މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެއިން ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާާ ގުޅިގެން ހުޅުމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ އެޕާޓްމަންޓެއް ބަލައި ފާސްކޮށް ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
“ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި އެ ދެ އެޕާޓްމަންޓު ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި (24.06 ގުރާމް) އާއި 363 ގުޅަ މަނާބޭސް (37.6 ގުރާމް) ފެނިފައިވޭ. އަދި ކުށްކޮށްގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ 4500 އަށްވުރެ ގިނަ ރުފިޔާ ފެނިފައިވޭ“ ފުލުހުން ބުނެފައި ވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ށ. ފޭދޫ / މާވަސްގެ، އަޙްމަދު ސައްފާން (26އ) އާއި، މާލެ / ހމ. މާވަހަރު، ޝާނާ (32އ) އާއި، ފާރޫކް ޗޮކީދާރު / ބަންގްލަދޭޝް (50އ) އަދި ސަފިކް / ބަންގްލަދޭޝް (40އ) އެވެ.
މި ހަތަރު މީހުން ވެސް ހައްޔަރުކޮށްފައި ވަނީ މި ސެޕްޓެންބަރު މަހުގެ 23 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝާނާ (32އ) 10 ދުވަހަށް އަދި ދެންތިބި ތިން މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.