އުމުރުން ދުވަސްވީ ދެމަފިރިން އެމީހުންގެ ކައިވެންޏަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް ހަވާއީ އަށް ދަތުރެއް ކޮށްލަން ނިންމިއެވެ. މިއީ އެތައް އަހަރެއް ވަންދެން ދެމީހުންވެސް ދެކެމުން އައި ހުވަފެނެކެވެ. އެހެން ކަމުން ފްލައިޓަށް އަރާ ދަތުރު ފެށިހަމައިންވެސް ދެމީހުންވެސް ތިބީ ވަރަށް އުފަލުންނެވެ.
އެއީ ޕައިލެޓްގެ އެނައުންސްމަންޓެއް އިވިގެން ދަންދެނެވެ. ”ފަސިންޖަރުންގެ ސަމާލުކަމަށްޓަކައި ދަންނަވާލަމެވެ. މި ބޯޓަށް ކުއްލި އިމަޖެންސީ އެއް ކުރިމަތިވެއްޖެއެވެ. ބޯޓުގެ ދެ އިންޖީނު އެއްފަހަރާ ވަނީ ފެއިލްވެފައެވެ. އެހެން ކަމުން ދަތުރު ކުރިއަކަށް ނުގެންދެވޭނެއެވެ. އަޅުގަނޑު ގަސްތުކުރަނީ މާކަނޑުތެރޭ ފެންނަންއިން އެކަނި ޖަޒީރާއެއްގައި އިމަޖެންސީކޮށް ބޯޓު ޖައްސާށެވެ. ބޯޓަށް އަދި ފަސިންޖަރަކަށްވެސް ގެއްލުމެއް ނުލިބި އެ ޖަޒީރާގައި ބޯޓު ޖެއްސި ދާނެކަމުގެ ޔަގީންކަން އަޅުގަނޑަށް އެބައޮތެވެ. އެހެން ނަމަވެސް އަހަރުމެން އެތަނުގައި ތިބިކަން ނޭނގި އަހަރުމެން ސަލާމަތް ކުރަން ބަޔަކު ނައިސް މުޅި އުމުރަށްވެސް އެތަނުގައި ތިބެން ޖެހިދާނެކަން ހިތާމަޔާއެކު ދަންނަވާލަމެވެ.“
ޕައިލެޓްގެ އެނައުންސްމަންޓާއެކު ބޯޓުތެރޭން ހާސްކަމާ ކަންބޮޑުވުން ފާޅުވާން ފެށިއެވެ. ރޯމީހުން ރޮނީއެވެ. އެއްބަޔަކު ހޭންޑް ލަގެޖް ނެގޭތޯ އުޅޭ އިރު އަނެއްބަޔަކު އެކަން ހުއްޓުވާ މައިތިރިވެގެން ތިބުމަށް ގޮވާއަޑުގަދަ ކުރަމުން ގެންދިޔައެވެ.
ވަރަށް ހުޝިޔާރު ކަމާއެކު ޕައިލެޓް އެ ކުޑަޖަޒީރާ ގައި ބޯޓުޖައްސައިފިއެވެ. ބޯޓުހުއްޓުމަކަށް އައުމުން ދޮރުހުޅުވާ ހުރިހާ ފަސިންޖަރުންވެސް މަޑުމަޑުން ބޯޓުން ބީޗް މައްޗަށް ފައިބަން ފެށިއެވެ.
އުމުރުން ދުވަސްވީ ދެމަފިރިންވެސް ނޭވާ ހަމަޔަކަށް އެޅެންދެން ބީޗް މަތީ އިށީދެލައިގެން ތިއްބާ ކުއްލިއަކަށް ފިރިހެންމީހާ އޭނާގެ އަންހެނުންނާ ދިމާލަށް ބަލާލާފައި ބުންޏެވެ. ”ކާރުގަންނަން ނެގި ލޯނުން މި މަހު ދައްކަން ޖެހޭ ބައި ދެއްކިން ހެއްޔެވެ.؟“ މިހެން ބުނުމުން އަންހެން މީހާ ބުންޏެވެ.“ނޫނެކެވެ. އަހަރެން ހުރީ އެ ފައިސާ ދައްކާށެވެ. ނަމަވެސް ހަނދާނުން ކައްސާލީއެވެ.“
”އެހެންވިއްޔާ ކްރެޑިޓް ކާޑުގެ ބިލް ދެއްކިން ހެއްޔެވެ؟“ މި ސުވާލަށްވެސް އަންހެންމީހާ ބުނީ ނުދައްކާ ކަމުގައެވެ. ދެން ފިރިހެންމީހާ އެހިއެވެ. ”މިދިޔަ މަހު އޮތް ބޮޑު ހޮސްޕިޓަލް ބިލު ދެއްކިން ހެއްޔެވެ.؟“ އަންހެން މީހާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ”އެ ބިލްވެސް ދައްކާކަށް އަހަރެން ހަނދާނެއް ނެތެވެ.“
ފިރިހެންމީހާ ކުއްލިއަކަށް ތެދުވެ އަންހެންމީހާ އަތުގައި ހިފާ ކޮއްޅަށް ނެގުމަށްފަހު ބާރަށް އޭނާ ގައިގައި ބައްދާލިއެވެ. މިއިން ޒަމާނަކުވެސް ނުބައްދާހާ ބާރަށެވެ. އަންހެންމީހާ ހޭން ފެށިއެވެ. އަދި ބުންޏެވެ. ތިޔަހާ އުފަލެއް ތިޔަވީ ކިހިނެއް ވެގެން ހެއްޔެވެ. އަހަރުމެން މި ތިބީ ސަލާމަތްވާނެ ގޮތެއް ނެތިފަ ކަނޑުމެދުގަ އޮތް ފަޅު ރަށެއްގަކަން ހަނދާން ނެތުނީ ހެއްޔެވެ.؟“
ފިރިހެން މީހާ ޖަވާބުގައި ބުންޏެވެ. ”އަހަރެން މިހާއުފާވި ސަބަބު ބުނަން ހެއްޔެވެ.؟ ތިޔަ ހުރިހާ ފައިސާ ދައްކަން ހުރިނަމަ އެމީހުން އަހަރުމެންވީތަނަކުން ހޯދާނެއެވެ. އެހެންވެގެން އުފާވީއެވެ.“
![]()
