ދެ ދައުލަތުގެ ހައްލަކީ ހަޤީޤީ ހައްލެއް ނޫން: އީރާން

Loading

September 18, 2025
blue-circle-with-white-user_78370-4707
Facebook
Twitter
WhatsApp

ފަލަސްތީން މައްސަލަޔަށް ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގައި ދެ ދައުލަތުގެ ހައްލަކީ ހަޤީޤީ ހައްލެއް ނޫން ކަމުގައި އީރާނުން ބުނެފިއެވެ.

ދޯހާގައި ކުރިޔަށް ދިޔަ އަރަބި އިސްލާމިކް ސަމިޓުން ފާސްކުރި ބަޔާނުގައިވާ ބައެއް ބައިތަކާ ދެކޮޅުކަން ހާމަ ކުރަމުން އީރާނުން ބުނެފައި ވަނީ ބަޔާނުގައި “ ދެ ދައުލަތުގެ ހައްލު“ އަދި އެމެރިކާ އިސްވެ ކުރިޔަށް ގެންދާ ”ޕީސް އިނީޝިއޭޓިވްސް“ މި އިބާރާތްތަކަށް އެއްބަސް ނުވާ ކަމުގައެވެ.

މިނިވަން ނިއުސް ނެޓްވަރކެއް ކަމަށްވާ ”ޓީ އެމްޖޭ“ ގެ ހަބަރެއްގައި ބުނެފައިވާ ގޮތުގައި، އީރާނުން އަބަދުވެސް ތާއީދު ކުރަނީ އެންމެ އިހުގެ ފަލަސްތީން އޮތް ސަރަހައްދު ތަކުގައި އެންމެ ޑިމޮކްރެޓިކް ދައުލަތެއް ގާއިމް ކުރުމަށް ކަމަށް އީރާންގެ ޚާރިޖީ ވުޒާރާއިން ބުނެފައި ވެއެވެ. މިދައުލަތް ގާއިމް ކުރުމުގައި ދުނިޔޭގެ އެތަން މިތަނުގައި ދިރިއުޅެމުން ގެންދާ ފަލަސްތީން ގެ ގިނަ އަދަދެއްގެ ރައްޔިތުންގެ ބައިވެރި ވުމެއް ބޭއްވުމުގެ ގޮތުން އެމީހުންގެ މެދުގައި ރިފަރެންޑަމް އެއް ބާއްވަން ޖެހޭ ކަމަށް އީރާނުން ބުނެފައިވެއެވެ. އަދި 1967 ގައި ގާއިމް ކުރެވުނު ބޯޑަރު ބަލައިގަންނަ ނަމަ، 1948 ގައި ޙިޞޯރު ކުރެވުނު ސަރަހައްދުތައް ދޫކޮށްލީތޯ އީރާނުން ސުވާލުކޮށްފައި ވެއެވެ.

ދެ ދައުލަތުގެ ހައްލަކީ މަޝްވަރާތައް ފެއްޓުމަށްވެސް އެކަށީގެންވާ ވަރުގެ މައުލޫއެއް ނޫންކަމަށް ބުނަމުން އީރާނުން ބުނެފައިވަނީ އިޒްރޭލުގެ ރަހުމެއްނެތް، ލާއިންސާނީ ހަރުކަށިހަމަލާ ތަކުން ދިފާއު ވުމުގެ ހައްގު ފަލަސްތީނަށް ލިބިގެންވާ ކަމުގައެވެ.އަދި އީރާނުން ދުވަހަކުވެސް އިޒްރޭލުގެ ދައުލަތެއް ބަލައި ނުގަންނާނެ ކަމަށާ، ފަލަސްތީނާދެކޮޅަށް އިޒްރޭލުން ދެމުން ގެންދާ ލާއިންސާނީ ހަމަލާތައް ދިނުމަށް އެމެރިކާއިން އިޒްރޭލަށް އެހީތެރިވަމުން ގެންންދަމުން، އެމެރިކާއިން މީޑިއޭޓަރު، ނުވަތަ މެދުވެރިއެއްގެ ދައުރު އަދާކޮށްފާނެ ކަމަށް ގަބޫލު ނުކުރާ ކަމަށް އީރާނުން ބުނެފައި ވެއެވެ.    

ސެޕްޓެމްބަރ 9 ވަނަ ދުވަހު އިޒްރޭލުން ވަރުގަދަ ހަމަލާއެއްދިނީ ދޯހާގައި، ހަމާސްގެ އިސް މެމްބަރުން ހިމެނޭހެން ގިނަ އަދަދެއްގެ ހަމާސް މެމްބަރުން، ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކުގައި ބައިވެރި ވަމުން ދަނިކޮށެވެ.

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އެމެރިކާ އަދި އިޒްރޭލުން މަސައްކަތް ކުރީ މަޝްވަރާތަކަށް ކަމަށް ބުނެ ދޯހާއަށް ގެންގޮސް ހަމާސްގެ ވެރިން މަރާލުމަށެވެ.

ދޯހާގެ ރެސިޑެންޝަލް ސަރަހައްދެއްގައި ކުރިޔަށް ދިޔަ ”މަޝްވަރާތަކަށް“ އަމާޒުކޮށް ދިން މިހަމަލާގައި ހަމާސްގެ ފަސް މެމްބަރުންނާއި ޤަތަރުގެ ސެކިއުރިޓީ އޮފިސަރަކު މަރުވެފައި ވީނަމަވެސް ހަމާސްގެ އިސް ވެރިއަކު މަރުވެފައެއް ނުވެއެވެ.

މިހަމަލާއާއި ގުޅިގެން މުޅި އަރަބި އަދި އިސްލާމީ ދުނިޔެ ވަނީ އެކަމާ ދެކޮޅަށް ތެދުވެފައެވެ. ހޯމަ ދުވަހު ދޯހާގައި ކުރިޔަށް ދިޔަ އަރަބި އިސްލާމިކް ސަމިޓް ބޭއްވުނީ އިޒްރޭލުގެ މިފިނޑި އަމަލު ކުށްވެރި ކުރުމުގެ ގޮތުންނެވެ. ސަމިޓްގައި ބައިވެރިވެ ވަޑައިގެންނެވި ހުރިހާމެމްބަރުންވެސް  ވަނީ އިޒްރޭލުގެ ހަމަލާ ހަރުކަށިއިބާރާތުން ކުށްވެރި ކުރައްވާ، އަދި މިފަދަ ހަމަލާތައް ތަކުރާރު ވިޔަ ނުދިނުމަށް ކުރެވެން ހުރި ހުރިހާކަމެއް ކުރުމަށް ގޮވާލައްވާފައެވެ.

ސަމިޓްގައި ބައިވެރިވެ ވަޑައިގަންނަވަމުން ތުރުކިއޭގެ ރައީސް ރަޖަބް ޠައްޔިބް އުރްދޮޢާން ވިދާޅުވީ އިޒްރޭލުން ދޯހާޔަށް ދިން ހަމަލާޔާއެކު އެމީހުންގެ ލާއިންސާނީ އަމަލުތައް އެހެން ލެވެލްއަކަށް ގެންގޮސްފައިވާ ކަމުގައެވެ. އަދި މިކަން ހުއްޓުވުމަށް ހަމަ އެކަނި އިބާރާތްތަކަކުން ކުށްވެރި ކުރަން ތިބުމުގެ ބަދަލުގައި އަމަލީ ފިޔަވަޅުވެސް އަޅަން އެބަޖެހޭ ކަމަށް ލީޑަރުން ވިދާޅުވެފައި ވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް