ފިލިޕީންސްގައިވެސް ކޮރަޕްޝަނާ ”ނެޕޯބޭބީސް“ގެ މައްސަލަ އާއި ދެކޮޅަށް އާންމުން ތެދުވެއްޖެ

Loading

September 19, 2025
blue-circle-with-white-user_78370-4707
Facebook
Twitter
WhatsApp

*ފިލިޕީންސްގައިވެސް ދުވަހަކު ނުނިމޭ، ނުވަތަ ވުޖޫދުގައި ނުވާ އަގުބޮޑު ޕްރޮޖެކްޓް ތައް ކޮރަޕްޓް ފަރާތްތަކާ ހަވާލުކުރަމުން ދާކަމަށްވޭ

*ރައީސް ދާދި ފަހުން ފްލަޑް ކޮންޓްރޯލް ޑޭމެއް ހުޅުވާދެއްވަން ވަޑައިގެންނެވިއިރު ޑޭމް ވުޖޫދުގައިވެސް ނެތްކަން ވަނީ ހާމަވެފައި

*މަޖިލީސް މެމްބަރުންނަކީ ”ކިނބޫތަކެއް“ގެ ގޮތުގައި ސިފަކޮށް އާންމުން ދަނީ އޭއައި ވީޑިއޯ ތައް ހަދަމުން

ފިލިޕީންސްގެ ރަށްފުގެ ބައެއް ހިސާބުތަކާ ވެރިރަށް މެނީލާއާއި ދެމެދު އާންމުގޮތެއްގައި މިހާރު ދަތުރު ކުރަނީ ކެނޯ ބޯޓު ތަކުގައެވެ. އެއީ މަގުތަކުގައި ފެންބޮޑުވެފައިއޮންނާތީއެވެ. އެ މަގުތައް ހިކިފައި އޮއްވާ ފެންނަނީ އަހަރުގެ 12 މަސްދުވަހުގެ ތެރޭން ދެމަސް ދުވަހު ކަމަށް ބައެއް މީހުން މައުލޫމާތު ދީފައިވެއެވެ.

ކެންސަރުގެ ފަރުވާ އަށް ކޮންމެ ދުވަހަކުހެން ކްލިނިކަކަށް ދާންޖެހޭ އުމުރުން 36 އަހަރުގެ ސްކޫލް ޓީޗަރު ކްރީސާ ކިޔާދިން ގޮތުގައި ކޮންމެ ދުވަހަކުވެސް ކްލިނިކަށްވެސް ސްކޫލަށްވެސް ދާން ޖެހެނީ ކެނޯ ބޯޓެއްގައެވެ. މޫސުމުގެ ވާރޭ މި އަހަރު މާބޯކޮށް ވެހިފައި ވުމާއި އެކު މިފަހަރު މާބޮޑަށް ފެންބޮޑުވެފައިވާ ކަމަށާ،އެކަމުގެ ތަކުލީފު ކޮންމެ ދުވަހަކު އުފުލަން ޖެހޭތީ ވަރަށް ބޮޑަށް މިހާރު ރުޅިވެސް އައިސްފައިވާ ކަމަށް އޭނާ ބުނެފައި ވެއެވެ.

ކްރިސާ ކިޔާދިން ގޮތުގައި ފިލިޕީންސްގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ އަށް ހައްލެއް ނުލިބިގެން އުޅެނީ ވެރިންގެ ތެރޭގައި ކޮރަޕްޝަންގެ މައްސަލަ ބޮޑުކަމުންނެވެ. ފްލަޑް ކޮންޓްރޯލް ޕްރޮޖެކްޓްތައް ހިންގުމުގައި އެކިފަރާތްތަކުން ފައިސާއަށް ޚިޔާނާތްތެރިވެ، މަސައްކަތް އަވަހަށް ނުނިންމާތީއެވެ.

ބައެއް ހިސާބުތަކުގައި ކާރުތައްވެސް އޮޔާ ދަމައިގެން ދާވަރަށް މިހާރުވެސް ވަނީ ފެންބޮޑުވެފައެވެ. މަގުތައް ކޯރުތަކަކަށް ބަދަލުވެ، އެތައް މިލިއަން މީހުންނަށް ތަންތަނަށް ދަތުރު ކުރުމުގައި ތަކްލީފްތައް ވަނީ ކުރިމަތިވެފައެވެ. މީގެ އިތުރުން މީދަލުގެ ޒަރީއާއިން ފެތުރޭ،ލިވަރ އަށް ޖެހޭ ނުރައްކާތެރި ބައްޔެއް ކަމަށްވާ ލެޕްޓޯސްޕައިރޯސިސް ފެތުރެމުންދާކަމަށް ޚަބަރުތައް ބުނެއެވެ.

