އަވީވާ ގުރޫޕުން ވަރަށްފަހުން ކުރި ދިރާސާއެއްގައި 2020 ވަނައަހަރުގެ ކޮރޯނާ ވައިރަސްގައި ގައުމުތައް ބަންދުވެގެންދިޔަ ދެ ތިން އަހަރަށްފަހު އަލުން ހަމަޔަކަށް އެޅުނުއިރު މީހުންގެ ވިސްނުމާ ފިކުރަށްވެސް ބަދަލުތަކެއްވަނީ އައިސްފައެވެ. އޭގެތެރޭގައި މަސައްކަތުގެ ވެއްޓާއި ކުރާ މަސައްކަތާއި އަދި މަސައްކަތްކުރަންޖެހޭ ގޮތާއި ވަގުތާ ދޭތެރޭވެސް ވިސްނުން ވަނީ ކަފިވެފައެވެ.
ތަޖްރިބާކާރުންގެ ދިރާސާތަކުން އެނގިފައިވާ ގޮތުގައި ގިނަ ވަގުތު މަސައްކަތުގައި އުޅެންޖެހުމުން ފޫހިވުމާއި ފަރުވާ ކުޑަކުރުން ނޫން އެހެން ނަތީޖާއެއް ނުލިބެއެވެ. އަދި ހަމަ އެފަދައިން މަސައްކަތް ކުރަންޖެހޭ ވަގުތު މަދުކުރުމަކުން އުފެއްދުން ތެރިކަމަށް އުނިކަމެއް ވެސް ނާދެއެވެ.
އޮންލައިންކޮށް މުއާމަލާތު ކުރުން މިހާރު މިވަނީ އާންމު ވެފައެވެ. ޒަމާނީ ޓެކްނޯލޮޖީގެ އެހީގައި ބައެއް ވަސީލަތްތައް ހަރުދަނާ ކޮށްލަން ޖެހެއެވެ. އޮޓޯނޮމީ އިންސްޓިޓިއުޓުން ކޮށްފައިވާ ދިރާސާއެއްގައި މަސައްކަތްކުރަންޖެހޭ ވަގުތު މަދުކުރުމުން އުފެއްދުންތެރިކަން އިތުރުވެ މަސައްކަތްތެރިންގެ ދުޅަހެޔޮކަމަށް އެހީވެދެއެވެ. މަސައްކަތްކުރަން ކަނޑައަޅާފައިވާ ވަގުތު އެކަމުގައި ހޭދަކުރުމުން އާއިލާއާއެކު ހޭދަކުރާނެ ވަގުތު ލިބުމުގެ ހިތްހަމަޖެހުންވެސް ލިބިގެންދެއެވެ. މަސަކަތް ކުރަންޖެހޭ ވަގުތު މަދުކުރުމުގެ މާނައަކީ އެ މަސައަކަތަކަށް ފުދޭ ވަރަށް މަސައްކަތުގެ ވަގުތު ދެމެހެއްޓުމެވެ. އޮފީހަށް އައުމާއެކު 30 މިނިޓް ސަޔަށް އޭގެފަހުން ފޯނުގައި އަނެއް 30 މިނިޓް ހޭދަކުރުމަށްފަހު ދޭތެރެއަކުން އަނެއްކާ ބްރޭކެއް ނަގާގޮތަށް މަސައްކަތުެ ވަގުތު ހޭދަކުރުންކަމުގައި ނު ދެކޭށެވެ. މިއީ ކަށީގައި ހިފާފައި ހުރި އާދައަކަށް ވުމުން ދުރުހެލިވުންވެސް ވަރަށް އުދަނގޫ ވާނެއެވެ.
ގައުމުތަކުގައި މަސައްކަތްކުރަންޖެހޭ ވަގުތު ކަނޑައެޅުމުގައި ތަފާތު އުސޫލުތައް ބޭނުންކޮށްފާ ހުރެއެވެ. ބޭނުމަކީ ރަނގަޅު ނަތިޖާއަކާ ހަމަޔަށް ދިއުމެވެ.
ގަބޫލުކުރުން ކިތަންމެ އުދަނގޫ ކަމުގައިވިޔަސް މިވަގުތު ދުނިޔޭގައި މަސައްކަތުގެ ވަގުތު އެންމެ މަދުން ކަނޑައަޅާފައިވަނީ ޔަމަނުގައެވެ. ޔަމަނަކީ މިއަދު މަސައްކަތްކޮށްގެން އާމްދަނީ ހޯދުމުގެ ގިނަ ވަސީލަތްތަކެއް ލިބިފައިވާ ގައުމެއް ނޫނެވެ. ލިބުނު ކޮންމެ މަސައްކަތެއް ކުރުން އޮތީ ލާޒިމް ވެފައެވެ. އާންމުގޮތެއްގައި ޔަމަނުގައި ކުރާ މަސައްކަތަކީ ދަނޑުވެރިކަމެވެ. އެ މަސައްކަތުގައި ޔަމަނުގެ ފިރިހެނުން ހޭދަކުރަނީ ހަފުތާއަކު 26.4 ގަޑިއިރެވެ. އަންހެނުން ހޭދަކުރަނީ ހަފުތާއަކު 18 ގަޑިއިރެވެ. ޔަމަނުގެ ރައްޔިތުންގެ ދެކޭގޮތުގައި ކާމިޔާބު މުއްސަނދި މީހަކަށް ވުމުގައި އާއިލާއެކު ހޭދަކުރާނެ ވަގުތު ލިބުން ބޭނުމެވެ.
ރަސްމީ ގޮތުން ނެދަރލޭންޑްގައި ފިރިހެނުން މަސައްކަތްކުރަނީ ހަފުތާއަކު 30.4 ގަޑިއިރުގައެވެ. އަންހެނުން 22.6 ގަޑިއިރުގައެވެ. މަސައްކަތު ވަގުތު މިގޮތަށް ހަމަޖެހިފައި އޮތުމުން ނެދަރލޭންޑްގައި އިތުރު ވަގުތު މަސައްކަތްކުރަން ބޭނުން މީހަކަށް އެ ފުރުސަތު އޮންނަނީ ތަނަވަސްވެފައެވެ. ޚާއްސަކޮށް އަންހެނުންގެ ތެރޭގައި އެ ފުރުސަތުގެ ބޭނުން ކުރާލެއް ބޮޑުކަން ފާހަގަ ކުރެވިފައި ވެއެވެ. ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އޯސްޓްރިއާ އާއި ޑެންމާރކް އަދި ނޯރވޭ އާއި ފިންލޭންޑާއި ސްވިޑްން ގައި ވެސް ރަސްމީގޮތުން ފިރިހެނުން މަސައްކަތް ކުރަން ޖެހެނީ ހަފުތާއަކު 31 ވަރަކަށް ގަޑިއިރުގައެވެ. އަންހެނުން 26 ވަރަކަށް ގަޑިއިރުގައެވެ. މި ގައުމުތަކަކީ ޔޫރަޕުންވެސް އިޖްތިމާއީ ގުޅުންތަކަށް ފުރުސަތު ތަނަވަސްކޮށްދިނުމުގައި އެންމެ ކުރީ ސަފުން ފެންނަ ގައުމުތަކެވެ. ޔޫރަޕްގެ ބައެއް ގައުމުތަކުގައި ރަސްމީގޮތުން މަސައްކަތްކުރަންޖެހޭ ވަގުތު މަދުކުރުމުގައި އެހެން ސަބަބުތަކެއްވެސް ރިއާޔަތް ކޮށްފައި ވެއެވެ. އޭގެ ތެރޭގައި ގިނަމީހުންނަށް ވަޒީފާ އަދާކުރުމުގެ ފުރުސަތު ފަހިކުރުން ފާހަގަކުރެއެވެ. މިސާލަކަށް ހަފުތާއަކު 31 ގަޑިއިރު މަސައްކަތްކުރާމީހާ އެ މަސައްކަތުގައި ހޭދަކުރާނީ ހަފުތާއަކު 5 ދުވަސް ކަމަށް