ޕޭ ހާމަނައިޒޭޝަންގެ ތެރޭން މިހާތަނަށް މުސާރަ ބޮޑުވެފައިނުވާ ސިވިލް ސަރވިސް، ޝަރުޢީ ދާއިރާ، އަދި ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރަ މި އަހަރުގެ ނޮވެމްބަރު 1 ން ފެށިގެން ބޮޑުކުރުމަށް ނިންމަވާފައިވާކަން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.
މިކަން ހާމަކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓުގައި އެމަނިކުފާނު ވިދާޅުވީ، މި އަހަރުގެ ރިޔާސީ ބަޔާނުގައި މި ފަރާތްތަކުގެ މުސާރަ މި އަހަރު ބޮޑުވާނެކަމަށް ވާނީ ވިދާޅުވެފައި ކަމަށެވެ.
ހަމަ އެއާއެކު، މި އަހަރު މުސާރަ ބޮޑު ނުވާ ހުރިހާ މުއައްސަސާއެއްގެ މުވައްޒަފުންނަށް 2026ގައި މުސާރަ ބޮޑުކުރައްވާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ސިވިލް ސަރވިސް މުވައްޒަފުންނާއި ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ހާމަނައިޒް ކުރުމަށް ބަޖެޓުގައި 500 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.