ސެޕްޓެމްބަރ 17 ވަނަ ދުވަހުގެ ދުނިޔެއަށް ފެނިގެން އެ ދިޔައީ ދުނިޔޭގެ ބާރުތައް އަނެއްކާވެސް އެފުށް މިފުށަށް ޖެހުމުގެ ފެށުން ކަމުގައި ބެލެވިދާނެއެވެ. ސައޫދީ އެރޭބިއާއާއި ޕާކިސްތާނާ ދެމެގު ކުރެވުނު މިލިޓްރީ ދިފާއީ އެއްބަސްވުމަކީ ސިޔާސީ ގޮތުން ވެވުނު އާދައިގެ އެއްބަސްވުމެއް ނޫނެވެ. އެއްބަސް ވުމަށްފަހު ސައޫދީ އެރޭބިއާގެ ވަލީއަހްދު މުހަންމަދު ބިން ސަލްމާނު ޕާކިސްތާނުގެ ބޮޑުވަޒީރު ޝާހްބާޒު ޝަރީފް ގައިކޮޅުގައި ބައްދާލެއްވުމަކީ އާދައިގެ ބައްދާލުމެއް ނޫނެވެ. އެއީ ދެ ގައުމުގެ އެއްބައިވަންތަކަން ދުނިޔެއަށް ހާމަކޮށްދީ އެކަން ތަމްސީލުކޮށް ދިނުމެކެވެ.ކޮންމެ ހާލަތެއްގައިވެސް ކޮންމެފަދަ ބާރެއްގެ ކުރިމަތީގައިވެސް އަހަރެމެން ސާބިތުވެ ތިބޭނީ އެއްބައެއްގެގޮތުގައޭ ބުނެދިނުމެވެ.
ފަލަސްތީނުގެ ގައްޒާގައި އިސްރާއީލުން ހިންގަމުންގެންދާ ގަތުލު އާންމު ހުއްޓުވުމަކަށް ގެންއުމަށްޓަކައި ޔުނައިޓެޑް ނޭޝަންސްގެ ސެކިއުރިޓީ ކައުންސިލްގައި މިހާތަނަށް ފާސްކުރަން މަޝްވަރާކުރެވުނު 6 ވަނަ ގަރާރަށްވެސް އެމެރިކާއިން ވީޓޯ ކުރީވެސް ހަމަ އެދުވަހުއެވެ. ސެކިއުރިޓީ ކައުންސިލްގައި ހިމެނޭ 15 މެމްބަރުންގެ 14 މެމްބަރުންގެ ވިސްނުމާ ފިކުރާ ދެކޮޅަށް އެމެރިކާއިން މިފަހަރުގެ ގަރާރުވެސް އެމެރިކާއިން ވީޓޯ ކުރީއެވެ. އޭގެކުރިން ހުށައެޅުނު 5 ގަރާރު ވީޓޯ ކުރުމާއެކުގައިވެސް އެމެރިކާއިން ގެންދިޔައި ފަލަސްތީނުގެ ކުދިބޮޑު އެންމެން އަނިޔާވެރިކަމުގެ ހައްދުފަހަނަޅާފައިވާ ވަސީލަތްތައް ބޭނުންކޮށްގެން މަރާ ހުސްކުރުމަށް އިސްރާއީލަށް މަގުފަހިކޮށްދެމުންނެވެ. އަދި ބައެއްފަހަރު ސާފު ސީދާބަހުން އެކަން ދުނިޔެއަށް އިއުލާންވެސް ކުރަމުންނެވެ. ހަމާސް އާއި ގައްޒާ ވީރާނާކޮށްލައި އެ ބިމުގައި އެމީހަކު އުޅޭނެ ގޮތަކަށް އުޅެވޭނީ ޓްއަރިސްޓް ރިސޯރޓެއް ހަދާނެކަނަ އިއުލާން ކުރަމުންނެވެ. އެ ބިމަކީ އެމެރިކާގެ މިލްކެއްކަމުގައި ހަދާނެކަމަށް އިންޒާރު ދެމުންނެވެ. އަރަބިންގެ މުއްސަނދިކަން ބޭނުންކޮށްގެން އެއްވެސް ބެލުމެއްނެތި އަރަބިންގެ ލޭއޮހޮރުވަމުންނެވެ. ޔަމަނުން ފެށިގެން ސީރިޔާއާދެމެދުގައި ހިމެނޭ ގިނަ މުސްލިމް ގައުމުތަކެއް ވީދާ ކުދިކުދި ކުރަމުން ގެންދަނީއެވެ. އެފްރިކާ ތަރައްގީގެ ރަމްޒެއްކަމުގައި ބެލެވުނު ލީބިޔާ އަޅުވެތިކޮށް އެ ގައުމުގެ ލީޑަރ މަރާލާފައި ވަނީ މަގުމަތީގައި ނިދާފާއޮތް ވަލުކުއްތާއެކޭ އެއް ފަދައިންނެވެ.
