އެއްގަމު މަގުން ޗައިނާއިން ބިނާކުރާ ސުއޭޒް ކެނެލް

Loading

Facebook
Twitter
WhatsApp

ސުއޭޒް ކެނެލަކީ ދުނިޔޭގައި އެއްތަނުން އަނެއްތަނަށް ކަނޑުމަގުން މުދާއުފުލުމުގައި އެންމެ ގިނައިން ހުރަސްކުރަންޖެހޭ ކަނޑުމަގެވެ. މިސަބަބަށްޓަކައި އެއްތަނުން އަނެއްތަނަށް އަދި އެއް ގައުމުން އަނެއް ގައުމަށް މުދާ އުފުލުމަށް ބޭނުންކުރާނެ ޚަރަދު ކުޑަ އަވަސް މަގެއް ހުޅުވުމުން އެތަނަށް ސުއޭޒް ކެނަލޭ ބުނަމަކީ މައުޟޫއުން ބޭރުވެވެނީ ކަމަކަށް ނުވާނެއެވެ. 

                                         

ޗައިނާގެ ޑްރޭގަން ޕްލޭން  ޓްރޭޑް ރޫޓްގެ ސަބަބުން އެމެރިކާއާއި އޭޝިއާ އަދި ޔޫރަޕުން މުދާ އުފުލުމަށްޓަކައި ޝިޕިންގ އަށް ހޭދަކުރެވިގެންދާ ވަގުތު ކުޑަކޮށްލެވިގެންދާނެގޮތް ޗައިނާއިން ވަނީ އަލި އަޅުވާލާފައެވެ.       

ޗައިނާއިން މިހާރު ތައްޔާރުވަމުންދަނީ އޭޝިއާއިން ޔޫރަޕަށް އެއްގަމުމަގުން މުދާ އުފުލަން ބޭނުންކުރެވޭނެ ކޮރިޑޯރ އެއް ހުޅުވުމަށެވެ. އެ ކޮރިޑޮރގެ ސަބަބުން ޝިޕިންގް އަށް ހޭދަވެގެންދާ ވަގުތާއި ޚަރަދު އަދި ޚާއްސަކޮށް އެމެރިކާއިން އެ ގައުމުގެ ޓެކްނޯލޮޖީ ވިއްކުމުގެ ބޭނުމުގައި އިންޓަރނޭޝަލް މެރިޓައިމް އޯރގަނައިޒޭޝަން މެދުވެރިކޮށް މަޖުބޫރުކުރަމުން ގެންދާ އުފުލަން ނުކުޅަދާނަ ގަވައިދު ތަކާއި އުދަނގޫތަކުން ސަލާމަތް ވެވޭނެއެވެ.                                                     

ޗައިނާގެ އެއްގަމު ސުއޭޒް ކެނަލް ފެށޭނީ ޗައިނާގެ ފަރުބަދަމަތީ ސަރަހައްދެއްކަމުގައިވާ ޗޯންގް ގިން އިންނެވެ. އެސަރަހައްދު މިހާރުވަނީ ލޮޖިސްޓިކްގެ މައި ނާރެއްގެ ގޮތުގައި ތަރައްގީ ކޮށް ނިންމާފައެވެ. އެ ސަރައްދުން ޔޫރަޕްގެ ޖަރުމަނާއި ޕޯލޭންޑް އަދި ބައެއް އެހެން ގައުމުތަކަށް މިހާރުވެސް މުދާ އުފުލާ ރޭލުގެ ދަތުރުތައް ކުރެވެމުން ދެއެވެ. ޗައިނާގެ އުންމީދަކީ ޗޯންގް ގިން އަކީ އޭޝިއާގެ އެއްވަނަ ލޮޖިސްޓިކް ހަބް ކަމުގައި ވެގެންދިއުމެވެ.                                                         

ސިޔާސީ ތަޖްރިބާކާރުންގެ ރައުޔުގައި ޗައިނާއިން ތައްޔާރުވަމުންދާ އެއްގަމު ސުއޭޒް ކެނަލްގެ މަގްސަދަކީ ހަމައެކަނި ދުނިޔޭގެ އިގްތިސާދަށް އިތުރު ލުއިފަސޭހަކަމެއް ގެނެސްދިނުމެއް ނޫނެވެ. މިކަމުގައި ފޮރުވިފައިވާ ހަގީގަތަކީ ޖިއޯ-ޕޮލިޓިކަލް މައިދާނުގައި އިތުރު އާރާއި ބާރު ލިބިގަތުމެވެ. ދުނިޔޭގެ ވިޔަފާރިއަށް ޓެކްސް އިއުލާންކޮށް ގައުމުތަކުގެ އިގްތިސާދު އެމެރިކާގެ ވަކިތަކުގެތެރޭގައި ހިފޭއްޓުމަށްޓަކައި އެމެރިކާގެ ވެރިން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ބާރުގެ ބޭނުންކޮށްގެން ވިޔަސް މިސްރުގެ ސުއޭޒް ކެނަލާއި ޔަމަނުގެ ބާބުލް މަންދޫބާއި އީރާނުގެ ހޮރްމުޒް ކަނޑުއޮޅިއާއި މެލޭޝިޔާގެ މަލާކާ ސްޓްރެއިޓްފަދަ ދުނިޔޭގެ މުހިންމު ކަނޑުއޮޅިތަކުގެ ކަރަށް ފައިން ނާރާނެ ކަމަށް ޗައިނާއިން ގަބޫލެއް ނުކުރާނެއެވެ. އެފަދަ ވަގުތެއްގައި ޗައިނާގެ އުފެއްދުންތައ ބޭރުކުރުމަށާއި ޗައިނާއަށް ބޭނުންވާ އެހެން ގައުމުގެ އުފެއްދުންތައް އެތެރެކުރުމަށް ހުރަސްތަކެއް އެޅިގެން ދާނެއެވެ. އަދި އެއީ އެމެރިކާގެ މަގްސަދު ކަމުގައި ވެގެންދާނެކަންވެސް ޗައިނާއަށް އެނގެއެވެ.  

ސައުތު އޭޝިއާއާއި ޔޫރަޕާ ދޭތެރޭ އެއްގަމު މަގުން މުދާ އުފުލުމުގެ ލުއި ފަސޭހަ އަދި ޚަރަދުކުޑަ ވަސީލަތެއް ގާއިމްކުރުމުން އެމެރިކާއަށްވުރެން ޗައިނާގެ ބާރު އިގްތިސާދީ މައިދާނުގައި ވަރުގަދަވެގެންދާނެކަން ޗައިނާގެ ވެރިން ދަނެއެވެ. އަދި އެމެރިކާގެ ކުރިމަތީގައި ޗައިނާއިން އިސްދަށަށް ޖަހާކަށް ބޭނުމެއް ނުވާނެއެވެ.     

ޗައިނާއަކީ މިލިޓްރީ ގޮތުންނާއި އިގްތިސާދީގޮތުން ބެލިއަސް ދުނިޔޭގެ މުހިންމު ބާރެއްކަން ޗައިނާ ގަބޫލުކުރެއެވެ. އެ މަގާމު އިތުރަށް ބާރުވެރި ކުރުމަށްޓަކައި އޭޝިއާއި ޔޫރަޕް ގުޅުވާދޭ އެއްގަމު މަގެއް ޗައިނާއިން އުފައްދަން ގަސްދުކޮށްފައިވަނީއެވެ. މި ހުޅުވޭ ކޮރިޑޯރ ގެ ސަބަބުން ޚަރަދު ކުޑަކުރެވުމާއެކު އިރުމަތީ އޭޝިއާގެ ވިޔަފާރިއަށް ބޮޑެތި ލުއި ފަސޭހަތަކެއް ލިބިގެންދާނެއެވެ. ޗައިނާގެ ތަރައްގީއާއެކު އިރުމަތީ އޭޝިއާވެސް އަންނަނީ ކުރިއަރަމުންކަން މި ފުރުސަތުގައި ފާހަގަކުރަންޖެހެއެވެ.                  

ޗޯންގގިންއަކީ ޗައިނާގެ ވިޔަފާރި ފުޅާކޮށްދިނުމުގައި މުހިންމު ސަރަހައްދެއްކަން މިހާރުވެސް ފާހަގަ ކުރެވިފައިވާ ކަމަށާއި މި މަޝްރޫއުގެ ކާމިޔާބީއަށް ބަލައި ކުރިއަށް އޮތްތަނުގައި ޗައިނާގެ ހުޅަނގު ބިތަށްވެސް ފުޅާކުރަން ސަރުކާރުން ރާވާފައިވާ ކަމަށް  ސައުތު ޗައިނާ މޯރނިންގ ޕޯސްޓްގައި ބުނެފައި ވެއެވެ.      

މިހާރުވެސް ކޮންމެ ދުވަހަކު އެތައްސަތޭކަ ޝިޕްމެންޓެއް ޗޯންގގިންގެ ފާސްޓް ރެއިލް ކޮރިޑޯރގެ ތެރެއިން ސިންގަޕޯރަށާއި ވިއެޓްނާމް އަދި ބައެއް ޔޫރަޕްގެ ގައުމުތަކަށް ފޮނުވަމުން ގެންދެވެއެވެ.              

2023 ވަރައަހަރު ޗައިނާއިން އޭޝިއަން ބުލެޓް ޓްރޭން ތައާރުފް ކުރުމާ ގުޅިގެން ޗޯންގގިން މެދުވެރިކޮށް ހެނޯއިއަށް ފޮނުވޭ މުދާ 5 ދުވަހުގެ ތެރޭގައި ލިބޭކަމާއި މީގެ ކުރިން މަހެއްހާ ދުވަހުން ޔޫރަޕަށް ލިބޭ މުދާ ލިބުމަށް މިހާރު ބޭނުންވަނީ ގިނަވެގެން 2 ހަފުތާކަން ވަނީ ފާހަގަ ކުރެވިފައެވެ.                  

ޗައިނާގެ ސުއޭޒް ކެނަލް މަޝްރޫއަށް ޗޯންގގިން އިޚްތިޔާރު ކުރުމަކީ ޗައިނާ ސަރުކާރުން ވިސްނުންތެރިކަމާއެކު ނިންމާފައިވާ ނިންމުމެކެވެ. ޗޯންގގިންއަކީ މިހާރުވެސް ޗައިނާގެ އުފެއްދުންތެރިކަމުގެ މައި މަރުކަޒެވެ. ދުނިޔޭގައި ލެޕްޓޮޕް އުފައްދާ ކުންފުނިތަކުގެ ތެރެއިން ވަރަށް ގިނަ ކުންފުނިތަކެއްގެ އުފެއްދުން ޗޯންގގިންއަށް ބަދަލުކޮށްފިއެވެ. ޗައިނާގެ އިލެކްޓްރިކް ކާރ އުފެއްދުމުގެ މައި މަރުކަޒަކީވެސް އަދި އެކްސްޕޯރޓްކުރާ އިލެކްޓްރިކް ކާރުގެ ބޮޑު އިންސައްތައެއް ބޭރުވެގެންދަނީވެސް ޗޯންގގިންގ ތެރެއިންނެވެ.

ޗޯންގގިންގ ގެ ޖިއޯގްރަފިކަލް ޕޮޒިޝަނަކީ ޗައިނާގެ ބިޔަ މަޝްރޫއުތަކަށް އެންމެ އެކަށީގެންވާ ތިމާވެށިކަންވެސް މިހާރު ވަނީ ސާބިތު ކުރެވިފައެވެ.                                        

އެމެރިކާގެ ސިޔާސީ ބޭފުޅަކު ދާދިފަހުން ވިދާޅުވެފައިވެއެވެ.  ޗައިނާއާއި ރަޝިޔާ އަދި އެފްރިކާ ތަރައްގީގެ މަގުގައި ކުރިއަރައިގެންދާނެއެވެ. އެމެރިކާގެ އާބާދީ އަކީ ދުނިޔޭގެ ޖުމުލަ އާބާދީ ނިސްބަތުން  ބިޔަ އަދަދެއް ނޫނެވެ. ތަރައްގީ އަކީ އުފައްދާ އެއްޗެހި ވިއްކޭނެ ބާޒާރެއް ލިބިގެން ހާސިލުކުރެވޭނެ އެއްޗެކެވެ. އެމެރިކާގެ ބޮޑުއާބާދީއަކުން އެހެންގައުމުތަކުގެ އުފެއްދުން ގަންނަމުންދާއިރު އެމެރިކާގެ އުފެއްދުންތަކަށް ދުނިޔޭގެ މާރކެޓް ބަންދުވުމަކީ އެމެރިކާގެ ތަރައްގީވެސް ބަނދުވުމެވެ.                                   

Loading

Leave a Reply

ފަހުގެ އަޕްޑޭޓް