ދިވެހިރާއްޖެ ލާމަރުކަޒް ކުރުމާއި އެއްފަސްކުރުން

Loading

September 12, 2025
profile
Facebook
Twitter
WhatsApp

އެމެރިކާގެ ބައެއް ސަރަހައްދު ތަކުގައި މީހުން ދިރިއުޅުން ތޮއް ޖެހެމުން ދިއުމުގެ ސަބަބުން ނިއުކްލިއަރ ކާރިސާއެއް ފަދަ ކަމެއް ދިމާވެއްޖެނަމަ ގައުމުގެ ރައްޔިތުންގެ ހަތަރުބައިކުޅަ ތިންބައި ވަރަށްމަދު ސިކުންތު ކޮޅެއްގައި އަނދާ އަޅިޔަށް ވެދާނެ ކަމުގެ ބިރު ބޮޑުވެފައިވާ ކަމަށް ތަޖްރިބާކާރުންގެ ދިރާސާ ތަކަށް ޙަވާދީ ވަރަށްފަހުން ހިންދުސްތާން ޓައިމްސް ގައި ޝާއިއުކޮށްފައިވާ ރިޕޯރޓެއް ކިޔާލީމެވެ.

އެ ރިޕޯރޓުގައި ބާރުއަޅާފައިވާ މައުލޫމާތުތައް އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ ވެއްޓަށް އަމާޒުކޮށްލައިފިނަމަ ނިއުކްލިއަރ ކާރިސާއެއް ނޫނަސް ހިތަށް ބިރުވެރިކަމާއި ނުތަނަވަސްކަން ވައްދައިދޭނެ އެވެ.                                       

އެލިއުމުގެ މައިގަނޑު ކަންބޮޑުވުމަކީ ގިނަބަޔަކު އެއްތަނަކަށް ޖަމާކުރުމުގެ ނުރައްކާތެރިކަމޭ ބުނެވިދާނެއެވެ. އެލިއުން އަޅުގަނޑުމެންގެ ޙާލަތަށް އަޅާކިޔާލުން ވަރަށް ބޭނުމެވެ. ނިއުކްލިއަރ ހަނގުރާމައެއްގެ ޝިކާރައަށް ވެދާނެތީ ނުވަތަ ނުވެދާނެތީކީވެސް ނޫނެވެ. ދިވެހި ދައުލަތް ޢަދުލު އިންސާފުގެ މަތީން ހިންގަދޭން ޙަވާލުވެތިބޭ ސަރުކާރުތަކުން ފަހަކަށްއައިސް އެއްފަސްކުރުން ނުވަތަ ލާމަރުކަޒުކުރުން ފަދަ ރީތި ނަން ނަމުގައި ދައްކާ ވާހަކަތަކުގެ ފޮނިކަމުން ބޮލުގައި ރިހޭތީއެވެ.

 ދިވެހި ގައުމުގައި އެއްފަސްކުރުމާއި ލާމަރުކަޒް ކުރުމުގެ ނަމުގައި ހިންގަމުންގެންދާ ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ރައްޔިތުންނަށް ލިބޭ ތަނަވަސްކަމެއް އެބަ އޮތް ބާވައެވެ! ހަމަގައިމުވެސް ލާމަރުކަޒް ކުރުމުގެ ނަމުގައި މާލޭގެ ސަރަހައްދަށް ރައްޔިތުން އެއްކޮށްފައި ވަނިކޮށް ނުރައްކާތެރި ބަލިމަޑުކަމެއް އާންމު ވެއްޖެނަމަ ކޮންޓްރޯލް ކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ. މިދިޔަ ކޮވިޑްގެ ދުވަސްވަރު ކަންދިމާވި ނުރައްކާޓެރިކަން އަދި ހަނދާން ނެތޭހާ ދުވަހެއް ނުވެއެވެ!

