ޕާކިސްތާނުގެ އަސްކަރީ ޤާފިލާއަކަށް ދިން ޓެރަރިސްޓް ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ޕާކިސްތާނުގެ ހުޅަނގު އުތުރު ސަރަޙައްދުގައި އަސްކަރީ ގާފިލާއަކަށް ދިން އުދުވާނީ ހަމަލާގައި ކުށެއް ނެތް އެތައް ބަޔަކު މަރުވެ، ގިނަ ޢަދަދެއްގެ ބަޔަކު ޒަހަމްވި ހާދިސާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
“މި ހަމަލާގައި ޝަހީދުވި މީހުންގެ ޢާއިލާ އަށާއި، ޕާކިސްތާންގެ ސަރުކާރަށާއި ރައްޔިތުންނަށް ދިވެހިރާއްޖޭގެ ފަރާތުން ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުވަމެވެ. އަދި މި ފިނޑި ޖަރީމާގައި އަނިޔާލިބުނު އެންމެހާ ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދެމެވެ.“ ފޮރިން މިނިސްޓްރީން ބުނެފައި ވެއެވެ.
އަދި، ދިވެހިރާއްޖެއަކީ ދުނިޔެއަށް ކުރިމަތިވެފައިވާ ޓެރަރިޒަމްގެ ނުރައްކަލާ ދެކޮޅަށް ތެދުވެ ސާބިތުކަންމަތީ ދެމި އޮންނާނެ ޤައުމެއް ކަމުގައި ކަށަވަރުކޮށްދީ، ބައިނަލްއަޤްވާމީ މައިދާނުގައި އެކި ފަރާތްތަކާ ގުޅިގެން ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ހުއްޓުމެއްނެތި މަސައްކަތް ކުރާނެ ޤައުމެއްކަމުގެ ޔަޤީންކަންދޭ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.
![]()