މިހުރިހާ އަނިޔާވެރިކަމެއް އެމެރިކާ އިސްވެގެންއޮވެ އަރަބިންނާ ދޭތެރޭ ހިންގަމުން ގެންދާއިރު ކޮންމެވެސް ސަބަބަކާހުރެ ބާރުގަދަ އަރަބި ގައުމުތަކުން ތިބެވުނި ފަރުވާ ކުޑަކޮށްލައިގެނޭ ބުނެވިދާނެއެވެ. އިސްރާއީލުން ގަތަރަށް ދިން އުދުވާނަކީ އަރަބި ގައުމުތަކުގެ ވެރިން ނިދިން ހޭލައްވާލުން ކަމުގައި ގިނަ ސިޔާސީ ތަޖްރިބާކާރުން ގެންދަނީ ސިފަކުރަމުންނެވެ.
އިސްރާއީލުންގަތަރުގެ ވެރިރަށް ދޯހާއަށް ދިން ހަމަލާއާ ގުޅިގެން މެދުއިރުމައްޗަށް އަންނަމުންދާ ބަދަލުތަކުގެ ތެރޭގައި މިހާތަނަށް އެންމެ ޚާއްސަ ގޮތެއްގައި ފާހަގަކުރެވިފައިވަނީ ސައޫދީ އެރޭބިއާއިން ޕާކިސްތާނާއެކު ގާއިމްކުރި މިލިޓްރީގޮތުން ދިފާއީ އެއްބަސްވުމެވެ. މި އެސްބަސްވުމަކީ ސައޫދީ އެރޭބިއާގެ ވަލީ އަހްދު މުހަންމަދު ބިންސަލްމާނުގެ ސިޔާސީ ހަޔާތް ޕުޅުގައި މިހާތަނަށް ކުރެވުނު އެންމެ މުހިންމު އެއްބަސްވުންކަމަށް އެމަނިކުފާނު ދެކިވަޑައި ގަންނަވާކަމަށް ބައެއް މީޑިއާތަކުން ބުނެފައިވެއެވެ. ސައޫދީ އެރޭބިއާއިން ނިއުކްލިއަރ ޕާކިސްތާނާއެކު ކުރިމިލިޓްރީގޮތުން ދިފާއީ އެއްބަސްވުމަކީ ނޭޓޯ ސްޓައިލްގެ އެއްބަސްވުމެއް ކަމަށާއި އެއްވެސް ގައުމަކުން ޕާކިސްތާނަށް ނުވަތަ ސައޫދީ އެރޭބިއާއަށް މިލިޓްރީގޮތުން ދެވޭ ކޮންމެ ހަމަލާއަކީ 2 ގައުމަށް ދެވޭ ހަމަލާއަކަށް ވެގެންދާނެއެވެ.
