ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ގަވާއިދާ ހިލާފަށް ޑޮލަރު މާރުކުރަން އުޅުނު ބިދޭސީއަކު ގިނަ އަދަދެއްގެ ފައިސާއާއެކު ހައްޔަރުކޮށްފިއެވެ.
މި ސެޕްޓެންބަރު މަހުގެ 16 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރިސޯޓް ކައުންޓަރުތައް ކައިރީގައި ގަވާއިދާ ހިލާފަށް ބޭރުފައިސާ މާރުކުރާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ރަފިޤުލް އިސްލާމް (30އ) އެވެ.

ފުލުހުން ބުނީ އޭނާއަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ މީހެއްކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށެވެ.
”ޓޫރިސްޓު ޕޮލިހުން އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު 68،000 އަށްވުރެ ގިނަ ދިވެހި ރުފިޔާއާއި 1700 އަށްވުރެ ގިނަ ޔޫއެސްޑޮަރުގެ އިތުރުން އެކި ގައުމުތަކުގެ ފައިސާ ފެނިފައިވޭ“ ފުލުހުން ބުނެފައި ވެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.