ނޭޕާލްގައި ކޮރަޕްޝަނާ ދެކޮޅަށް ހިންގި ވަރުގަދަ މުޒާހަރާތަކަށްފަހު ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު ބޮޑުވަޒީރުގެ މަގާމާ ހަވާލުވެ ވަޑައިގެންފިއެވެ. ހުކުރު ދުވަހުގެ ރޭ ހުވާކުރެއްވި އައު ބޮޑުވަޒީރަކީ ސުޕްރީމްކޯޓުގެ ޗީފް ޖަސްޓިސް ކަން ކުރިން ކުރައްވާފައިވާ ސުޝީލާ ކާކީ އެވެ.އުމުރުފުޅުން 73 އަހަރުގެ ސުޝީލާ ކާކީ އެ މަގާމަށް އައްޔަން ކުރަން އިހްތިޖާޖް ތަކުގެ އިސް ލީޑަރުން އެއްބަސް ވެފައިވަނީ ”ޑީލް“ އެއްގެ ދަށުން ކަމަށް ޚަބަރުލިބެއެވެ.
ސަރުކާރުން ސޯޝަލް މީޑިޔާ ޕްލެޓްފޯމްތައް ބަންދު ކޮށްލުމުން އާންމުގެ ރުޅިގަނޑު ފަޅައިގެންގޮސް މަގުތަކަށް ނިކުމެ ތަންތަނާ ތަކެއްޗަށް ގެއްލުން ދޭން ފެށިއެވެ. މި ހަމަ ނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ނިކުތް ސިފައިނާއި ފުލުހުން ހަމަލާ ދިނުމުގެ ސަބަބުން ފަންސާހަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
ސޯޝަލް މީޑިޔާ ޕްލެޓްފޯމްތައް ހޯމަ ދުވަހު ވީއްލާފައި ވީނަމަވެސް އޭރު ހަމަނުޖެހުންތައް ވަނީ ފުޅާވެގެން ގޮސް ކޮންޓްރޯލް ނުކުރެވޭ ވަރު ވެފައެވެ. ކިޔަވާކުދިންނާއި އާންމުންގެ ގިނަބަޔަކު ނިކުމެ ވަނީ މަޖިލީސް ކުރާގޭގައިވެސް ހުޅުޖަހާފައެވެ. ހަމަނުޖެހުން ފުޅާވެގެން ދިއުމުން ބޮޑުވަޒީރު ކޭޕީ ޝަރުމާ އޮލީ ވަނީ އަންގާރަ ދުވަހު މަގާމުން އިސްތިއުފާދެއްވާފައެވެ.
ހުކުރު ދުވަހު މެންދުރެއްހާއިރު ރައީސް ރާމް ޗަންދުރާ ގެ ޕްރެސް އެޑްވައިޒަރ ވަނީ ކާކީ ބޮޑުވަޒީރު ކަމާ ހަވާލުވެ ވަޑައިގެން އިރާކޮޅުގެ ވަގުތެއްގައި ހުވާކުރެއްވުން އޮންނާނެކަން ޔަގީން ކޮށްދީފައެވެ.
މުޒާހަރާތަކުގައި އިސްކޮށް އުޅުނު ފަރާތްތަކާ ނޭޕާލްގެ ރައީސްވަނީ އެތައް ދުވަހެއް ވަންދެން ބައްދަލް ކުރައްވާ ވާހަކަތައް ބާއްވަވާފައެވެ. މި ބައްދަލް ވުން ތަކުގައި ގާނޫނީ ފަރާތްތައް ވެސް ބައިވެރި ކޮށްފައި ވެއެވެ.
އައު ބޮޑުވަޒީރު މަގާމާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު ޕާލަމެންޓް އުވާލެވޭނެއެވެ. އަދި ހަމަސް ދުވަހުގެތެރޭ އަލުން އިންތިޚާބް ބާއްވަން ޖެހެއެވެ.
ސުޝީލާ ކާކީ އަކީ ފަސްބައި ސާފު ބޭފުޅެއް ކަމުގައި ގިނަ ބަޔަކު ގަބޫލު ކުރެއެވެ. އަދި ”ޖެންޒީ“ އަށް ނިސްބަތްވާ ގިނަ ޒުވާނުންވެސް އޭނާ އަށް ތާއީދު ކުރެއެވެ. އަންގާރަ ދުވަހު ކާކީ ވަނީ ހަމަނުޖެހުން އެންމެ ބޮޑުވެގެން ދިޔަ ބައެއް ތަންތަނަށް ޒިޔާރަތް ކުރައްވާފައެވެ. އަދި އަނިޔާލިބި ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ބައެއް މީހުންގެ ހާލު ބައްލަވާ ލެއްވުމަށް ވަޑައިގެންނެވިއެވެ.
ސުޝީލާ ކާކީ ނިސްބަތްވެ ވަޑައިގަންނަވާ އާއިލާއަކީ ނޭޕާލްގައި ބާރުގަދަ ”ކޮއިރަލާ ޑައިނާސްޓީ“ އާއި ގާތް ގުޅުމެއް އޮންނަ އާއިލާއެކެވެ.ނެޕާލްގެ އެންމެ ބޮޑު ސިޔާސީ ޕާޓީ ނެޕާލީ ކޮންގްރެސް އަކީ ކޮއިރަލާ ޑައިނާސްޓީ އަށް ނިސްބަތްވާ ޕާޓީ އަކަށްވާއިރު ސުޝީލާ ކާކީ ކައިވެނި ބައްލަވައިގަތީ އޭރު ޕާޓީގެ ލީޑަރަކަށް ހުންނެވި ދުރުގާ ސުބޭދީ އާއި އެވެ.
ގާނޫނީ ވަކީލަކަށް ކުރިން ހުންނެވި ސުޝީލާ ކާކީ 2016 ވަނަ އަހަރު ނޭޕާލްގެ ޗީފްޖަސްޓިސްގެ މަގާމަށް ވަޑައިގެނެވުނީ ފިރިކަލުން ސަޕޯޓާ އެކުގައިކަމަށް ސުޝީލާ ވިދާޅުވެފައި ވެއެވެ. އޭނާ ޗީފް ޖަސްޓިސްގެ މަގާމުގައި ހުންނެވީ 11 މަސްދުވަހުއެވެ. މި މުއްދަތުގައި އޭނާޔާ ދެކޮޅަށް އިތުބާރު ނެތް ކަމުގެ ވޯޓެއްވެސް ނަގާފައި ވެއެވެ.
ނޭޕާލްގައި އަލުން ހަމަޖެހުން ގާއިމް ކުރުމަށް އަސްކަރިއްޔާއިން މިހާރުވަނީ މަގުތަކުމައްޗަށް ސިފައިންގެ ޕެޓްރޯލްތައް ނެރެފައެވެ.
ނޭޕާލްގައި ހަމަ ނުޖެހުން އެންމެ ފުރަތަމަ ފެށިގެން އައީ ގައުމުގައި ކޮރަޕްޝަން މާބޮޑަށް އާންމުވެފައިވާ މައްސަލައިގައެވެ. އާންމުން ދަތިހާލުގައި އުޅޭ އިރު ޓެކްސް ޕޭޔަރުންގެ ފައިސާ ބޭނުންކޮށްގެން ސަރުކާރުގެ އިސްފަރާތްތަކާ އެމީހުންގެ ދަރިން އަރާމު ދިރިއުޅުން އުޅެމުން ގެންދާތީ އެކަމާ އާންމުން ނުރުހުން ފާޅުކުރަން ފެށިހިސާބުންނެވެ.
![]()
