ކީރިތި ޤުރްއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތް 1037 ބައިވެރިންނާއެކު މިރޭ ފަށަން ހަމަޖެހިއްޖެއެވެ.
މުބާރާތް ފެށުމުގެ ގޮތުން ބާއްވާ ޚާއްސަ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި މަހުގެ 18 އިން 26 ގެ ނިޔަލަށް ކުރިއަށް ގެންދާ މި މުބާރާތުގައި 119 މުއައްސަސާއަކުން 1037 ފަރާތަކުން ވާދަކުރާނެ ކަމަށެވެ.
“އެއީ ބަލައިގެން ކިޔެވުމުގެ ގޮފީގައި 582 ފަރާތަކުންނާއި ނުބަލައި ކިޔެވުމުގެ ގޮފީގައި 424 ފަރާތަކުންނާއި ޙާފިޡުންގެ ގޮފީގައި 31 ޙާފިޡުން“ މިނިސްޓްރީން ބުނެފައި ވެއެވެ.
މުބާރާތުގެ ކިޔެވުން ސަލާމްން ރަސްގެފާނު މިސްކިތުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު ބަލައިގެން ކިޔެވުމުގެ ގޮފީގެ ކިޔެވުން ކުރިއަށްދާނީ ސަލްމާން ރަސްގެފާނު މިސްކިތުގެ 4 ވަނަ ފަންގިފިލާ އޮޑިޓޯރިމްގައެވެ.
އަދި ނުބަލާ ކިޔެވުމުގެ ގޮފީގެ ކިޔެވުން ކުރިއަށްދާނީ ސަލްމާން ރަސްގެފާނު މިސްކިތުގެ 5 ވަނަ ފަންގިފިލާގެ މަލްޓިޕާޕަސް ހޯލުގައެވެ.
ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ފެންވަރު ރަނގަޅުކޮށް ފާހަގަކޮށްލެވޭ މުބާރާތަކަށް ހެދުމަށް ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.