އަފްޣާނިސްތާނަށް ނިސްބަތްވާ އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖަކު މަތިންދާބޯޓެއްގެ ލޭޑިންގ ގިއަރ ކޮމްޕާޓްމަންޓް ގައި ފިލާ އިނދެ ދަތުރެއް ކޮށްފިއެވެ. އެބޯޓަކީ އަފްޣާނިސްތާންގެ ކާބުލް އިން ފުރައިގެން ޑެލްހީ އަށް ދަތުރު ކުރި ”ކާމް އެއާ“ ގެ މަތިންދާބޯޓެކެވެ.
އޮފިޝަލުން ހާމަ ކޮށްފައިވާ ގޮތުގައި ހޯމަ ދުވަހު ކުރި އެދަތުރަށްފަހު،ކުއްޖާ ފެނިފައިވަނީ ބޯޓު ޑެލްހީ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖެއްސުމުން އިންތަނުން ފައިބައިގެން ދާނެ ކޮޅެއް ނޭގިގެން ރަންވޭ މަތީގަ އުޅެނިކޮންނެވެ. ކުއްޖާ ފެނުމާއި އެކު ސެކިއުރިޓީ އޮފިޝަލުން ކުއްޖާ ހިފަހައްޓާ އެތައް ގަޑިއިރެއްވަންދެން ސުވާލު ކުރިކަމަށް ވެއެވެ. އަދި ފަހުން ވަނީ ހަމަ އެބޯޓުން އަނބުރާ އަފްޣާނިސްތާނަށް ފޮނުވާލާފައެވެ.
ކުއްޖާ ބުނި ގޮތުގައި އޭނާ މިކަން ކުރީ ހަމައެކަނި ވާނެ ގޮތެއް ބަލާލުމުގެ ޝައުގްވެރި ކަމުގައެވެ. ބޯޓުގެ ލޭންޑިންގ ގިއަރ ނުވަތަ ފުރޮޅު ކޮންޕާޓްމަންޓުގެ ތެރެޔަށް އޭނާވަނީ ކާބުލް އެއާޕޯޓުން ފުރަން ދިޔަ ފަސިންޖަރުންގެ ގްރޫޕަކާ އެކީ ގޮސް ކަމަށް ވެއެވެ. އޭނާ އަސްލު ބޭނުންވީ އީރާނަށް ދިއުމަށް ކަމަށާ އޭނާ އެރި ބޯޓު ދިޔައީ އީރާނަށް ނޫންކަމެއް އޭނާއަކަށް ނޭގޭ ކަމަށް ބުނެފައި ވެއެވެ. ފަހުން ސެކިއުރިޓީ ޗެކް ހެދުމުން ބޯޓުގައި އޭނާ އިން ތަނުން ރަތް ކުލައިގެ ސްޕީކަރެއް ފެނިފައިވާ ކަމަށާ އޭނާގެންދިޔަ ހަމަ އެކަނި އެއްޗަކީ އެސްޕީކަރު ކަމަށް ވެއެވެ.
ފަހަކަށް އައިސް މިގޮތަށް ބޯޓުން ބޭރުގެ އެކިތަންތާގައި ފިލާ ތިބެގެން މީހުން ދަތުރު ކުރަން މަސައްކަތް ކޮށްފައި ވެއެވެ. ނަމަވެސް ވަރަށް މަދު މީހަކު ނޫނީ ދިރިތިއްބާ ސަލާމަތް ނުވެއެވެ.
އެކްސްޕާޓުން ބުނާ ގޮތުގައި ބޯޓުގެ ފުރޮޅު ކޮމްޕާޓްމަންޓްގައި ފިލާތިބެ ދަތުރ ކުރަން އުޅޭ މީހުން، ބޯޓު ޖައްސަން ދާއިރު ހޭނެތޭ ގޮތް ވެއެވެ. މިހެން ވުމުން ފުރޮޅު ތިރިކޮށްލާވަގުތު މީހާ ވެއްޓުމުގެ ފުރުސަތު ބޮޑު ވެއެވެ.
ދެހާސް ބާވީސް ވަނަ އަހަރު އުމުރުން 22 އަހަރުގެ ކެންޔާގެ ރައްޔިތަކު އެމްސްޓަޑަމް އަށް ދަތުރުކުރި މަތިންދާބޯޓެއްގެ ފުރޮޅު ކޮމްޕާޓްމަންޓުގައި ދިރިއިންދާ ފެނިފައިވެއެވެ.
![]()
