އަޅާކިޔަމުން ބުނެފައި ވެއެވެ. އެމެރިކާގެ މަގުތަކުގެ ދުވާރުމަތީގައި މުޅިދިރިއުޅުން ހޭދަކުރަމުންގެންދާ މީހުންގެ އަދަދު ނިސްބަތުން އިންޑިއާއަށް ވުރެން މާގިނަ ކަމަށް ފެނެއެވެ. އެކަމަކު ޗައިނާގެ ދުވާރުމަތީގައި އެ ގައުމުގެ ރައްޔިތަކު ދިރިއުޅުން ހޭދަކުރަން ޖެހޭނެ ކަމަކަށް ނުބެލެވެއެވެ. ގައުމުގެ ރައްޔިތުންގެ ޖީބަށް އެކަށޭނަ އަގުތަކުގައި ބޯހިޔާވަހިކަން އޮތީ ސަރުކާރުން ފޯރުކޮށްދީފައެވެ. ދަތުރުފަތުރު ކޮށްއުޅުމަށް ބޭނުންވާނެ ހުރިހާ ވަސީލަތެއް ބިނާކުރަމުން ގެންދަނީ ދުނިޔޭގެ އެހެން ގައުމުތަކަށް ނަމޫނާ ދައްކަމުންނެވެ.
އެމެރިކާގެ މަޝްހޫރު އިގްތިސާދީ މާހިރަކު މީޑިއާތަކަށް ވާހަކަދައްކަމުން ބުނެފައިވާގޮތުގައި ގައުމަކަށް މެދުވެރިވާނެ އެންމެ ނުރައްކާތެރި އަޅުވެތިކަމަކީ ދަރަނިވެރިވުމެވެ. ގައުމުތަކަށް ލިބޭ އާމްދަނީއާއި ގުދުރަތީގޮތުން އެ ބަޔަކު ދިރިއުޅުމަށް ބޭނުންވާ ވަސީލަތްތަކާއި ތަނަވަސްކަން ހެޔޮގޮތުގައި ބޭނުން ކުރަމުން ގެންދާނަމަ އެ ގައުމެއްގެ ރައްޔިތުން އިގްތިސާދީ އަޅުވެތިކަމުން ބަނދެވިގެން ނުދާނެއެވެ. ގައުމުތަކުގެ ރައްޔިތުންގެ މާލީ ނުކުޅެދުމުގެ އސްލަކީ ވެރިކަމުގައި ތިބޭ ބަޔަކު އެ މީހުންގެ ވެރިކަން ދެމެހެއްޓުމަށްޓަކައި ތަފާތު ގޮތްގޮތުން ގައުމުގެ ޚަޒާނާއިން ވައްކަން ކުރަމުން ގެންދިއުމެވެ. ގައުމަށް ލިބިފައިވާ ގުދުރަތީ މުއްސަނދި ކަމާއި ރައްޔިތުން އަތުން ނަގާ ޓެކްސް އިން ގައުމު ބިނާކުރުމުގެ ބަދަލުގައި ހޭދަކުރަމުން ގެންދަނީ ވެރިކަން ދެމެހެއްޓުމުގެ ބޭނުމުގައި ވަޒީފާދީގެން ގެންގުޅެންޖެހޭ ސިޔާސީ މަގާމުތަކާއި އެހެނިހެން ޗަމްޗާގިރީތަކަށް ޚަރަދު ކުރުމަށެވެ. ދެވަނަ ދުނިޔެއޭ މިކިޔާ ގައުމުތަކުގެ ސަރުކާރުން ބޭނުންވީމާ ކޮންމެވެސް ބަހަނާއެއް ދައްކާފައި ފައިސާ ޗާޕުކުރުމަކީ ވެރިކަމުގައި ތިބޭ ބަޔަކަށް އުދަނގޫ ކަމަކަށް ނުވާނެއެވެ. އެކަމަކު މަސައްކަތުމީހާއަށް ޖެހޭނީ ދިރިއުޅުމުގެ ޚަރަދުތަކަށްޓަކައި ރެޔާ ދުވާލު ގަނަތެޅޭށެވެ. ބޭންކުތަކުގެ އަމާޒަކީވެސް ރައްޔިތުން އަމިއްލަ ފައިމައްޗަށް ތެދުވެދާނެ މަގުތައް ބަންދުކުރުމޭ ބުނެވިދާނެއެވެ. ގެދޮރު އިމާރާތްކުރުމާއި މަތީ ތައުލީމް އުނގެނުމަށް ދަރަންޏަށް ދޭ ފައިސާ އަކީވެސް އެއިން ސަލާމަތްވުން އުދަނގޫ ނިޒާމެއްގެ މަތީގައި ރާވާފައި އޮންނަ އަޅުވެތިކަމެކޭ ބުނެވިދާނެއެވެ. ދިވެހިންގެ މި ކުޑަކުޑަ އާބާދީގައި ހިމެނޭ ބޭންކުތަކަށް ލިބޭ ފައިދާގެ މިންވަރު ހާމަކުރަމުންގެންދަނީ ފަޚުރުވެރިކަމާއެކުގައޭ ބުނެވިދާނެއެވެ. ހަމަ މިނޭވާގައި ރަނގަޅުވަޒީފާއެއް ލިބުމަކީ ހާސިލުކުރެވިފައިވާ ތައުލީމެއްގެމައްޗަށް ބިނާކޮށް މި ރާއްޖޭގައި ލިބިދާނެއެއްޗެކޭވެސް ނުބުނެވޭނެއެވެ. ދުނިޔޭގެ އާބާދީގެ ނިސްބަތުން ދިވެހިރާއްޖެއަށްވުރެން ތައުލީމީ އާބާދީއެއް ނެތޭ ބުނެވިދާނެއެވެ. އެކަމަކު ރަނގަޅު މުސާރައެއް ލިބޭނެ ވަޒީފާއެއް ބޭނުންނަމަ ސިޔާސީ ގޮތުން ބާރުވެރި ފަރާތެއްގެ ސިފާރިޝް ބޭނުންވާނެއެވެ.
މަދަރުސާތަކުގެ ފިލާވަޅުތައްވެސް ތައްޔާރުކޮށްފައިހުންނަނީ ވަކި ފިކުރެއް ދަރިވަރުންގެ ސިކުނޑީގައި އަށަގެނައުމުގެ އަމާޒުގައެވެ. ދިވެހިރާއްޖޭގެ މަދަރުސާތަކުގައި އެއްދުވަސްވަރަކު އިނގިރޭސި ބަސް އުނގަންނައި ދިނުމަށް ބޭނުންކުރަމުން ގެންދިޔަ ފޮތާބެހޭގޮތުން އޭރުގެ މަޖީދިއްޔާ ސްކޫލްގެ ސުޕަރވައިޒަރަކަށް ހުންނެވި ބޭފުޅާ ހިތްހަމަ ނުޖެހިގެން ތައުލީމާބެހޭ ވުޒާރާއަށް ޝަކުވާ ކުރައްވައި އެކަން ބަދަލު ކުރެއްވިކަމަށް ވެއެވެ. އެ ބޭފުޅާގެ ޝިކާޔަތުގައި ތައުލީމާ ބެހޭ ވުޒާރާއަށް ދަންނަވާފައިވަނީ ދިވެހި ދަރިވަރުންނަށް އިނގިރޭސިބަސް އުނގަންނައި ދިނުމަށްޓަކައި އިނގިރޭސި ވިލާތުގައި އިނގިރޭސި ދަރިވަރުންނަށް އިނގިރޭސިބަސް އުނގަންނައި ދޭން ބޭނުންކުރާ ފޮތް ބޭނުންކުރުމުގެ ބަދަލުގައި އިސްތިއުމާރު ކޮށްގެން ގެންގުޅުނު ގައުމުތަކުގެ ދަރިވަރުންނަށް އިނގިރޭސި ބަސް ކިޔަވާދޭން ބޭނުންކުރާ ފޮތް ބޭނުންކުރަންޖެހެނީ ކީއްވެގެންތޯ ވިދާޅުވެފައި ވެއެވެ. އަޅުގަނޑުމެންގެ މިއަދުގެ ސްކޫލެއްގައި މިވަރުގެ ކެރުންތެރިކަން ހުރި ސުޕަރވައިޒަރުން އިންތިހާއަށް ވަނީ ބޭނުން ވެފައެވެ. އެ ސަބަބުތައް ދިވެހި ކޮންމެ މަޔަކާއި ބަފައަކަށް އެނގޭނެއެވެ. ސްކޫލްގެ ވާހަކަ މިފާހަގަކޮށްލީ ދިވެހި ގައުމުގެ މުސްތަގްބަލް ކުރިއެރުމާއި ފަހަތަށް ދިއުން އޮތީ އެ ދަރިވަރުންނަށް ދެވޭ ތައުލީމަކާއި ތަރުބިއްޔަތަކާއި ގުޅި ލާމެހިފައި ކަމަށް ވާތީއެވެ.