ރައީސް އޮފީސް ކުރިމަތީ ހެދި މީޑިއާ ފެންޑާގެ ބޭނުން ހިފަމުން ނުދާތީ އެ ފެންޑާ އުވާލައިފިއެވެ.
ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް މީޑިއާ ފެންޑާގެ ބޭނުން ހިފަމުން ނުދާތީ، މިއަދުން ފެށިގެން، މީޑިއާ ފެންޑާ އުވާލާފައިވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހިނގާ ކަންކަމާއި، އެ ސަރަޙައްދުގައި ހިނގާ ކަންކަމުގެ ޚަބަރާއި މަޢުލޫމާތު ހޯދައި، މީޑިއާ ކަވަރޭޖް ހަދަން ނޫސްވެރީން ތިބުމަށް ޚާއްޞަކޮށްގެން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއްގެ ގޮތުގައި، 29 މެއި 2025 ގައި ޤާއިމުކުރެއްވި މީޑިއާ ފެންޑާގެ ބޭނުން، އެތަން ހުޅުވީއްސުރެ މި ފާއިތުވީ 3 މަހެއްހާ ދުވަހުވެސް، ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ހިފަމުން ނުގެންދާކަން އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
އަދި މީޑިއާ ފެންޑާ ބޭނުން ކުރަން ރާއްޖޭގެ މީޑިއާތަކުން ކަނޑައެޅި ނޫސްވެރީންނަށް އެތަން ބޭނުންކުރުމުގެ ރަސްމީ ހުއްދަ ދޫކޮށްފައިވީ ނަމަވެސް، އެ ހުއްދަ ހޯދާފައި ނުވާ ބަޔަކު، ނޫސްވެރީންގެ ނަމުގައި މީޑިއާ ފެންޑާއަށް ވަދެ، އެ ތަން ބޭނުންކުރުމުގެ އުޞޫލުތަކާ ޚިލާފު ޢަމަލުތައް ތަކުރާރުކޮށް ހިންގަމުން ގެންދާ ކަމަށްވެސް އެ ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.
ހަމައެހެންމެ އެކަމުގެ ސަބަބުން، އެ ތަނުގައި ތިބެ ޚަބަރާއި މަޢުލޫމާތު ހޯދުމުގެ މަސައްކަތް އެއްގޮތަކަށްވެސް ނުކުރެވޭކަމުގެ ޝަކުވާ، އެތަން ބޭނުންކުރުމުގެ ހުއްދަ ނަގާފައިވާ ބައެއް ނޫސްވެރީން ކޮށްފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
”ގްރީން ޒޯންގައި ހުންނަ މިތަނުގައި ޢާންމު މަޞްލަޙަތު ގެއްލޭ، އަދި ޢާންމު އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލުތައް ތަކުރާރުކޮށް ކުރަމުން ދިއުމުގެ ސަބަބުން، އެ ސަރަޙައްދުގައި ހުންނަ ސަރުކާރުގެ އޮފީސްތަކަށް ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ދަނީ ދަތިތަކާ ކުރިމަތިވަމުން“ އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައި ވެއެވެ.
ހުއްދަ ނުނަގާ ބަޔަކު މީޑިއާ ފެންޑާއަށް ވަދެ، އެ ތަނުގައި ޚަބަރާއި މަޢުލޫމާތު ހޯދުމުގެ މަސައްކަތް ކުރަން ހުރަސް އަޅައި، ގްރީންޒޯންގެ ނިޒާމު ގެއްލޭގޮތަށް ޢަމަލުކުރަމުން ދިއުމަކީ، މީޑިއާ ފެންޑާ ބޭނުންކުރުމަށް ކަނޑައަޅައި ޢާއްމުކޮށްފައިވާ އުޞޫލުގެ ބައެއް މާއްދާތަކާ ޚިލާފު ޤާނޫނީ ކުށެއް ކަމުގައިވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން މީޑިއާ ފެންޑާ އުވާލެއްވި ކަމުގައިވިޔަސް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި އެ ސަރަޙައްދުގައި ހިނގާ ކަންކަމުގެ ޚަބަރާއި މަޢުލޫމާތު ކަވަރުކުރުމުގެ އިންތިޒާމު، އެ ކަމަށް ބޭނުންވާ ނޫސްވެރީންނަށް އެހެން ގޮތަކަށް ހަމަޖައްސައިދެއްވާނޭކަމަށްވެސް ރައީސް އޮފީހުން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވެއެވެ.
![]()

One Response
KAMEVVIAS NUVIYAS KHRADHUKOH NINMAILEVIJJENOONTHA