ކައިވެނީގެ ޕާޓީ ބާއްވާ ރެޔަކީ ވަރަށް އުފާވެރި ރެއެކެވެ. ނަމަވެސް އަހަރެންގެ ފިރިމީހާ ކުރިކަމަކުން އަހަރެންގެ ކައިވެނިރޭ ފުރަތަމަ ވެގެން ދިޔައީ ވަރަށްވެސް ހިތްދަތި،ލަދު ގަންނަންޖެހުނު ރެޔަކަށެވެ.
ވަރަށް އޮމާންކޮން ކުރިޔަށްދިޔަ ޕާޓީ އަކަށްފަހު ކޭކުފަޅާ ވަގުތު ޖެހުމުން ދެމީހުން ގޮސް ކޭކުކައިރީ ހުއްޓުނު ވަގުތު ފިރިމީހާ އަހުމަދު މަޖަލަކަށް ހަދާފަ އަހަރެންގެ މޫނު ކޭކަށް ކޮއްޕާލިއެވެ.އެހެން ހެދުމުން އަހަރެންގެ އިސްތަށިގަނޑާ މޫނު އަދި މުޅި ހެދުމުގައި އޮތީ ކޭކުގެ އައިސިންގ ބޯކޮށް ހޭކިފައެވެ.
ފިރިމީހާއަށް މިކަންވީ ވަރަށް މަޖާކަމަކަށޯލައެވެ. ބާރަށް ހީހީ ހުއްޓެވެ. އޭނާއާއި އެކު އެހެން ބައެއް މެހްމާނުންވެސް ހެމުން ގެންދިޔައެވެ. ނަމަވެސް އަހަރެން ވަނީ ލަދުންގޮސް ހަދާނެ ގޮތެއް ނޭގި ރޮވެން ކައިރި ވެފައެވެ. ކުރިހާ މޭކަޕާ، ރީތި އަގުބޮޑު ހެދުންވެސް ވަނީ ޚަރާބުވެފައެވެ.
އަހަރެންގެ ކޮއްކޮ އައިމަން އަކީ އަހަރެންދެކެ އަބަދުވެސް ވަރަށް ލޯބިވާ އަހަރެންގެ ހިމާޔަތުގައި އަބަދުވެސް ތެދުވަން ތައްޔާރަށް ހުންނަ ޒުވާނެކެވެ. ކޭކަށް އަހަރެންގެ މޫނު ކޮއްޕާލި މަންޒަރު ބަލަން އިދެފަ ކޮށްކޮ ކުއްލިއަކަށް އިން ގޮނޑިން ތެދުވިއެވެ.އަހަރެން ބަލާލިއިރު އޭނަހުރީ ރުޅިއައިސް ރަތްވެފައެވެ. ދެލޯ ހީވަނީ އަނގުރު ގަނޑެއް ހެންނެވެ. ދަތްކުޑި ވިކައިގެން ހުރެ އަހުމަދާ ދިމާލަށް ހިނގާފަ ދިޔައެވެ. މިތަންފެނި އަހުމަދު ތެޅިގަނެފަ، ރަކިފާޑަކަށް ހީލަމުން ބުންޏެވެ. ”އައިމަން ހަމަ ޖެހޭށެވެ.އެއީ އަހަރެން މަޖަލަކަށް ކޮށްލި ކަމެކެވެ.“
އަހަރެންވެސް ހުރީ އައިމަން ކޮށްފާނެ ކަމަކަށް ބިރުންނެވެ.
”މަޖަލަކަށް ކޮށްލި ކަމެކޭ ؟“ ބާރު އަޑަކުން އޭނަވާހަކަ ދެއްކިއެވެ. އޭރު މުޅިތަންވަނީ ހިމޭން ވެފައެވެ. ”އަހަރެން ވާހަކަ އެއް ބުނަން ހެއްޔެވެ. މަޖާވާން ޖެހޭނީ ހަމަ އެކަނި އަހުމަދަކަށް ނޫނެވެ. މަޖާ އެންމެނަށްވެސް ވާން ޖެހޭނެއެވެ.“ އެވަގުތު އަހަރެންނާ ދިމާލަށް އޯގާތެރިކަމާއެކު ބަލާލުމަށްފަހު ބުންޏެވެ.“ދައްތަ އޯކޭހެއްޔެވެ.؟“ އަހަރެން ގެ ދެލޮލުން ކަރުނަ ފައިބަމުން ދިޔަނަމަވެސް ބޯޖަހާލީމެވެ. ކޮއްކޮ އަހަރެންގެ ކައިރީގައި ހުރުމުން އަހަރެންނަށް ވަރަށް ހިއްވަރު ލިބުނެވެ.
އައިމަން، އަހުމަދާ ދިމާލަށް އެނބުރިފަ ވާހަކަ ދައްކަން ފެށިއެވެ. ”މީހަކު ލެކެ ލޯބިވާނަމަ، މަޖަލަކަށް އޭނަ ލަދު ގަންނަވާލުން އެއީ މީހުން ކުރާކަހަލަ ކަންތަކެއް ނޫނެވެ. އޭގެ ބަދަލުގަ އެމީހަކު ޖެހޭނީ ވީހާވެސް އުހަކަށް އުފުލާލާ، އުފާވާނެ ކަންތައްތައް ކޮށްދޭށެވެ.“ މުޅިތަން އޮތީ އޭރުވެސް ހިމޭންވެފައެވެ.
އައިމަންގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ. ”މަޖަލަށް މީހުން ކުރާކަހަލަ ކަމެއް ދައްކާލަން ހެއްޔެވެ.؟“ މިހެން ބުނުމަށްފަހު އަހަރެންގެ މޫނުގައި ހޭކިފައި ހުރި އައިސިންގ ތަކުން އެއްގިގިލިން އެތިކޮޅެއް ނެގިއެވެ. އޭނަހަދާނެ ގޮތެއް ނޭގިފަ އަހަރެންވެސް އަހުމަދުވެސް ތިއްބާ، އައިމަން ކުއްލިއަކަށް އަހަރެންގެ ނޭފަތު ކުރީގައި އައިސިން ކޮޅު ހާކާލިއެވެ. މިއާއެކު މުޅިތަނަށް އޭރު ވެރިވެފައި އޮތް ޓެންޝަން ފިލާ، އެންމެން ގާތަށްވެސް ހިނި އަތުވެއްޖެއެވެ. މަލާމާތުގެ ހިންޏެއް ނޫނެވެ. ހަމަ ހަގީގަތުގައިވެސް ހިނި އައީއެވެ.
ލަދުގަންނަން ޖެހުނު ހާލަތެއް، އައިމަން ކަންތައް ކުރި ގޮތުން ވަނީ އަސްލުވެސް މަޖާ ހާލަތަކަށް ބަދަލު ކޮށްލާފައެވެ. ކައިވެނީގެ ދުވަހަކީ އާއިލީ ގުޅުންތައް ވަރުގަދަކުރާ، އެކަކު އަނެކަކަށް މައާފްކޮށް، ލޯބިލޯބިން އުޅޭ ދުވަހެއްކަން އޭނަވަނީ އެންމެނަށްވެސް ހަނދާން ކޮށްދީފައެވެ.
އަހުމަދު ވަރަށް ދެރަވިތަން ފެނުނެވެ. ކުރެވުނު ކަންތަކުގެ ބޮޑުކަން އެވަގުތު އިހުސާސްވި ކަހަލައެވެ. އިސް ޖަހާ ލުމަށްފަހު ބުންޏެވެ. ”އަހަރެންނަށް މައާފް ކުރާށެވެ. އަހަރެންނަށް ރަގަޅަށް ވިސްނާނުލާ މާމައްޗަށް ކަންތައް ދުއްވާލެވުނީއެވެ. ވަރަށް ވަރަށް ދެރަވެއްޖެއެވެ. މައާފް ކުރާށެވެ.“
ކޮއްކޮ އައިމަން އަދި އެހެން މެހުމާނުގެވެސް ސަޕޯޓް އަހަރެންނަށް ލިބުމާއިއެކު އަހަރެން މަދުމަޑުން ހަމަޔަކަށް އެޅެމުން ދިޔައެވެ.އަދި ބުނީމެވެ.“މައާފް ކޮށްފީމެވެ. ދެންވެސް މިއަދަށް، ކައިވެނި ޕާޓީ އަށް މުހިންމު ކަންކަމަށް ފޯކަސްކޮށް ރީތިކޮން ޕާޓީ ނިންމާލަމާ ހިންގާށެވެ.“ މިހެން ބުނުމުން އަހުމަދުވެސް ކުއްލިއަކަށް ހަރަކާތަށް އައިސް، އޭނާއަށް ދެވުނު ގެއްލުން ފޫބެދޭތޯ އުޅެން ފަށައިފިއެވެ.
އެވަގުތު ތަނުގައި ޖަހާފައިވާ މިއުޒިކްވެސް ބާރު ކޮށްލިއެވެ. މަޑުމަޑުން ނަށާ ޖޯޑުތައް ނަށަން އަރަމުން ގެންދިޔައެވެ. ކޮއްކޮ އައިމަން އަހަރެންގެ ކައިރިން ދުރަށްވެސް ނުދެއެވެ. އަހުމަދުވެސް އަހަރެންގެ މޫނާހެދުން ސާކޮށް އަލުން ރީތި ވެލުމަށް އެހީތެރިވެދިނެވެ.އެއަށްފަހު އަހަރުމެން ދެމީހުންވެސް މެހްމާނުންނާއެކު ނަށާ ފްލޯއަށް އެރީމެވެ. އަހުމަދު އަހަރެންގެ އަތުން އަތްވެސް ދޫކޮށްނުލައެވެ.
ވެޑިންގ ޕާޓީގެ ކޭކުފެޅުން ކާމިޔާބް ވެފައި ނުވިނަމަވެސް އެހާދިސާ ވެގެން ދިޔައީ އާއިލީ ގުޅުންތަކާ އަދި މައާފް ކުރުމުގެ މުހިންމުކަން އެންމެނަށްވެސް ދައްކާލަދިން ހާދިސާއަކަށެވެ. އަނެއްކާވެސް ޕާޓީ އަށް ހުނުމާއި އެކު މަޖާމާހައުލެއް ވެރިވެފައި ވުމާއި އެކު އަހަރެންވެސް ހުރީ އުފަލުންނެވެ. ތަފާތު ހާދިސާ އެއް ކުރިމަތިވި ނަމަވެސް އޭގެ ޒާތުގައި އަހަރެންގެ ވެޑިންގ ޕާޓީ ވެސް ފުރިހަމައެވެ.
![]()
