ޣައްޒާގެ ވަގުތީ އިދާރާގެ އިސްވެރިއަކަށް، އެތައް މިލިއަން މުސްލިމުންގެ ލެއިން ފޯވެފައިވާ ޓޯނީ ބްލެއަރ ހުށަހެޅުމަށް ވައިޓް ހައުސްއިން ތާއީދު ކުރަމުންދާ ކަމަށް އިޒުރޭލުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.
އެ ޕްލޭންގެ ދަށުން، ޓޯނީ ބްލެއަރ އިސްވެ ހުރެ މަސައްކަތް ކުރަން ހަމަޖެހިފައިވަނީ، ”ގާޒާ އިންޓަނޭޝަނަލް ޓްރާންސިޝަނަލް އޮތޯރިޓީ (ޖީ.އައި.ޓީ.އޭ) ގައެވެ. ޣައްޒާގެ އެންމެ މަތީ ސިޔާސީ އަދި ޤާނޫނީ އޮފީހަކަށް ވެގެންދާނީ އެ އޮތޯރިޓީއެވެ. އަދި ފަސް އަހަރު ދުވަހުގެ މުއްދަތަށް ޓޯނީ ބްލެއަރ އިސްކޮށް ހުރެގެން މި އޮތޯރިޓީ ހިންގާގޮތަށް ވަނީ ހަމަޖެހިފައެވެ. މި އޮފީހުގެ މަސައްކަތަކަށް ވާނީ، ޣައްޒާ އަލުން ބިނާކޮށް، އާރާސްތުކުރުމުގެ މަސައްކަތް ހިންގާ ބެލެހެއްޓުމެވެ.
ޣައްޒާގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ހަމަޖެހިފައިވަނީ މައިގަނޑު ގޮތެއްގައި ޢަރަބި ބާރުތައް ހިމެނޭ ބައިނަލް އަޤުވާމީ ލަޝްކަރަކުން ކަމަށް ވެސް، ވައިޓް ހައުސްއިން ރިޕޯޓްކޮށްފައިވެއެވެ.
ޓޯނީ ބްލެއަރ އަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ޚިލާފަށް އެމެރިކާއާއި ގުޅިގެން ޢިރާޤާއި އަފްޣާނިސްތާނަށް ހަމަލާދީ، އެ ޤައުމުތައް އިސްތިޢުމާރުކޮށް އެތައް މިލިއަން މުސްލިމުންނެއް މަރާލާފައިވާ ބޮޑު ޤާތިލެކެވެ. އޭގެ އިތުރުން، އެ ޤައުމުތަކުގެ މަރުކަޒީ ބޭންކުތަކުގައި ހުރި އެތައް ޓަނެއްގެ ރަނާއި، ރިއްސާއި އަދި އެހެނިހެން ވަޞީލަތްތައް ފޭރިގެންފައިވާ، ބޮޑު ވަގެކެވެ.
ޢިރާޤު ހިފުމަށްފަހު، ޢިރާޤު އާރާސްތުކުރި ގޮތްވެސް، އެ އޮތީ ފެންނާށެވެ. ޢިރާޤު އާރާސް ތުކުރުމުގެ ނަމުގައި، އެމެރިކާގެ ރައްޔިތުންގެ ޓެކްސް ފައިސާގެ ތެރެއިން، އެތައް ބިލިއަން ޑޮލަރެއް ވަނީ، މި ވެރިން ޙިއްސާވާ ކުންފުނިތަކަށް ވަނީ ޓްރާންސްފަރ ކޮށްފައެވެ. ޓޯނީ ބްލެއަރއަކީ ހަނގުރާމައިގެ ކުށްވެރިއެކެވެ. އޭނާ ފަދަ ބޮޑު މުޖުރިމަކަށް، ވަކިން ޚާއްސަކޮށް ސަހުޔޫނީންނަށް ފަލަސްޠީނު ވިއްކާލި ބަޔަކަށް، ޤާނޫނީ ގޮތުންވެސް، އަޚުލާޤީ ގޮތުންވެސް، ފަލަސްޠީނުގެ ކަންކަމުގެ ތެރެއަށް ވަނުމުގެ އެއްވެސް ޙައްޤެއް ލިބިގެން ނުވެއެވެ.