އަލީބާބާގެ ވޯކްޝޮޕަށް 448 ދިވެހި ވިޔަފާރިއަކުން ރަޖިސްޓްރީވެއްޖެއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ އެ މިނިސްޓްރީ އާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން، ދުނިޔޭގެ އެންމެ ބޮޑު އެއް އީ-ކޮމާސް ޕްލެޓްފޯމް ކަމަށްވާ އަލިބާބާ ޑޮޓް ކޮމްއާ ގުޅިގެން، ދިވެހި ވިޔަފާރިވެރިންނަށާއި އީ-ކޮމާރސްއަށް ޝައުޤުވެރިވާ ފަރާތްތަކަށް ޚާއްސަކޮށްގެން ބާއްވާ ވޯކްޝޮޕަށް ރަޖިސްޓްރީވުމުގެ ފުރުޞަތު އިއްޔެގެ ނިޔަލަށް ހަމަވިއިރު، ޖުމުލަ 448 ފަރާތަކުން ވަނީ ވޯކްޝޮޕަށް ރަޖިސްޓްރީކޮށްފައި ކަމަށެވެ.
މި ވޯކްޝޮޕަށް ރަޖިސްޓްރީކުރުމަށް ހުޅުވާލުމުން ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައި 155 އަށް ވުރެ ގިނަ ފަރާތުން ރަޖިސްޓްރީވެފައިވާ ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
މި ވޯކްޝޮޕް ކުރިޔަށްދާނީ މި މަހުގެ 16 ވަނަ ދުވަހު އޮންލައިންކޮށެވެ.
މިއީ ދިވެހި ވިޔަފާރިތަކަށް ބައިނަލްއަޤްވާމީ މާކެޓްތަކަށް ނުކުތުމަށް ލިބިގެންދާނެ ރަނގަޅު ފުރުޞަތެއްކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރެއެވެ.
މި ވޯކްޝޮޕްގައި މަޢުލޫމާތު ހިއްސާކުރާނީ އަލީބާބާ.ކޮމްގެ އެކްސްޕާރޓުންނެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ މި މަސައްކަތުގެ މައިގަނޑު މަޤްސަދަކީ، ދިވެހީންގެ ތެރޭގައި އޮންލައިން ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް އަލިބާބާ.ކޮމްގެ ޕްލެޓްފޯމްގައި އެފަރާތްތަކުގެ މުދާ އޮންލައިންކޮށް ވިއްކޭނެ ގޮތަށް، ސެލާރ އެކައުންޓް ހުޅުވޭނެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.
![]()
