އިންޑިޔާގެ އާލްއާބާދުގެ ހައިކޯޓުގައި މިވަގުތު އެއްމިލިއަނަށްވުރެ ގިނަ ކޭސް ނުބެލި ބެކްލޮގް ވެފައިވާކަން ހާމަ ވެއްޖެ އެވެ.
އަލާހްއާބާދުގެ ހައިކޯޓަކީ ފުރަތަމަ ބޮޑުވަޒީރު ޖަވާހަރްލާލް ނެހްރޫ އެތަނެއްގައި މަސައްކަތް ކުރެއްވުމުގެ ސަބަބުން މަޝްހޫރު ވެގެން ދިޔަ ތާރީޚީ ބިނާއެއްނަމަވެސް މިފަހަރު ހަބަރު ހެޑްލައިން ތަކަށް އަރާފައި މިވަނީ ތަފާތު ސަބަބަކާ ހުރެއެވެ.
އަލާހްއާބާދު ހައިކޯޓުގައި ނުބެލި ވިހި ތިރާސް އަހަރުވަންދެން ބެހެއްޓިފައިވާ މައްސަލަ ތަކުގެ ތެރޭގައި ޖިނާއީ މައްސަލަތަކާއި ޕްރޮޕަޓީ އާއި ބެހޭ މައްސަލަ ތަކުގެ އިތުރުން އާއިލީ ދެބަސް ވުމުގެ ތެރޭން ހުށަހަޅާފައިވާ، ނިސްބަތުން އާދައިގެ މައްސަލަތައް ހިމެނެއެވެ. އުއްތަރު ޕްރަދޭޝްއަކީ އެންމެ އާބާދީ ބޮޑު ސްޓޭޓް ކަމަށްވާއިރު، އެތަނުގެ ޖަސްޓިސް ނިޒާމް ރަގަޅަށް ކުރިޔަށް ނުދާތީ އާންމު ރައްޔިތުންނަށް ވަނީ ވަރަށް ބޮޑު ތަކްލީފް އަކަށް ވެފައެވެ.
އުމުރުން 73 އަހަރުގެ ބާބޫރާމް ކިޔާދިން ގޮތުގައި މުދަލެއްގެ މިލްކުވެރިކަމުގެ މައްސަލައެއް އޭނާ ކޯޓަށް ހުށަހަޅައުގެން އުޅޭތާ މިހާރު ތިރިސް އަހަރަށް ވުރެ ގިނަ ދުވަސް ވެފައި ވެއެވެ. އަދި އޭނާ މަރުނުވަނީސް މިކަން ނިމޭނެ ކަމުގެ އިންތިޒާރުގައި ހުރި ކަމަށް ބުނެފައި ވެއެވެ. ބާބޫރާމް ގެ މައްސަލަ އަކީ ނީލަމުގައި މީހަކު ވިއްކި ބިމެއް އޭނާ 1992 ވަނަ އަހަރު ގަތް މައްސަލަ އެކެވެ. އޭނަ ބިން ގަތް ނަމަވެސް ވިއްކި މީހާ ފަހުން ވަނީ ބިމުގެ މިލްކިއްޔާތަށް ދައުވާ ކޮށްފައި ކަމަށް ވެއެވެ. އަދި ދެމީހުން ދެބަސްވެ މައްސަލަ ކޯޓަށް ހުށަހެޅީއެވެ.
އަލާހްއާބާދު ހައިކޯޓުގެ މައްސަލަ އަކީ މުޅި އިންޑިޔާގެ ޖުޑީޝަރީ އަށްވެސް ކުރިމަތިވެފައިވާ މައްސަލަ އެކެވެ. ކޯޓުތަކުގައި ފަޑިޔާރުން ތިބުމަށް ކަނޑައަޅާފައިވާ ފުލް އަދަދަށް ގިނަ ތަންތަނުގައި މީހުން ނުތިބޭ ކަމަށް ވެއެވެ. މިހެން ދިމާވަނީ އަލަށް މީހުން ލެއްވުމަށް އޮންނަ އުސޫލުތައް އުނދަގޫވެފައި ޕްރޯސެސް ދިގު ކަމުން ކަމަށް ވެއެވެ.
އަލާހްއާބާދު ހައިކޯޓުގެ ބެކްލޮކް އެންމެ ބޮޑަށް ސަމާލުކަމަށް އައި އެއްކޭސް އަކީ އެޕްރިލްމަހު ނިންމުނު،ރޭޕް ކޮށް މަރާލެވުނު އަންހެނެއްގެ ކޭސްއެވެ. އެމައްސަލަ 40 އަހަރަށް ވުރެ ގިނަ ދުވަހު ކޯޓުގައި އޮތުމަށްފަހު އެޕްރިލް މަހު ނިންމި އިރު މައްސަލައިގައި ހިމެނުނު ފަސް މީހުންގެ ތެރެއިން ހަތަރު މީހުން ވަނީ މަރުވެސް ވެފައެވެ. ދުނިޔޭގައި ހުރި ހަމަ އެކަނި މީހާއަށް ކޯޓުން އެންގީ ކުށް ގަބޫލު ކޮށް ”ސަރެންޑާ“ ކުރުމަށެވެ. އަދި މިމައްސަލަ މިހާ ދިގުލައިގެން ދިޔައީތީ ހިތާމަ ކުރާކަމަށް ފަޑިޔާރު ބުނެފައި ވާކަމަށް ވެއެވެ.
އަލާހްއާބާދު ހައިކޯޓުގައި ފަޑިޔާރުން މަދު ކަމުގެ މައްސަލަ ސުޕްރީމް ކޯޓުގެ ސަމާލު ކަމަށް އައިސްފައި ވީނަމަވެސް މިދިޔަ އަހަރުވެސް އިތުރަށް ލެއްވީ އެންމެ ފަޑިޔާރެއް ކަމަށް ވެއެވެ. ނަމަވެސް މިއަހަރު މިހާތަނަށް 40 ޖާގަ އިތުރު ކުރެވި މިދިޔަ ހަފްތާގައި 24 ފަޑިޔާރުން އިތުރު ކޮށްފައި ވާކަމަށް ވެއެވެ. ނަމަވެސް އިތުރު ކުރި ފަޑިޔާރުންނާއެކު އެންމެން ފުލް ކޮން މަސައްކަތް ކުރިނަމަވެސް ކޮންމެ ފަޑިޔާރަކު 7000ޕެންޑިންގ ކޭސް ބަލަން ޖެހޭނެއެވެ.
![]()