ބަލައިފިނަމަ ދުވާލަކު މަސައްކަތް ކުރާނީ ގާތްގަނޑަކަށް ހައެއްކަ ގަޑިއިރުގައެވެ. ގިނަ މަސައްކަތްތައް ކުރަންޖެހޭ ކާރުޚާނާ ތަކުގައި އެހެން ބަޔަކު ލައްވާ ދުވާލަކު އިތުރު ހައެއްކަ ގަޑިއު މަސައްކަތް ކުރުވިދާނެއެވެ. ވަނަޓުއާއާއި މޮޒަމްބީކް އަކީވެސް ފިރިހެނުން ހަފުތާއަކު ތިރީހަކަށް ގަޑިއިރު މަސައްކަތް ކުރާއިރު އަންހެނުން ހަފުތާއަކު 25 ވަރަކަށް ގަޑިއިރު މަސައްކަތް ކުރާ ގައުމެކެވެ. މި 2 ގައުމަކީވެސް މައިގަނޑު ގޮތެއްގައި ދަނޑުވެރިކަމުގެ ސިނާއަތަށް ބަރޯސާ ވެފައިވާ 2 ގައުމެވެ. ދަނޑުވެރިކަމުގައި ހޭދަކުރަންޖެހޭ ވަގުތު ކިތަންމެ ގިނަ ކަމުގައި ވިޔަސް އިޖްތިމާއީ އަދި އާއިލީ ގުޅުމަށް ވަގުތު ހުސްކުރުމަށް މަސައްކަތުގެ މާހައުލު ރާވައި ބައްޓަންކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީއެވެ.
މިދިރާސާތަކުން އަޅުގަނޑުމެންގެ މަސައްކަތު ދާއިރާތަކަށް އަލިއަޅުވާލާއިރު ޚާއްސަގޮތެއްގައި 2 ކަމެއް ފާހަގަ ކުރެވެއެވެ. ވަޒީފާ ދެއްވާފަރާތުން ބޭނުންވަނީ ގެރިމަރުވަންދެންވެސް ކިރު ފެލަމުން ގެންދިއުމަށެވެ. ވަޒީފާ އަދާކުރާ ފަރާތްތަކުން ޓީ ބްރޭކް ކޮފީ ބްރޭކް ނެޕް ބްރޭކް ނެގުމުގައި ވަގުތު ނަގާލުން އޮތީ އާދައަކަށް ވެފައެވެ. އޭގެ ފަހުން ދުލުކޮޅުގައި އޮންނަނީ ބޭރުމީހުން އައިސް މަސައްކަތު މާހައުލު މޮނޮޕޮލީ އަތުލި ވާހަކައެވެ. އަރަބި ގައުމުތަކަށް ގެންދިޔަ މަސައްކަތުމީހުން ސަބަބުން އިޖްތިމާއީ މައްސަލަތަކެއް ވަނީ އުފެދި ފައެވެ. އެ ގައުމުތަކުގައި ހޭދަކުރާނެ ފައިސާ ހުރުމުގެ ސަބަބުން ގައުމުގެ ރައްޔިތުންނަށް އާމްދަނީ ހޯދުމުގެ މަގު ބަންދުވެފައެއް ނެތެވެ. ޔޫރަޕާއި އެމެރިކާއަށް ގެންދިޔަ މަސައްކަތު މީހުންގެ ސަބަބުން މިއަދު މިއޮތީ ނަސްލީ ދެކޮޅުވެރިކަމާ ކުރިމަތިލާންޖެހިފައެވެ. އަޅުގަނޑުމެން މިކަންތައްތަކުން އިބްރަތް ލިބި ނުގެންފިނަމަ ދިވެހިން ފަޚުރުވެރިކަމާއެކު ބުނެއުޅޭ އެއްބައެއް ވަންތަ އެއްބަހަކުން ވާހަކަ ދައްކާ އެއްދީނަކަށް ތަބާވާ އެއް ނަސްލެއްގެ ބައެކޭ ނުބުނެވޭނެ ދުވަސް ދުރެއް ނުވާނެއެވެ.
![]()