ކްރީސާ ބުނި ގޮތުގައި އޭނަ ފަދަ ބަލިހާލުގައި އުޅޭ މީހުންވެސް ބުރަކޮށް މަސައްކަތް ކޮށްފައި ލިބޭ މުސާރައިން ކޮންމެ މަހަކުވެސް ޓެކްސް ދައްކަމުން ދާއިރު، މިއިވޭ އަޑަކީ ޓެކްސް ޕޭޔަރުގެ ފައިސާއިން އެތައްބިލިއަން ޕޭސޯއެއް ކޮރަޕްޓް ސިޔާސީ ވެރިން އަމިއްލަ މަޖަލާ އަރާމަށް ބޭނުން ކުރަމުން ދާވާހަކަ ކަމަށެވެ. މިއީ މިކަން ހިނގައިގެން ވާނެ ގޮތެއް ނޫންކަމަށް އޭނާ ބުނެފައި ވެއެވެ.

ކޮރަޕްޓް ވެރިންގެ ކަންތައް ހުންނަ ގޮތުން މުޅި ފިލިޕީންސް ގައިވެސް ދަނީ ނަފްރަތާ ރުޅިވެރިކަން ފެތުރެމުންނެވެ. އެމީހުންގެ ޝުއޫރުތައް ފާޅުކުރަމުންގެންދަނީ ޓިކްޓޮކްގަޔާއި ފޭސްބުކް އަދި އެކްސް ފަދަ ސޯޝަލް މީޑިޔާ ޕްލެޓްފޯމް ތަކުގައެވެ. 

އާންމުން ފާހަގަ ކުރަމުން ދާގޮތުގައި ނުފޫޒުގަދަ މަޖިލީސް މެމްބަރުންނާއި ކޮރަޕްޓް ސިޔާސީ ފަރާތްތައް މެދުވެރިވެގެން، ދުވަހަކު ނުނިމޭ ނުވަތަ ވުޖޫދުގައި ނުވާ ޕްރޮޖެކްޓް ތައް ހަވާލުކުރަނީ ކޮރަޕްޓް، ކޮންސްޓްރަކްޝަން މަހުޖަނުން ތަކަށެވެ.

ރައީސް ފާޑިނަންޑް މާކޯސް ޖޫނިއަރ ދާދި ފަހުން ފްލަޑް ކޮންޓްރޯލް ޑޭމެއް ހުޅުވާދެއްވަން ވަޑައިގެންނެވިއިރު ޑޭމް ވުޖޫދުގައިވެސް ނެތްކަން ވަނީ ހާމަވެފައެވެ. އިކޮނޮމިކް އެންޑް ޕްލޭނިންގ މިނިސްޓަރ ފަހުން ވިދާޅުވެފައިވަނީ ފްލަޑް ކޮންޓްރޯލް އަށް ކަނޑައެޅި ފައިސާގެ 70 އިންސައްތަވަނީ ކޮރަޕްޝަންގެ ސަބަބުން ”ގެއްލިފަ“ ކަމުގައެވެ.

މިކަމުގައި ޝާމިލްވާކަމަށް ތުހުމަތު ކުރެވޭ މަޖިލީހުގެ ރައީސް މިހާރު ވަނީ މަގާމުން އިސްތިއުފާ ދީފައެވެ.ނަމަވެސް އޭނާ ކުށެއް ނުކުރާކަމަށް ދަނީ ބުނަމުންނެވެ. ސެނެޓްގެ ލީޑަރުވެސް   ސަރުކާރުގެ ކޮންޓްރެކްޓެއް ލިބުނު ފަރާތަކުން ”ހަދިޔާ“ ހިފާފައިވާތީ ވަނީ މަގާމުން ދުރުކޮށްފައެވެ.

ފިލިޕީންސްގެ ރުޅިއައިސްފައިވާ އާންމުން ދަނީ މަޖިލީސް މެމްބަރުންނަކީ ކިނބޫތަކެއްގެ ގޮތުގައި ސިފަކޮށް އޭއައި ވީޑިއޯ ތައް ހަދަމުން ކަމަށްވެއެވެ. ކްރޮކޮޑައިލް ނުވަތަ ކިބުލަކީ ދަހިވެތި ކަމުގެ ސިފަ އިންތިހާއަށް ހުންނަ ޖަނަވާރެކެވެ.

ފިލިޕީންސްގައިވެސް އާންމުންގެ ނަފްރަތާ ރުޅިވެރިކަން، ”ނެޕޯ ކިޑްސް“ އަށްވެސް ދަނީ އަމާޒު ވަމުންނެވެ. ނެޕޯކިޑްސް އަކީ ނުހައްގު މުއްސަނދި ކަމުގައި އަރާމުގައި އުޅެމުންގެންދާ ސަރުކާރުގެ އިސްވެރިންގެ ދަރިންނަށް ކިޔޭ ނަމެކެވެ.

ފިލިޕީންސްގައި ފެންބޮޑުވުމުގެ މައްސަލަޔަށް ހައިލައިޓް ކުރުމަށް އެތައް ޒުވާން ކަޕްލްތަކެއް ވަނީ ފެންބޮޑުވެފައިވާ ފައްޅިއެއްގައި ކައިވެނިވެސް ކޮށްފައެވެ.

އާންމުންގެ ނަފްރަތު ފާޅުކުރުމަށް މިމަހުގެ 21 ވަނަ ދުވަހު ވަނީ ބޮޑު އެއްވުމެއް ބާއްވަން ނިންމާފައެވެ. އެދުވަހަކީ 1972 ވަނަ އަހަރު ކުރީގެ ރައީސް ފާޑިނަންޑް މާކޯސް އެގައުމުގައި މާޝަލް ލޯ އިއުލާން ކުރެއްވި ދުވަހެވެ.

މިހާރު ރައީސް ކަމުގައި ހުންނެވި، ކުރީގެ ރައީސް ގެ ދަރިކަލުން ފާޑިނަންޑް މާކޯސް ޖޫނިއަރ އަށް، އާންމުންގެ ނަފްރަތަކީ ކިހާވަރެއްގެ ކަމެއްކަން ރަގަޅަށް އެގިވަޑައިގަންނަވާނެއެވެ. 1986 ވަނަ އަހަރު ބައްޕާފުޅު މާކޯސްގެ ވެރިކަންވެސް ވެއްޓުނީ ކޮރަޕްޝަނާ ދެކޮޅަށް އާންމުން ނިކުމެ ކުރި އިހުތިޖާޖް ތަކުގެ ސަބަބުންނެވެ. އޭރު ދިހައަހަރުގެ ޑިކްޓޭޓަރޝިޕްއެއްގައި ސީނިއަރ މާކޯސް ވަނީ އެތައް ބިލިއަން ޕޭސޯ އަށް ޚިޔާނާތްތެރިވެ ވަޑައިގެން އަމިއްލަ އާއިލާއަށް ނުހައްގު މުއްސަނދިކަން ހޯދާދެއްވާފައެވެ.   

ކޮރަޕްޝަނާ ދެކޮޅަށް އާންމުން މުޒާހަރާ ކޮށް މިދިޔަ ހަފްތާގައިވަނީ ނޭޕާލްގެ ވެރިކަންވެސް ވައްޓާލާފައެވެ. އަދި ހަމަ އެފަދަ މުޒާހަރާތަކާއި ގުޅިގެން އިންޑޮނީޝިޔާގައިވަނީ ގާނޫނު ތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.

ފިލިޕީންސްގެ އާންމުރައްޔިތުންގެ ގިނަބަޔަކު އިހުތިޖާޖް ކުރުމަށް މަގުތަކަށް ނިކުތުމާއި ގުޅިގެން ރައީސް މާކޯސް ޖޫނިއަރ ވަނީ ”ފައިސާ ގައި ޖެހުނީ ކޮންބައެއްކަމާއި ޖެހުނީ ކިހާވަރެއްކަން ހާމަވާ ވަރުގެ އިންކުއަރީއެއް ހިންގާ، އެކަން ހާމަ ކުރައްވާނެ“ ކަމަށް ވިދާޅުވެފައެވެ. އަދި ތިމަންނާ އަކީ ރައީސް ނޫންނަމަ ތިމަންނާވެސް ހުންނަވާނީ އާންމުންނާއެކު މަގުމަތީ ކަމުގައި ވިދާޅުވެފައި ވާކަމަށް ވެއެވެ.

ކޮރަޕްޓް ވެރިންގެ ސަބަބުން ލިބޭ ގެއްލުން ހާމަ ކުރަމުން ދިއުމަށާއި ،އެމީހުންނާދިމާލަށް ހަޅޭއްވެސް ލަވަންވީކަމަށް ރައީސް ވިދާޅުވި ކަމަށް ވެއެވެ. ނަމަވެސް މުޒާހަރާ ކުރަމުން ދިޔަނަމަވެސް ހިމޭންކޮށް ކަންތައް ކުރިޔަށް ގެންދިއުމަށް އެދިވަޑައިގެންނެވި ކަމަށް ވެއެވެ.

މައުލޫމާތު : ބީބީ ސީ ރިޕޯޓް

Loading

Leave a Reply

ފަހުގެ އަޕްޑޭޓް