އަތޮޅުތަކާއި ރައްރަށުގެ ތަރައްގީއާއި ކަންކަން ކުރުމަށްޓަކައި ލޭންޑް ޔޫސް ޕްލޭން (އެލް.ޔޫ.ޕީ ) އެއްގެ އެންފޯސްމެންޓް ބޮޑުވެ އެއްވެސް ކަމެއް ކުރިޔަށްގެންދިއުން ދަތިވާވަރުވެފައިވާއިރު ސުވާލަކީ ކޮބާތޯއޭ މި ގައުމުގެ މައިސަރުކާރުތަކުގެ އެލް.ޔޫ.ޕީ؟! ގައުމު ކުރިއަށް ގެންދާނޭ ގޮތާއި ތަރައްގީ ކުރާނެ ގޮތުގެ ތިބުނާ އެލް.ޔޫ.ޕީ ކޮބައިތޯއެވެ؟

ހަމަ މޮންމެ ސަރުކާރަކުން ކުރީސަރުކާރުން ކޮށްފާވާ އެއްވެސް ކަމެއް ކަމުނުގޮސްގެން އެ ސަރުކާރުން އެޅި ބުޑުތައް ނުނިންމާ ދޫކޮށްލާފަައި އަލުން ބުޑުތައް އެޅެނީ ކީއްވެތޯއެވެ. މަޢުލޫއިން ބޭރުވާކަށް ނެތީމެވެ.                                                    

ދާދިފަހުން ލާމަރުކަޒީ ނިޒާމްގެ ދަށުން ހިންގަވަން ގަސްދުކުރައްވާފައިވާ ތަރައްގީގެ މަޝްރޫއު ތަކެއް އެ ނިޒާމް ބަލަހައްޓަވާ ވަޒީރުވަނީ ހާމަކުރައްވާފައެވެ. މާލެ ސަރަހައްދުގައި އެޗް. ޑީ. ސީ. ގެ ކުލީ ކޮޓަރި ތަކަކަށް ރާއްޖެތެރޭގެ ރައްޔިޔުންގެ ދިރިއުޅުން ހޭނުވުމަށްފަހު ދެން ރާއްޖެތެރެ ލާމަރްކަޒު ކުރެއްވުމުގެ ބޭނުމާއި ދޭތެރޭ ސުވާލު އުފެދެއެވެ. މިކިޔެނީ ކީކޭކަން އެބޭފުޅުނަށް އެނގުނަސް ރައްޔަތުމީހާ އަކަށް ނުއެނގެއެވެ.

 ވިސްނިވަރަކަށް ރައްޔަތުމީހާ ބޮލަށް ވަންނަނީ ރައްޔިތުން މާލެ ސަރަހައްދަށް ގެންނަވާފައި އެއްބަޔަކަށް މާލެކައިރިން ކަނޑުފަޅުން ގޯތި ދެއްވައި އަނެއްބަޔަކަށް އެޗް. ޑީ. ސީ. ގެ ކުލީ ކޮޓަރި ތަޢާރުފް ކުރެއްވުމުން ރާއްޖެތެރޭގެ ރަށްތައް އެއޮތީ ލާމަރްކަޒު ވެފައި ނޫންހެއްޔެވެ؟ ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ގާނޫނުތަކެއްގެ ދަށުން ކުރައްވާ ކަމަކަށްވާތީ އެއީ ގާނޫނާ ޚިލާފް ކަންތަކެކޭ އަޅުގަނޑުމެން ނުބުނާނަމެވެ. އެހެންނަމަވެސް އެ ގޮތަށް ލާމަރްކަޒް ކުރުމުން ރައްޔިތުންނަށް ލިބޭ މަންފާއަކާދޭތެރޭ ސުވާލު ނުއުފެދޭ ކަމަކަށް ނުބުނެވޭނެއެވެ.                                                            

