މާލޭގެ މަގުތަކުގެ ޕާކިންއަށް ދޫކުރި ތަންތަން އާންމުންނަށް ހުޅުވާލަން ނިންމައިފި އެވެ.
މިކަންހާމަކޮށް މާލެ ސިޓީ ކައުންސިލުން ބުނީ އިއްޔެ ބޭއްވި އެ ކައުންސިލްގެ ބައްދަލުވުމުގައި މާލޭގެ މަގުތަކުގައި ޕާކިން ސްލޮޓްތައް ވަކި ފަރުދަކަށް ދީފައި އޮތް އޮތުން ނިމުމަކަށް ގެންނަން ޓްރާންޕޯޓް މިނިސްޓްރީން، މާލެ ސިޓީ ކައުންސިލަށް ފޮނުވި ސިޓީއަށް ޢަމަލު ކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެ ޖަލްސާގައި ވާހަކަދައްކަވަމުން މޭޔަރު އާދަމް ޢާޒިމް ވިދާޅުވީ، މާލޭގެ މަގުތަކުން ޕާކިން ސްލޮޓްތައް އިތުރަށް ކުއްޔަށް ނުދެވޭނެ ކަމަށް އަންގައި ޓްރާންސްޕޯޓް މިނިސްޓްރީން ކައުންސިލަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.
”އެ ސިޓީގައި، ވަނީ، މާލޭގެ މަގުތަކުން ތަންތަން ކުއްޔަށް ދިނުމަކީ، ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް“ އެޓާނީ ޖެނަރަލް ލަފާ ދެއްވާފައިވާ ކަމަށް މޭޔަރު އާޒިމް ވިދާޅުވިއެވެ.
މޭޔަރު ވިދާޅުވީ މިކަމާ ގުޅޭ ގޮތުން ޓްރާންޕޯޓް މިނިސްޓްރީއާ މަޝްވަރާ ކުރައްވާނެ ކަމަށާއި މަގުތަކުގައި ހުރި ޕާކިންއަށް ގޮތެއް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
މި މަހުގެ ފަހު ހަފްތާއިން ފެށިގެން، މާލޭގެ މަގުތަކުގެ ޕާކިންއަކީ ހުރިހާ އެންމެނަށް ޕާކު ކުރެވޭނެ ތަންތަން ކަމަށާއި އެއް ވެސް މީހަކަށް ވިއްކާފައެއް އޮތް ތަނެއް ނޯންނާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން، ކައުންސިލަށް ފޮނުވި ސިޓީއާ ގުޅިގެން މޭޔަރު ޢާޒިމް ވިދާޅުވިއެވެ.