ޖަރުމަނުވިލާތުގައި މިދިޔަ މަހު އެއްޗެއް ގޮވައި ހިނގި ހާދިސާގައި ފިހުނު ދިވެހި ފިރިހެންމީހާ ނިޔާވެއްޖެއެވެ.
މިދިޔަ މަހު 8ވަނަ ދުވަހު ހިނގި މި ހާދިސާގައި ބ. ތުޅާދުއަށް ނިސްބަތްވާ ފައްޔާޒު ދާއޫދު (36އ) ވަރަށް ބޮޑަށް ފިހުމާ ގުޅިގެން އޭނާއަށް ފަރުވާދެމުން ގެންދިޔައީ ވެންޓިލޭޓަރުގައެވެ.
އޭނާއަށް ފަރުފާދީފައިވަނީ ޖަރުމަނުވިލާތުގެ މިޔުނިކުގައި ހުންނަ ބޮގޭންހައުސަން ހޮސްޕިޓަލުގައެވެ.
ޚަބަރު ލިބިފައިވާގޮތުގައި، އޭނާގެ ހާލު ރަނގަޅުވާން ފެށުމާއެކު ފަހުން ވަނީ ވެންޓިލޭޓަރުން ނަގާފައެވެ. ނަމަވެސް އަނެއްކާވެސް ހާލު ދަށްވާން ފެށުމާއެކު ވަނީ އަލުން ވެންޓިލޭޓަރަށް ލާފައެވެ.
ފައްޔާޒުގެ ހަށިގަނޑުގެ 50 އިންސައްތަ އަނދާފައިވާއިރު، ފައިގެ ކުޑަކަޅުވާވެސް ވަރަށް ބޮޑަށް ހަލާކުވެ، އޭނާގެ ސިކުނޑިއަށްވެސް އަސަރުކޮށްފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ރާއްޖޭގެ އެންމެ ފުރަތަމަ ކައިޓް ސަރފަރުންގެ ތެރޭގައި ހިމެނޭ ފައްޔާޒު، ޖަރުމަނުވިލާތުގެ މީހަކާ ކައިވެނިކޮށްގެން ދިރިއުޅެމުންދިޔައީ އެ ޤައުމުގައެވެ. އެ ދެމަފިރިންގެ ދަރިއަކުވެސް އެބަހުއްޓެވެ.
![]()