ރާއްޖެތެރޭން މާލެއަށް ހިޖުރަކުރި ޓެކްސީޑްރައިވަރަކާ ސުވާލުކޮށްލުމުން ޖަވާބު ދިނެވެ. ދުވާލަކު 16 ގަޑިއިރު ޓެކްސީ ދުއްވައިގެން އަށާރަ ވަރަކަށް ހާސް ރުފިޔާ މަހަކު ގެޔަށް ގެންދެވެއެވެ. އެޕާރޓްމެންޓްގެ ކުއްޔާއި ބިލްތަކަށް ދިހަވަރަކަށް ހާސް ރުފިޔާ ޚަރަދުކުރުމަށްފަހު ކެއިން ބުއިމާ ދަރިންގެ ސްކޫލް ޚަރަދު ކޮށްފައި ބާކީ ފަހަކަށް ރައްކާކުރާކަށް ލާރިފޮއްޗެއްވެސް ނޯވެއެވެ.

މާލޭގައިވެސް ޓެކްސީ ދުއްވުން ނޫން އެހެން މަސައްކަތެއް ނުލިބެއެވެ. އަދި ދުއްވާނެ ޓެކްސީ އެއްވެސް ކިތައް މީހުންނަށް ލިބޭނެ ހެއްޔެވެ؟ ރަށުގައި ބޯހިޔާވަހިކަމެއް ލިބިފައިހުރިނަމަ ދިހަހާސްރުފިޔާގެ އާމްދަނީ އަކުންވެސް ތިން ހަތަރު ހާސްރުފިޔާ ފަހަށް ރައްކާ ކުރެވޭނެއެވެ. އެހެނީ ރަަށުގައި ބޮއްކުރައެއްގައި ބޭރު ތޮށްޓަން ނުކުމެލިޔަސް ފަރުމަސްކޮޅެއް ހިލޭ ލިބޭނެއެވެ. ރުކުން ކާއްޓެއް ހިލޭ ލިބޭނެއެވެ. އަދި ފަޅޮލާއި ބަނބުކެޔޮވެސް ހިލޭ ލިބެއެވެ. ގިތެޔޮ މިރުހާއި މުރަނގަ ފަތާއި ރާނބާފަތްވެސް ހިލޭލިބެއެވެ.ނަމަވެސް ކިޔަވުމުގެ ފެންވަރާއި، ސިއްޙަތުގެ ފެންވަރު ދަށްވުމާއި އެފަދަ ކަންކަމުން ޢާއިލާއަށް އިތުރު ކުރިއެރުމާއި ހަމަޖެހުން ހޯދިދާނެކަމުގެ އުންމީދުގައި މާލޭ ސަރަޙައްދަށް އާދެވެނީ ކަމަށެވެ. އަދި ސަރުކާރުތަކު ޕޮލިސީ އެގޮތަށް މާލޭ ބަނޑުދަށަށް އެއްކުރުވައިގެން މުއްސަނދީން ހިންގާ ގެދޮރުގެ ވިިޔާފާރި ފުޅާކޮށްދޭން ޖަހާ މަޅީގައި ގިނަމީހުން ބެދެނީކަމަށްވެސް އޭނާ ކިޔައިދިނެވެ.

ސަރުކާރުތަކުން ގެންގުޅޭ އެއްފަސްކުރުމުގެ ރޫޙު ބަދަލު ކޮށްލެވިއްޖެނަމަ ބަލަމާތޯއެެވެ. އާންމުގޮތެއްގައި އެއްބަޔަކު މަސްވެރިކަމާއި ދަނޑުވެރިކަން ކުރާއިރު އަނެއް ބަޔަކު އުޅެނީ ރިސޯރޓުތަކުގެ ވަޒީފާގައެވެ. ރިސޯރޓްތަކުގެ ވަޒީފާއަކީ މިހާރު އެތަންތަނުގައި މަސައްކަތްކުރާ ބިދޭސީންތައް ފޮނުވާލެވިއްޖެނަމަ އަދިވެސް ގިނަ ދިވެހިންނަށް ވަޒީފާގެ ފުރުސަތު ލިބިދެވޭނެއެވެ.   

