މެދުއިރުމަތީގެ ގައުމުތަކަށާއި އޭޝިއާގެ ބައެއް ގައުމުތަކަށް އާދީއްތަ ދުވަހުންފެށިގެން އިންޓަރނެޓްގެ މުވާސަލާތަށް ބުރޫއަރައިފިއެވެ.
ތުހުމަތު ކުރެވޭގޮތުގައި މިއީ ރެޑްސީގެ ކަނޑުއަޑީގައި އަޅާފައިހުރި މުވާސަލާތީ ކޭބަލްތައް ބުރިކޮށްލުމުގެ ސަބަބުން މެދުވެރިވެފައިވާ ހާދިސާއެކެވެ. މީގެ ކުރިންވެސް ރެޑް ސީގެ ކަނޑު އަޑިގައި ހުރި މުވާސަލާތީ ކޭބަލްތައް ބުރިކޮށްލުމުގެ ތުހުމަތު ހޫތީ މުޖާހިދުންގެ ބޮލުގައިވަނީ އަޅުވާފައެވެ. އެހެންނަމަވެސް ހޫތީ މުޖާހިދުން ވަނީ އެ ތުހުމަތު ދޮގުކޮށްފައެވެ. އިސްރާއީލުން ގައްޒާގައި ހިންގަމުންގެންދާ ގަތުލް އާންމުގެ ސަބަބުން ހޫތީ މުޖާހިދުން އިސްރާއީލާ ދެކޮޅަށް ހިންގާ ހަރަކާތްތަކުގައި ރެޑް ސީގެ ކަނޑުއަޑީގައި އަޅާފައިހުރި މުވާސަލާތީ ކޭބަލްތަކަށް ގެއްލުންދިނުމުގެ ބިރުވެރިކަން އޮތީ ވަރަށް ބޮޑުވެފައެވެ.
ހަނގުރާމަވެރި ހަރަކާތްތަކުގެ އިތުރުން ކަނޑުއަޑީގައި އަޅާފައި ހުންނަ ކޭބަލްތައް ބުރިވެގެން ދިއުމުގައި ބޯޓުފަހަރުގެ ނަގިލި ކޭބަލްތަކުގައި ތާށިވުންވެސް ސަބަބެއްކަމުގައި ބެލެވެއެވެ.
ކަނޑުއަޑީގައި އަޅާފައިހުރި ކޭބަލްތަކުން ސެޓެލައިޓާއި އެއްގަމުގައި އަޅާފައި ހުރި މުވާސަލާތީ ކޭބަލް ތަކެކޭ އެއްފަދައިން ދުނިޔޭގެ ގުޅުންތަކުގައި މުހިންމު ދައުރެއް އަދާކުރެއެވެ. މިއިން މުވާސަލާތީ ނިޒާމަކަށް ލިބިދާނެ ގެއްލުމަކަށްޓަކައި ވަގުތުން އެހެން ފޮލޯއަޕް ނިޒާމްތަކަށް ބަދަލުވެގެންދާނެގޮތަށް އެތައް ވަސީލަތެއް ވަނީ ގާއިމް ކޮށްފައެވެ.
ރެޑް ސީގެ ކަނޑުއަޑީގައި އަޅާފައިހުރި ފައިބަރ ކޭބަލްތަކަށް ގެއްލުން ދިނުމުގެ ސަބަބުން މެދު އިރުމަތީގެ ގައުމުތަކުގެ މުވާސަލާތީ ނިޒާމަށް ކޮންމެވެސް މިންވަރަކަށް މައްސަލަ މެދުވެރިވެދާނެކަމަށް ބެލެވޭ ކަމުގައި މައިކްރޯސޯފްޓުން ބުނެފައިވެއެވެ. އެހެންނަމަވެސް އޭގެ ސަބަބުން މެދު އިރުމަތީގެ މުވާސަލާތަށް ހުއްޓުމެއް އަތުވެދާނެ ކަމަކަށް ނުބެލެވެއެވެ.
