އަންނަ އަހަރުން ފެށިގެން އާންމު ތަންތަން ދިއްލަން ބޭނުންކުރާ ކަރަންޓަށް ޑޮމެސްޓިކް ރޭޓުން ބިލް ކުރަން ސަރުކާރުން ނިންމައިފިއެވެ.
މިކަން ހާމަކުރައްވާފައި ވަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން އެ ޕޯސްޓުގައި ވަނީ ޖަނަވަރީ1، 2026 އިން ފެށިގެން ރާއްޖޭގެ ހުރިހާ ސިޓިތަކާއި ރަށްރަށުގެ މަގުތަކާއި ޢާއްމު ތަންތަން ދިއްލުމަށް ބޭނުންކުރާ ކަރަންޓަށް، ފެނަކަ އަދި ސްޓެލްކޯއިން ކައުންސިލްތަކަށް ޑޮމެސްޓިކް ރޭޓުން ބިލް ކުރުމަށް ނިންމަވާފައިވާކަން ހާމަކުރައްވާފައެެވެ.
ރައީސްގެ ޕޯސްޓްގައި، ވިދާޅުވީ މިއީ ލާމަރުކަޒީ ނިޒާމު އިތުރަށް ތަރައްޤީ ކުރެއްވުމަށް ކުރައްވާ ކަންކަމުގެ ތެރޭގައި ހިމެނިގެން، ނިންމެވި ނިންމެވުމެއް ކަމަށެވެ.
އަދި މި ނިންމެވުމުގެ ނަތީޖާއެއްގެ ގޮތުން ރަށްރަށުގެ މުނިސިޕަލް އެހެން ޚިދުމަތްތަކަށް ޚަރަދު ކުރަން ލިބޭ ފައިސާގެ ޢަދަދު އިތުރުވެގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މި ހިނގާ ސެޕްޓެންބަރު މަހުގެ 5 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ، 2026 ވަނަ އަހަރުން ފެށިގެން ކައުންސިލްގެ ބަޖެޓުން، އ.ތ.މ ކޮމެޓީތަކަށް ދެމުން އަންނަ ބަޖެޓް ދެގުނަ ބޮޑުކުރައްވައި، ކައުންސިލްތަކަށް ބްލޮކް ގްރާންޓުން އެހީދޭ އުޞޫލު މުރާޖަޢާކުރެއްވުމަށް ވެސް ނިންމަވާފައެވެ.