ސައޫދީ އެރޭބިއާއާއި ޕާކިސްތާނުން ދީނީ ގޮތުންނާއި އިގްތިސާދީ އަދި ސަލާމަތީގޮތުންވެސް ވަރަށް ގާތް ގުޅުމެއް ގެންގުޅޭތާ ޒަމާންތަކެއް ވެއްޖެއެވެ. ބުނެވޭގޮތުންގައި ޕާކިސްތާނުގެ ނިއުކްލިއަރ ޕްރޮގްރާމަށް ސައޫދީ އެރޭބިއާއިން ހޭދަކުރަމުންވެސް ގެންދެއެވެ. އަދި ޕާކިސްތާނުގެ ނިއިކްލިއަރ މަޝްރޫއުގެ ކުޑަދަށުގައި ސައޫދީ އެރޭބިއާ ދެމެހެއްޓުމުގެ އިޝާރާތެއްވެސް ޕާކިސްތާނުނެގެ ސިޔާސަތުގެ ތެރެއިންވަނީ އަޑުއިވިފައެވެ.
ސައޫދީ އެރޭބިއާއިން ޕާކިސްތާނާއެކު މިލިޓްރީގޮތުން ދިފާއީ އެއްބަސްވުމަކަށް އައުމަކީ މެދު އިރުމަތީގެ ހަމައެކަނި ނިއުކްލިއަރ ބާރުކަމުގައި ފާޅުކަން ބޮޑުގޮތެއްގައި އެނގި ހާމަވެ އެކަމަކު ބާރުގަދަ ގައުމުތަކެއްގެ ނުފޫޒުގައި ދުނިޔެއަށް ސިއްރުކޮށްފައިވާ އިސްރާއީލުން ހަމާސް އާއި ޔަމަނާއި އީރާނާއި އަދި ލެބަނަން އާއި ސިރިޔާއަށް ހަމަލާދީ ވީރާނަކުރަމުން ގެންދާ ދުވަސްވަރެއްގައި އިސްރާއީލާއި އެމެރިކާއަށް ބަލާގަތުން ވަރަށް އުނދަގޫ ކަމަކަށްވަނީ ވެފައެވެ.
ސައޫދީ އެރޭބިއާއާއި ޕާކިސްތާނާ ދެމެދު މިލިޓްރީ ދިފާއީ އެއްބަސްވުމެއް ގާއިމްކުރެވުމުން ސައޫދީ އެރޭބިއާއިން އިސްރާއީލަކީ ދައުލަތެއްކަން ގަބޫލުކުރުވުމަށް އެމެރިކާއިން ކުރަމުން ދެންދާ މަސައްކަތް އަލުން އަތުނުޖެހޭ ހިސާބަށް ރެޑް ސީގެތެރޭގައި ވަޅުޖަހައިފިކަމަށް ބައެއް ސިޔާސީ ތަޖްރިބާކާރުން ބުނަން ފަށައިފިއެވެ. ސައޫދީ އެރޭބިއާއަށް އެއްވެސް ގައުމަކުން ހަމަލާއެއް ދީފިނަމަ އެއީ ޕާކިސްތާނަށް ދެވުނު ހަމަލާއެއްކަމަށް ބަލައި ރައްދު ދިނުމަށް ބޭނުންވާ ހުރިހާ ވަސީލަތެއް ބޭނުންކޮށްގެންވިޔަސް ސައޫދީ އެރޭބިއާގެ ދިފާއުގައި ޕާކިސްތާނުން ތެދުވާނެކަމަށް ސައޫދީ އޮފިޝަލަކު ވަނަވަރުތައް ހާމަނުކުރުން ޝަރުތުކޮށް ދަ ފިނޭންޝަލް ޓައިމްސްއަށް ވަނީ މައުލޫމާތު ދީފައެވެ. ހަމައެފަދައިން އިންޑިއާ އާއި ޕާކިސްތާނުގެ ހަމަނުޖެހުންތަކުގައި އިންޑިއާއިން ޕާކިސްތާނަށް ހަމަލާއެއް ދީފިނަމަ ސައޫދީ އެރޭބިއާއިން އިންޑިއާއާ ދެކޮޅަށް ތެދުވެދާނެތޯ ޕާކިސްތާނުގެ އިސް ވެރިއަކަށް ދެންނެވުމުން އެއްބަސްވުމުގެ މުރާދަކީ އެއީ ކަމުގައި ވަނީ ވިދާޅުވެފައެވެ.
އިންޑިއާއަކީ ސައޫދީ އެރޭބިއާއާއެކު ވަރަށް ގާތްގުޅުމެއް ދަމަހައްޓަމުންގެންދާ ގައުމެއްކަން ވަނީ ފާހަގަކުރެވިފައެވެ. ޕާކިސްތާނާއެކު ސައޫދީ އެރޭބިއާއިން ވެފައިވާ އެއްބަސްވުން އިންޑިއާއަށް އެނގޭ ކަމަށާއި އެކަމާގުޅިގެން އިންޑިއާއާއި އަދި ސަރަހައްދުގެ ސަލާމަތާ ރައްކާތެރިކަން ދިރާސާ ކުރަމުން ގެންދާ ކަމަށް އިންޑިއާގެ ޚާރިޖިއްޔާއިން ވަނީ ބުނެފައެވެ.
ޕާކިސްތާނާއި ސައޫދީ އެރޭބިއާގެ އެއްބަސްވުން ޚާއްސަކުރެވޭ ސަބަބުތައް ދެނެގަތުމަށްޓަކައި 2007 ވަނަ އަހަރުގެ ވިކިލީކްސްއަށްވެސް ބަލާލުން ރަނގަޅުވާނެއެވެ. އެ ދުވަސްވަރުވެސް ޕާކިސްތާނުން ސައޫދީ އެރޭބިއާއެކު ނިއުކްލިއަރ މަޝްރޫއުގައި ބައިވެރިވެ މެދު އިރުމައްޗަށް ހަގީގީ ރައްކާތެރިކަން ގެނެސްގަތުމާމެދު މަޝްވަރާކުރެވެމުންދިޔަކަމަށް ސައޫދީގައި ތިބި އެމެރިކާގެ އޮފިޝަލުން ވޯޝިންގްޓަނަށް މައުލޫމާތު ދެމުން ގެންދިޔަކަން ބަޔާންކޮށްފައިވެއެވެ.
ޕާކިސްތާނަކީވެސް ނިއުކްލިއަރ މަޝްރޫއާއި ބެލެސްޓިކް މިސައިލް ޕްރޮގްރާމްގައި އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ކުރިމަތިލާން ޖެހިފައިވާ ގައުމުކެވެ. އެހެންނަމަވެސް ނިއުކްލިއަރ މާހިރުން ޔަގީންކުރާ ގޮތުގައި ޕާކިސްތާނުގައި މިވަގުތު 172 ނިއުކްލިއަރ ހަތިޔާރު ހުރިކަމަށް ވެއެވެ.
ބައެއް ސިޔާސީ ބޭފުޅުން ދެކިވަޑައިގަންނަވާގޮތުގައި ސައޫދީ-ޕާކިސްތާންގެ އެއްބަސްވުމަކީ މުސްލިމް ގައުމުތަކުގެ ނޭޓޯ އެއް އުފެދުމުގެ ފެށުންކަމުގައިވުން ވަރަށް ގާތެވެ. މިހާތަނަށް އިސްލާމީ ގައުމުތައް ދިފާއުކުރާނެ އިސްލާމީ އެއްބައިވަންތަ ލަޝްކަރެއް އުފެއްދުމުގެ ތަސައްވުރެއް މިސްރާއި ތުރުކީ އަދި އީރާނާއި މެލޭޝިއާ އާއި އިންޑޮނޭޝިޔާއިންވަނީ ފާޅުކޮށްފައެވެ.
ޕާކިސްތާން-ސައޫދީ އެއްބަސްވުމުގެ ދަށުން ވަރަށް އަވަހަށް ސައޫދީ ސިފައިންނަށް މައްކާގައި މިލިޓްރީ ތަމްރީނު ދިނުން ޕާކިސްތަނުން ފަށައިގަންނާނެއެވެ.