ސައޫދީ އެރޭބިޔާގެ ޖިއްދާ ސަރަހައްދުގައި އަޅާފައިހުރި ބައެއް ފައިބަރ ކޭބަލްތައް ރަނގަޅަށް މަސައްކަތް ނުކުރުމުގެ ސަބަބުން އިންޑިއާ އާއި ޕާކިސްތާނުވެސް ހިމެނޭ ގޮތުގައި ގިނަ ގައުމުތަކެއްގެ މުވާސަލާތީ ނިޒާމް ފުރިހަމައަށް މަސައްކަތް ނުކުރާގޮތް ބައެއް ފަހަރު މެދުވެރިވަމުންދާކަން ފާހަގަ ކުރެވޭ ކަމުގައި ނެޓްބްލޮކުން ބުނެފައިވެއެވެ.
ދެކުނު އިރުމަތީ އޭޝިއާ އާއި މެދުއިރުމަތި އަދި ހުޅަނގު ޔޫރަޕްވެސް ހިމެނޭ ގޮތުގައި ކަނޑުއަޑީގެ 4 ކޭބަލެއް ހިންގަނީ އިންޑިއާގެ ޓާޓާ ކޮމިއުނިކޭޝަނުންނެވެ. އެހެން ބައެއް ކޭބަލްތައް ހިންގަނީ އަލްކާޓެލް-ލޫސެންޓުންނެވެ. ކޭބަލްތަކަށް މެދުވެރިވެގެން އުޅޭ މައްސަލާގައި މިއިން އެއްވެސް ފަރާތަކުން މިހާތަނަށް ވާހަކަ ދައްކާފައެއް ނުވެއެވެ. އެހެންނަމަވެސް ގުޅުން ކެނޑުން ކަހަލަ ބައެއް އުދަނގުލާ ކުރިމަތިލާން ޖެހިފައިވާކަމަށް ޕާކިސްތާން ޓެލިކޮމިއުނިކޭޝަނުން ބުނެފައި ވެއެވެ. ހަމައެފަދައިން ސްޕީޑް ލަސްވަމުންދާ ކަމަށް އެމިރޭޓްސްގެ ނެޓްވާރކްތަކުންވެސް ބުނެފައިވެއެވެ.
އަޅުގަނޑުމެންނަށް މިކަންތައް އޮޅުން ނުފިލާ އޮތުމުގެ ސަބަބުން އިންޓަރނެޓްގެ ސްޕީޑް ލަސްވުމުން އެ ޚިދުމަތް ފޯޜުކޮށްދޭ ފަރާތްތަކަށް ނުރަނގަޅުގޮތުގައި އިނގިލި ދިއްކުރެވޭތަން އާދެއެވެ. ކިތަންމެ ބޮޑު ލުއިފަސޭހައެއް ލިބިދޭ ވަސީލަތެއްވެސް ދުނިޔޭގައި ހިނަގުންދާ ހަނގުރާމަތަކުގެ ސަބަބުން އުފުލަން އުދަނގޫ ބުރައަކަށް ވެގެންދާތަން ފެންނަނީ މަދެއްކޮށްނޫނެވެ.
ކޮންމެ ވިޔަފާރިއަކީވެސް ފައިދާ ހޯދަން ކުރާ މަސައްކަތެކެވެ. ލިބޭ ފުރުސަތުގެ ފައިދާނަގަނެއެވެ. އަޅުގަނޑުމެންނަކީ އެ ރޮނގުގައި އަބަދުވެސް ވަރަށް ކުރިއަރާފައިތިބި ބައެކެވެ. ވެހޭއިރު ފެންނަގަން އަވަސްވެ ގަތުން އަޅުގަނޑުމެން ދޫކޮށް ނުލާނެއެވެ. ތެލުގެ އަގުބޮޑުވުމުން ކަރަންބިލް ބޮޑުވުން ކަޅުސައިތަށިން އަޅުގަނޑުމެން މިސާލު ޖަހާ އުޅެމުއެވެ.
![]()
