އިންޑިއާގެ އުތުރުގެ ސްޓޭޓެއް ކަމަށްވާ ހިމާޗަލް ޕްރަދޭޝްގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާއެއް ހިނގާ ފަސް މީހުން މަރުވެ ތިން މީހަކު ޒަޚަމްވެއްޖެ އެވެ.
ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާ ހިނގީ ހިމާޗަލް ޕްރަދޭޝްގެ ވެރިރަށް ޝިމްލާގެ އުތުރުން 210 ކިލޯމީޓަރު ދުރުގައި އޮންނަ ކުލޫ ޑިސްޓްރިކްޓްގެ ޝަރްމާނީ ވިލެޖުގައެވެ.
މިދިޔަ އަންގާރަ ދުވަހު މި ހާދިސާ ހިނގާފައި ވަނީ އެ އަވަށުގެ މީހުން ނިދާފައި ތިއްބާއެވެ.
އެހެންކަމުން މީހުން ސަލާމަތް ކުރެވޭނެ ވަގުތު ލިބިފައި ނުވާ ކަމަށް އެ އަވަށުގެ ސަރުކާރުގެ އޮފިޝަލަކު ބުނެފައިވެއެވެ.
މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ދެ އަންހެނުންނާއި ދެ ކުޑަކުދިން ހިމެނެއެވެ.
އަދި އަނިޔާވި ތިން މީހުނަށް މިހާރު ވަނީ ހޮސްޕިޓަލުގައި ފަރުވާދޭންފަށާފައެވެ.
ހިމާޗަލް ޕްރަދޭޝްގައި ވިއްސާރަ މޫސުމުގެ ސަބަބުން ބިންގަނޑު ކަނޑައިގެން ދިއުމާއި، ފެންބޮޑުވުމުގެ ހާދިސާތައް ހިނގަމުން އަންނައިރު އެ ސްޓޭޓްގެ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން އަންގާރަ ދުވަހު އާންމުކުރި ރިޕޯޓުގައިވާ ގޮތުން ޖޫން 20 އިން ސެޕްޓެމްބަރު 9 އާ ހަމައަށް ވާރޭ ވެހުމުގެ ސަބަބުން މިހާތަނަށް 378 މީހުން މަރުވެ 40 މީހުން ވަނީ ގެއްލިފަ އެވެ.