ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)އިން މިދިޔަ އޯގަސްޓް މަހު އެހީގެ ގޮތުގައި 57 މިލިއަނަށްވުރެ ގިނަ ރުފިޔާ ދީފައިވާކަމަށް އެ އޭޖެންސީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފާއިތުވި މަހު އެންސްޕާއިން ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި ރަޖިސްޓްރީކޮށްފައިވާ، 14492 މީހަކަށް މާލީ އެހީގެ ގޮތުގައި 52،664،000 (ފަންސާސް ދެމިލިއަން ހަލައްކަ ފަސްދޮޅަސް ހަތަރުހާސް) ރުފިޔާ ހޭދަކޮށްފައެވެ. މިދިޔަ މަހު އަލަށް މި ދަފުތަރުގައި 125 މީހަކު ވަނީ ރަޖިސްޓްރީ ކޮށްފައެވެ.
ފަގީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުން ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީގެ ގޮތުގައި މިދިޔަ މަހު އެންސްޕާއިން ވަނީ 25،720 ރުފިޔާ ހޭދަކޮށްފައެވެ. އަލަށް 4 މީހަކަށް މި އެހީ ފޯރުކޮށްދީފައިވާއިރު، ޖުމްލަ 700 މީހަކަށް ކާބޯތަކެތި ގަތުމަށް ވަނީ އެހީ ފޯރުކޮށްދީފައެވެ.
ފަގީރު ހާލަތުގައި ދިރިއުޅޭ، އަދި މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި އެ ކުދިން ބަލަހައްޓާ ބެލެނިވެރި ފަރާތްތަކަށް ދެވޭ މާލީ އެހީގެ ގޮތުގައި މިދިޔަ މަހު އެއްލައްކަ ހަތްދިހަ އަށްހާހަށްވުރެ ގިނަ ރުފިޔާވަނީ ފޯރުކޮށްދީފައެވެ. 97 ބެލެނިވެރިއަކަށް މި އެހީ ފޯރުކޮށްދީފައިވާއިރު، މާލީގޮތުން މި އެހީތެރިކަން 130 ކުޑަކުއްޖަކަށް ދަނީ ފޯރުކޮށްދެމުންނެވެ.
އަދި ފަގީރު ހާލަތުގައި އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންގެ ދަފުތަރުގައި ހިމެނިފައިވާ ފަރާތްތަކަށް ދެވޭ މާލީ އެހީގެ ގޮތުގައި މިދިޔަ މަހުގެ ތެރޭގައި ހަތަރު މިލިއަން ނުވަލައްކަ ފަސްހާސް ރުފިޔާވަނީ ފޯރުކޮށްދީފައެވެ. މީގެތެރޭގައި މާލީ އެހީ ލިބޭ މައިން ނުވަތަ ބަފައިންގެ ތެރޭގައި 2870 މީހުން ހިމެނޭއިރު، 4901 ކުޑަކުއްޖަކަށް މި އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ.
މިދިޔަ މަހު އަލަށް މިފަދަ 30 މައިން ނުވަތަ ބަފައިން ރަޖިސްޓްރީ ކޮށްފައިވާއިރު، 69 ކުޑަކުއްޖަކު ވަނީ ރަޖިސްޓްރީ ކޮށްފައެވެ.
އެންސްޕާއަކީ، ރައްޔިތުންގެ ތެރެއިން ނާޒުކު ހާލަތްތަކުގައި ތިބި ފަރާތްތަކަށް ރައްކާތެރި، ހަމަޖެހޭ ދިރިއުޅުމެއް ހޯދައިދިނުމަށާއި، ރައްޔިތުންގެ އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުގައި އުފައްދަފައިވާ އިދާރާއެކެވެ.