 އެއްފަސްކުރުމާއި ލާމަރުކަޒު ކުރުމުގެ ކަންތައް ކުރިއަށް ދާ ގޮތާ ދޭތެރޭ ރައްޔިތުން އެތައް ފަހަރަކު ވިސްނަން އެބަ ޖެހެއެވެ. އަޅުގަނޑުމެންގެ މުސްތަގްބަލް އެންމެ ރަނގަޅުގޮތުގައި ބިނާ ކުރުމަށްޓަކައެވެ.

ދިވެހިރާއްޖޭގެ އެއްފަސްކުރުމާއި ލާމަރުކަޒް ކުރުމުގައި އެޗް .ޑީ. ސީ.ގެ ދައުރު އެންމެ ބޮޑަށް ވައްތަރުވަނީ އިންޑިއާ އިސްތިއުމާރު ކޮށްގެން އުޅުނު އިންގިރޭސީންގެ އީސްޓް އިންޑިއާ ކުންފުނީގެ ޙަރަކާތްތަކާއެވެ. ދިވެހި ދައުލަތުގެ ބަޖެޓުންނާއި ރައްޔިތުންގެ ނަމުގައި ދަރަނި ނަގައިގެން ބިން ހިއްކުމަށްފަހު އެ ބިންތައް އެޗް. ޑީ. ސީ. ގެ މިލްކް ކަމުގައި ވެގެން ދިއުން ގަބޫލު ކުރެވޭނީ ކިހެނެއް ޔެއްޔެވެ؟

އަދި ނުވިތާކަށް ރައްޔަތުންގެ ބައިތުލްމާލުން ބިނާކޮށް އޮޕަރޭޓްކުރަމުން އައި ދަ ގްރޭޓަރ މާލެ އޭރިިޔާވެސް އެވަނި އެ ކަރަޕްޓް އެޗް.ޑީ.ސީ އާއި އަގުމަގު ކުރުމެއްނެތި ދީފައެވެ. ކުންފުންޏެއްގޮ ގޮތުގައި ލޯނު ނަގައިގެން ހަބޭހަށް ކަރަޕްޝަން ޖައްސައިގެން ހިންގާ އެފަދަ ކުންފުންޏަކަށް ދައުލަތުގެ މިލްކިއްޔާތެއް ތިލަފުށްޓައި، ގުޅީފަޅާއި ހިންމެނޭހެން ދެވޭނީ ކޮންގޮތަކުން ތޯއެވެ. މިހާރު މިހިންގޭ ވެރިކަމެކޭ ކުރީގައި ހިންގި ރަސްކަމެކޭ ތަފާތަކީ ކޮބައިތޯއެވެ. އޭރު ރަސްގެފާނު ދެއްވީމާ އެދެވުނީއެވެ. މިހާރު ރައީސްމީހާ ދެއްވީމާ އެދެވުނީއެވެ.

މުސްތަގްބަލްގައި ޚުދު މުޚްތާރު ވެރިކަމެއް އައިސް އެޗް ޑީ ސީ ގެ ޙިއްސާތައް މުއްސަނދިންނަށް ވިއްކާލައިފިނަމަ އެ ބިންތައް ހިއްސާދާރުންނަށް މިލްކުވާނެބާވައެވެ. މި ސުވާލު އުފެދެނީ ސަރުކާރުގެ އެއްވެސް ކުންފުންޏަކަށް ގައުމުގެ ބިން މިލްކުކޮށް ރަޖިސްޓަރީ ކޮށްދީފައިވާކަން އެނގެން ނެތީމައެވެ. ކުރީ ޒަމާނުގައި މާލޭގެ އިއްޒަތްތެރި ބައެއް ބޭފުޅުންނަށް ބިންތައް ވަގުފުކޮށްދީފައި ހުރިކަމަށްވެއެވެ. ނަމަވެސް އެތަންތަން ސަރުކާރަށް ނެންގެވީކަމަށް އަޑު އިވެއެވެ. މިއީ ޑިމޮކްރެސީގެ ޒަމާނެވެ. މީސްމީހުންނަށް މިލްކުވެފާހުރި އެއްޗެއް އަތުލުމަކީ ކުރެވިދާނެ ކަމެއް ނޫނެވެ.                                 

