އަހަރެންގެ ނަމަކީ ވެރޯނިކާއެވެ.އުމުރަކީ 70 އަހަރެވެ. އަހަރެން ދިރިއުޅެނީ ހާޑްވެއާ ސްޓޯރެއްގެ މަތީ ހުންނަ އެޕާޓްމެންޓެއްގައި އެކަންޏެވެ. އަހަރެންނަކީ މާތަނަވަސް މީހެއް ނޫނެވެ.ނަމަވެސް ފައިސާކޮޅެއް ޖަމާވެފައި ހުރުމާއި އަދި އުމުރުން ދުވަސްވީ މީހުންނަށްދޭ ޕެންޝަން ލިބޭތީ އުޅެވޭ ވަރު ވެއެވެ. އަހަރެންގެ އެޕާޓްމަންޓުގެ ބޭރުގައި ބެލްކަނީގައި އަހަރެންވަނީ ބޭނުންހިފޭ ބައެއް ކަހަލަ ފަތާއި ތަރުކާރީ އިންދާފައެވެ. މިންޓް ފަތާއި ތައިމްއެވެ. އަދި ރޯޒްމޭރީއެވެ.މީގެ އިތުރން ޓޮމާޓޯ އާއި މިރުސްފަދަ ބާވަތްތައްވެސް އަހަރެންވަނީ އިންދާފައެވެ. އަދި މިތަކެތީގެ ފައިދާ އަހަރެންނަށް ކުރަމުން ދެއެވެ.
ގެޔަށް ބޭނުންވާ ތަކެތި ގަތުމަށްޓަކާ އަހަރެން ކޮންމެ ހުކުރު ދުވަހަކު ސުޕަމާކެޓަށް ދަމެވެ.މިގޮތަށްދާ ކޮންމެ ދުވަހަކުވެސް އަހަރެންދަނީ އެއްގަޑިއެއްގައި އެއްތަނަކަށެވެ. ގޮސްފައި ނަގާ އެއްޗެތި އެޅުމަށްޓަކާ ނަގަނީވެސް އެއްކަހަލަ ކާޓް އެކެވެ. މިހެން ދާފަހަރު ތަކުގައި އަހަރެން ގަންނަ އެއްޗެހީގެ ތެރޭގައި ސައިފަތް، ޕާން ދަޅުގައި ހުންނަ ސުޕް ފަދަ އެއްޗެތި ހިމެނެއެވެ.އަދި ހަމަ ކޮންމެ ދުވަހަކުވެސް އަހަރެން ޗޮކްލެޓެއް ގަންނަމެވެ.އަމިއްލަ ނަފްސަށް ދޭ ހަދިޔާއެއްގެ ގޮތުގައެވެ.
ވިއްސާރަވެސް ވެހެމުން ދިޔަ ދުވަހަކު ސުޕަމާކެޓަށް ގޮސް ތަކެތި ނެގުމަށްފަހު ފައިސާދެއްކުމަށް ޓަކާ ކިއުގައި މަޑުކޮށްގެން ހުންނަންޖެހުނީ ޒުވާން އަންހެނެއްގެ ފަހަތުގައެވެ.އޭނާހުރީ ކުޑަކުޑަ ދެކުދިން ގޮވައިގެންނެވެ.އުރާފަ އިންކުއްޖާއަށް އޭރުވެސް މަޑުމަޑުން ރޮވެވުން ދަނީއެވެ. ދެން ކައިރީގައި ހުރި ކުއްޖާ ހުރީ ކުޅޭ ކުޅޭ މުސަޅެއް ހިފައިގެންނެވެ. މުސަޅުގެ އެއްލޮލެއް ނެތެވެ.
އަހަރެން ބަލަހައްޓައިގެން މަޑުމަޑުންހުއްޓާ ޒުވާން އަންހެންމީހާ އޭނާނެގި އެއްޗެތި ކައުންޓަރު މަތީގައި އަތުރަން ފެށިއެވެ. ކިރާއި ބިހެވެ.ހަނޑޫ ، ގަނޑުކުރި ތޮޅިއޮށް ދަޅު، ޕާން އަދި ޑައެޕަރެވެ. އަންހެންމީހާގެ އަތް އޭރު ތުރުތުރު އަޅަމުން ދެއެވެ.
ހުރިހާ އެއްޗިއްސަށް ވަނީ 38.76 ކަމަށް ބުނުމުން އަންހެން މީހާ ގަނޑުވި ކަހަލަ އެވެ. ނަމަވެސް ފައިސާދެއްކުމަށް ކާޑެއް ނަގާފަ ދިއްކޮށްލިއެވެ. މެޝިނުން ދެއްކީ ކާޑުގައި ފައިސާނެތް ކަމަށެވެ. އޭނާ ދެވަނަ ކާޑެއްވެސް ނެގިއެވެ.ނަމަވެސް އެކާޑުންވެސް ފައިސާއެއް ނުކެނޑުބެވެ. އެވަގުތު އަންހެންމީހާ ސިއްރު ސިއްރުން ކޭޝިއަރު ކައިރީ އެއްޗެކޭ ބުންޏެވެ. ”މިލްކާ ބްރެޑް އަނބުރާލަން ހެއްޔެވެ.“ މިހެން ބުނި ވަގުތު އަންހެން މީހާއަށް ރޮވެން އުޅުނު ކަހަލަ އެވެ. އެވަގުތު ވިސްނާލުމަކާނުލާ އަހަރެންގެ ކާޑު ނަގާ ކޭޝިއަރު އަތަށް ދީފައި ބުނީމެވެ. ”އަހަރެންގެ ކާޑުން ހުރިހާ އެއްޗެހި ކަނޑާލާށެވެ.“
އަންހެންމީހާ ދެލޯބޮޑުވިއެވެ. އަދި އެނބުރި އަހަރެންނާ ދިމާލަށް ބަލާލަމުން އަހަރެންގެ އަތުން ފައިސާ ނުނެގޭނެ ކަމަށް ބުންޏެވެ. އަހަރެންވެސް ހަމަ ވިއްދާފަ ފައިސާނެގޭނެ ކަމަށް ބުނީމެވެ. އަދި އަހަރުމެން ކޮންމެ މީހަކީވެސް ބައެއްފަހަރު މިފަދަ އެހީތެރިކަމަށް ޖެހޭ މީހުނޭ ބުނަމުން، އޭނާ ޝުކުރުގެ ބަސްތައް އޮއްސާނުލަނީސް އަހަރެންގެ ކޮތަޅު ހިފައިގެން އެތަނުން އަވަސް އަވަހަށް އަހަރެން ނިކުމެގެން ހިނގައްޖައިމެވެ.
އަހަރެން އެކަންތައް ކުރީ ކޮންމެހެން ޝުކުރިއްޔާ އެއްގެ ބޭނުމަކު ނޫނެވެ.
އަހަރެންގެ ޒުވާން އުމުރު އަހަރެން ހަނދާން އެބަހުއްޓެވެ.ކުޑަ ދަރިޔަކު ހުއްޓާ ފިރިމީހާ ދޫކޮށްލާފަ ދިއުމުން އުޅެން ޖެހުނު ދަތި ހާލު ހަނދާން އެބަހުއްޓެވެ. ހަމަ އެގޮތަށް ފިހާރައެއްގެ ކިއުގައި ނެގިއެއްޗިއްސަށް ފައިސާ ނުދެއްކިފައި އަހަރެން ހުރީމެވެ. ނަމަވެސް އެދުވަހު އެކަކުވެސް އަހަރެންނަށް އެހީތެރިއެއް ނުވިއެވެ. ދަބަހުގައި ހުރި ވަކިލާރިކޮޅާއިއެކު އެގޮތަކުން މިގޮތަކުން ލާރި ހަމަކޮށް، ބިލު ދައްކާފަ ގެޔަށް ދިޔައީއެވެ.
މިދުވަހު އަހަރެން ގެޔަށް ދިޔަފަހުން ކަންތައް ތަކެއް ހިނގަމުން ދިޔަކަމެއް އަހަރެންނަކަށް ނޭގެއެވެ.
އަހަރެން އެހީތެރިވި އަންހެން މީހާ އަކީ ލައިލާ ނަމަކަށް ކިޔާ މީހެއް ކަމަށް ވެއެވެ. އޭނާއަށް ދިމާވި ކަންތައްތަކުގެ ވާހަކަ އޭނާވަނީ ފޭސްބުކް ކޮމިޔުނިޓީ ގްރޫޕެއްގައި ލިޔެފައެވެ. އޭނާ ލިޔެފައި ވެއެވެ. ”އަހަރެން ނުވެސް ދަންނަ އުމުރުން ދުވަސްވީ އަންހެނަކު މިއަދު އަހަރެންގެ ގްރޯސަރީ ބިލު ދައްކާދިނެވެ.އޭނާ އަހަރެންނަށް ލެކްޗަރެއް ނުދެއެވެ. ބަދަލުގަ އެއްޗެއް ދިނުމަކަށް ނޭދެއެވެ. ފައިސާ ދައްކާދިނުމަށްފަހު އަވަސް އަވަހަށް ހިނގައްޖެއެވެ.އަހަރެން އެދުވަހުގެޔަށް ދަމުން ރުއީމެވެ.އަހަރެންގެ ކުދިންނަށް އެރޭ ކާއެއްޗެއް ދެވުނީ އޭނަގެ ހެޔޮ އަމަލުގެ ސަބަބުންނެވެ. މި މާމައަކީ ތިޔައިން އެއްވެސް މީހަކު ދަންނަ މީހެއްނަމަ ބުނެދޭށެވެ. އޭނަ ކޮށްދިން ކަންތަކުގެ ބަދަލުގައި ޝުކުރިއްޔާ މިބަސް ބުނެލުމުން އެކަނި ނުފުދޭނެ ކަމަށް ބުނެދޭށެވެ.“
މިޕޯސްޓް ލުމާއި އެކު މީހަކު ކޮމެންޓް ކޮށްފައި ވެއެވެ. ”ތިޔަބުނާ މާމަ ހުރީ ރީދޫ ކުލައިގެ ވިއްސާރަ ކޯޓެއް ލައިގެން ހެއްޔެވެ؟“ އެހެން މީހަކު ލިޔެފައި ވެއެވެ.“އޭނާއުޅެނީ ޓޮމްސަންސް ހާޑްވެއާ ގެ މަތީގަ ހުންނަ އެޕާޓްމަންޓެއްގައެވެ.ކޮންމެ ދުވަހަކު ހެނދުނު ގަސްތަކަށް ފެންދޭން ހުއްޓާ އަހަރެން ދެކެމެވެ.“ މިގޮތަށް އެތައްބަޔަކު އައީ ކޮމެންޓް ކުރަމުންނެވެ. މިގޮތުން އަހަރެންނަކީ ކާކުކަމާއި އަހަރެން އުޅޭ ތަން ލައިލާއަށާ ޕޯސްޓްކީ އެންމެނަށް ވަނީ އެނގިއެވެ.
އޭގެ ދެތިން ގަޑިއިރު ފަހުން މީހުން އަހަރެން އުޅޭ އެޕާޓްމަންޓަށް އަންނަން ފެށިއެވެ. ކެމެރާ ހިފައިގެން ފޮޓޯނަގާ ހަބަރަށް އަރުވާކަށް ނޫނެވެ. ހެޔޮއެދޭ އަވަށްޓެރިންނާއި އެހެންވެސް މީހުންނެވެ. ކޮންމެ މީހަކުވެސް އަންނަމުން ހަދިޔާއެއް ގެނެއެވެ. މާބޮޑިއެކެވެ. ގޭގައި ހަދާފައިވާ ޖޭމް ފުޅިއެކެވެ. ބޮލުގައި އައްސާނެ ރީތި ސްކާފެކެވެ. އަދި ނޫނީ އަތުން ވިޔެފައިވާ ކޮންމެވެސް އެއްޗެކެވެ.
ޒުވާން ކުއްޖަކު ނޯޓެއް ލިޔެފައި ވެއެވެ. ”މާމަ ތިކޮށްދިން ކަންތަކުގެ ބަދަލުގައި އަހަރެންވެސް އެފަދަ ކަމެއް ކޮށްދޭން ބޭނުން ވެއެވެ. އަހަރެންނަކީ ކުދިންނަށް ޓިއުޝަން ދޭ މީހަކީމެވެ. މިއަދުން ފެށިގެން އަހަރެންވެސް ހިލޭ ކުދިން ކޮޅަކަށް ޓިއުޝަން ދޭނަގަސްތު ކުރަމެވެ.“
އޭގެފަހުންވެސް އެކިމީހުން ސިޓީ ތަކާއި ނޯޓުތައް ފޮނުވަމުންގެންދިޔައެވެ. ނަރުހަކު ލިޔެފައި ވެއެވެ. ޕޭޝަންޓެއް ހިތްހަމަ ޖައްސާދިނުމަށް މިއަދު އަހަރެން ޑިއުޓީ ނިމުމުންވެސް މަޑުކުރީމެވެ. މާމަ މަތިން ހަނދާންވެފައެވެ.“
ޑްރަގް މައްސަލަޔަށްފަހު ފަރުވާ ހޯދަމުން ދިޔަ ޒުވާނަކުވެސް ލިޔެފައި ވެއެވެ.“އަހަރެންނަށް ހޮވުނު ވޮލެޓެއްވެސް އަހަރެން އަނބުރާ ދިނީމެވެ. މާމަގެ މަތިން ހަނދާންވެފައެވެ.“
މިހުރިހާ ކަމެއް ހިނގާއިރު ލައިލާ ކޮބާހެއްޔެވެ؟ އޭނަ މިދިޔަ ހަފްތާގައި ދެކުދިން ގޮވައިގެން އަހަރެންގެ ގެޔަށް އައެވެ. އައިސް އަހަރެންގެ ގޭގެ ބެލްކަނީގައި އިދެ ސައިވެސް ބުޔެވެ.ކުޑަ ކުއްޖާ އަހަރެންނަށް އޭނަގެ ލޯނެތް މުސަޅު ދީފައި ބުންޏެވެ. ”ރެބިޓް މާމަ ދެކެ ވަރަށް ލައިކް ވެއެވެ.“
އަހަރެން މިހާރުވެސް ކޮންމެ ހުކުރު ދަވަހަކު ސުޕަމާކެޓަށް ދަމެވެ. ގަންނަނީ ހަމަ އެކައްޗެހި ތަކެކެވެ. އެހެން ނަމަވެސްމިހާރު ބައެއްފަހަރު ޗޮކްލެޓަށް އެކަނި ނަމަވެސް ފައިސާ ދޭން އެހެން މީހުން އަވަސްވެގަނެއެވެ. އަހަރެންވެސް އެމީހުން ނުހުއްޓުވަމެވެ.
މިފަދަ ހެޔޮ އަމަލް ތަކަކީ ހުއްޓިގެން ވާނެ ކަންކަމެއް ނޫނެވެ.މީހަކު ހިއްވަރާއެކު ފަށައިފިނަމަ އެކަން ދާންޖެހޭނީ ކުރިޔަށެވެ.
މީހަކަށް އުއްމީދެއް ދިނުމަށް ފައިސާ މުހިންމު ނޫންކަމަށްބުނާ މީހުންނާ އަހަރެން އެއްބަހެއްނުވަމެވެ. އެހެން ހީވާ މީހެއް ނަމަ ދަތިހާލުގައި ހުރި މީހަކާދިމާލަށް ބަލާލާށެވެ. އަދި އެއީ ތިމާވެސް އުޅެން ޖެހުނު ގޮތެއް ކަން ހަނދާން ކޮށްލާށެވެ. އޭރުން އެހީތެރިކަމުގެ އަތެއް ދިއްކޮށްލަން ފަސޭހަވާނެއެވެ.
ދުނިޔެއަކީ ހަގީގަތުގައި ރަގަޅު، އެންމެންނަށް ފާގަތި ތަނަކަށް ވާނީ އޭރުންނެވެ. އެހެންވާނީ ކޮންމެހެން ސްޓޭޖްތަކަށް އަރާ ދޭ ބޮޑެތި ބޮޑެތި ތަގްރީރު ތަކަކަން ނޫނެވެ.އަދި ހަބަރު ހެޑްލައިން ތަކަކުންވެސް ނޫނެވެ.އަމަލީ ގޮތުން މީހަކަށް ވެދޭ އެހީއަކުން ނެވެ. އެކަކު އަނެކަކަށް އޯގާތެރި ވުމާއި އެކު، އިއުލާން ކުރުމެއް ނެތި ސިއްރިޔާތުގައި ހިންގާ އެހީގެ ކަންކަމުންނެވެ.
މިވާހަކައިން އަސަރެއް ކުރިނަމަ އިތުރު މީހުންނާ ވާހަކަ ހިއްސާ ކޮށްލައްވާށެވެ.
*މިއީ ”އެސްޓޮނިޝިންގ“ ކިޔާ ފޭސްބުކް ޕޭޖެއްގައި މޭރީ ނެލްސަން ކިޔާ މީހަކު ލިޔެފައިވާ ލިއުމެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ލިއުމެކެވެ.
![]()
