ކާމިޔާބުވާނޭ ބަޔަކީ، ނަމާދުގައި ޚުޝޫޢަތްތެރިވެ ބިރުވެތިވާ މީހުން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޚުޠުބާގެ މައުޟޫޢު އަކީ ”ނަމާދުގައި ޚުޝޫޢަތްތެރިވުން“ މި މައުޟޫޢުއެވެ.
އީމާންވުމަށް ފަހު، އަޅާގެ މައްޗަށް އެންމެ މުހިންމު އަޅުކަމަކީ ނަމާދުކަމަށާއި ނަމާދަކީ ދީނުގެ ތަނބު ކަމަށް ހުޠުބާގައި ބުނެފައި ވެއެވެ.
ޚުޠުބާގައި ބުނީ މުސްލިމު އަޅާ، ފަރުޟު ފަސް ނަމާދު އަދާކޮށްފައި ހުންނާން ޖެހޭނީ، ތާހިރުކަންމަތީހުރެ، ދެއްކުންތެރިކަމެއް ނެތި، މަޑުމައިތިރިކަމާއި ޚުޝޫޢަތްތެރިކަމާއެކު މާތް ﷲއަށް ހިތްނިޔަތް ޚާލިޞްކޮށްގެންވާ ޙާލުގައި ކަމަށެވެ.
ފަރުވާކުޑަކޮށް، އާދަކާދައިގެ މަތީން ކޮށްލާކަމެއްގެ ގޮތުގައި ނަމާދުކޮށްގެން، މާތް ﷲ އެ ނަމާދު ޤަބޫލެއްނުކުރައްވާނެ ކަމަށާއި ކާމިޔާބުވާނޭ ބަޔަކީ، ނަމާދުގައި ޚުޝޫޢަތްތެރިވެ ބިރުވެތިވާ މީހުން ކަމަށް ޚުޠުބާގައި ބުނެފައި ވެއެވެ.
”އެ މީހުންނަށް ހުރި ދަރުމަ އަންގަވައި މާތް ﷲ ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ.“މުއުމިނުން ކާމިޔާބުވެއްޖެކަން ކަށަވަރެވެ. އެއުރެންނީ، އެއުރެންގެ ނަމާދުގައި މަޑުމައިތިރިވެ ތިބޭ މީހުންނެވެ.“ ހަމަ އެ ފަދައިން ނަމާދު ކުރިކަމުގައި ވިޔަސް ނަމާދުކުރުމުގައި ފަރުވާކުޑަކުރާ މީހުންނަށް ހުރީ ހަލާކުކަން އަންގަވައި މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ”ފަހެ، އެއުރެންގެ ނަމާދާ މެދު ޣާފިލުވެ ތިބެ، ނަމާދުކުރާ މީހުންނަށް ގެއްލުމާއި ހަލާކުހުށްޓެވެ.“ މާތް ﷲ ވަހީ ކުރެއްވި ބަސްފުޅެއްގެ މާނައިގައިވާ ކަމަށް ޚުޠުބާގައި ބުނެފައި ވެއެވެ.
ނަމާދުކުރާ މީހާ ހުތުރުކަންބޮޑު ފާފަތަކާއި، މުންކަރާތްތަކާ ދުރުހެލިވާނޭ ކަމަށާއި ވައްކަމާއި، ރިޝްވަތާއި، މައިންބަފައިންނަށް އުރެދުމާއި، ބުހުތާނު ދޮގުހެދުން ފަދަ ފާޙިޝު ޢަމަލުތައް ނުކުރާނޭކަމަށް ޚުޠުބާގައި ބުނެފައި ވެއެވެ.
ނަމަވެސް ނަމާދުކޮށް އުޅޭ މުސްލިމުންގެ ތެރޭގައި، މި ފަދަ ޢަމަލުތައް ކުރާމީހުން މަދެއްނޫން ކަމަށާއި މިއީ އަހަރެމެންގެ އަމިއްލަ ނަފުސާ ސުވާލުކުރާން ޖެހޭނޭ ކަމެއް ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
”އެ ސުވާލަކީ، ނަމާދު ކުރެވެނީ ޚުޝޫޢަތްތެރިކޮށް ރަނގަޅަށް ހެއްޔެވެ؟ މާތް اللّٰهއާއި އެ ކަލާނގެ ރަސޫލާ އެންގެވި ގޮތަށްހެއްޔެވެ؟ ޖަވާބުގައި އާނއެކޭ ބުނާ ނަމަ، ދެން ފާޙިޝުކަންތަކާއި ފާފަތަކަށް އަރައިގަނެވެނީ ކީއްވެތޯ ތިމާގެ އަމިއްލަ ނަފުސާ ސުވާލު ކުރާށެވެ!“ ޚުޠުބާގައި ބުނެފައި ވެއެވެ.
”މުސްލިމް އަޚުންނޭވެ! ތިޔަބައިމީހުން ނަމާދުގައި މަޑުމައިތިރިވެ ޚުޝޫޢަތްތެރިވާށެވެ! މާތް اللّٰهއަށް ބިރުވެތިވާށެވެ! ނަމާދުގައި އިޙްސާންތެރިވާށެވެ! އެއީ ތިމާއަށް މާތް اللّٰه ފެންނާން ނެތަސް، އެ ކަލާނގެ ތިމާގެ ޢަމަލުތައް ދެކެދެނެވޮޑިގެންވާކަން ޤަބޫލުކުރާ ޙާލުގައި، ނަމާދުކުރުމެވެ.“ ޚުޠުބާގައި ބުނެފައި ވެއެވެ.
ނަމާދަށް ފެށުމުގެ ކުރީން، މޯބައިލް ފޯނުތައް ނިންވައިލުމަކީ އެއީ ނަމާދުގައި ޚުޝޫޢަތްތެރިވުމަށް މިއަދު ކުރެވިދާނޭ ކަމެއް ކަމަށާއު ނަމާދުގަޑީގައި މީހުންނާ ފޯނުން ނުގުޅުމަކީ ވެސް، ނަމާދަށް ތިބޭ މީހުން ޚުޝޫޢަތްތެރިވުމަށް ކޮށްދެވިދާނޭ ކަމެއް ކަމަށާއި ނަމާދަށް ތިއްބައި، ފޯނު ރަނގަބީލުވާ އަޑު އިވުމަކީ، ނަމާދަށް ތިބޭ މީހުންނަށް އުނދަގޫވާނެ ކަމެއް ކަމަށް ހުޠުބާގައި ބުނެފައި ވެއެވެ.
މީގެ އިތުރުން ނަމާދުގައި ކިޔާ ތަކެތީގެ މާނަ ދަސްކުރުމަށާއި ސޫރަތުލްފާތިޙާއާއި ކުރުސޫރަތްތަކުގެ މާނައާއި، ތަސްބީޙަތަކާއި ޛިކުރުތަކާއި ދުޢާތަކުގެ މާނަ އާއި ނަމާދަށް ހުންނައިރު، ކިޔަވާ ސޫރަތްތަކާއި ކިޔާ ތަކެތީގެ މާނަ ހިތަށް ގެންނަން ޚުޠުބާގައި ވަނީ ބުނެފައެވެ.
![]()