 މި ހާމަ ކުރުމަކީ އެއްގޮތަކަށްވެސް ވަކި މީހަކާ ޒާތީވުމެއް ނޫނެވެ. ބުނެވިދިޔަ ގޮތަށް ކަންތައް މެދުވެރި ވެދާނެ ކަމުގެ ބިރު އޮތުމުން ދިވެހި ރައްޔިތުން އެއީ ނުވާނެ ކަމެއް ކަމުގައި ނުހިއްތެވުމަށް ހަނދާން ކޮށްދިނުމަށެވެ. މިއަދު ދުނިޔޭގެ އެންމެ ބާރުގަދަ އަދި އިންސާނުންގެ ހަމަހަމަކަމަށް ވާކާލާތުކުރުމުގެ އެންމެ ކުރީ ސަފުގައި އޮތް އެމެރިކާގައި ކަންތައް ހިނގަމުންދާގޮތުން ފިލާވަޅު ލިބިގަތުމަށްޓަކައެވެ.                                                   

އެކަމަކު ދިވެހި ދައުލަތުގައި ހަމަކޮންމެ މީހެއްގެ ހިއްސާވެސް އެކުލެވިފައިވަނީ އެއް މިންވަރަށް ކަމުގައި ގާނޫނު އަސާސީއިން ކަށަވަރުކޮށް ދޭތީވެ ސަރުކާރުތަކުން އެއްފަސްކުރުމާއި ލާމަރުކަޒް ކުރުން ކުރިއަށް ގެންދެވުމުގައި މާލޭ ސަރަޙައްދަށް މީހުން އެއްވުމަށް ކުރީގެ ބައެއް ބާރު އަޅުއަވާފައި ވުމާއެކު މިހާރުވެސް ރާއްޖެތެރެ ތަރައްގީކޮށް ރައްޔިތުންގެ ދިރިއުޅުން ތަނަވަސްކުރުމަށް މަގު ފަހިކޮށްދެއްވުމަށް ވުރެން އެޗް ޑީ ސީ މުއްސަނދި ކުރުމަށް މަގުފަހި ކޮށްދެއްވަމުން ގެންދާތީވެ ހިތްހަމަނުޖެހުން ހާމަކުރުމަށް ފުރުސަތުގެ ބޭނުންކުރީއެވެ.

އެޗް ޑީ ސީ އަށްވުރެން މާކުރިން އުފެދުނު ސަރުކާރުގެ ކުންފުނިތައް ހުރި އިރު ބައެއް ކުންފުނިތަކަށް ދިވެހި ދައުލަތުގެ ބައެއް ބިންތައް ކުއްޔަށް ދެއްވާފައި ހުރިކަން އެނގެއެވެ. އެހެންނަމަވެސް އެޗް ޑީ ސީ އަށް ނޫނީ ބިންތައް މިލްކުކޮށްދެއްވައި ރަޖިސްޓްރީ ކޮށްދެއްވާ ފައިވާކަން މީޑިއާއިން ވެސް އެނގިފައެއް ނެތެވެ. ޢަދުވެރި އިންސާފުވެރި ގޮތުގައި ދައުލަތް ހިންގަން ހުވައެއް ކޮށްގެން ޙަވާލުވާ ސަރުކާރުތަކަށް ބޭނުންހާ އެއްޗެސް ހެދިގެން ނުވާނެއެވެ!      

Loading

2 Responses

    1. އަސްލު ވެސް ދޯ. ރަށް ރަށުގައި ހާދަ ހަރަދު ކުޑަކޮށް އުޅެވޭނެއޭ. މާލޭގައި އެގޮތަށް ގަނޑަ ތެޅުން ހެޔޮ ނުވާނެ އެވެ.

Leave a Reply to A Reader Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް