ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން މާލީ ވުޒާރާދޮށުގައި އިހުތިޖާޖު ކުރައްވައިފިއެވެ.
އެމްޑީޕީ މެންބަރުން އިހުތިޖާޖު ކުރައްވާފައިވަނީ، ރާއްޖޭގެ މާލީ ހާލަތާ ގުޅިގެން ސާފުކުރަން ބޭނުންވާ މަޢުލޫމާތު އެ ވުޒާރާއިން ސާފުކޮށްދީފައި ނުވާކަމަށް ވިދާޅުވެއެވެ.
މެންބަރުން ވަޑައިގަތީ ވަޒީރާ ބައްދަލުކުރައްވަން ކަމަށާއި، ނަމަވެސް ވަޒީރު ރަށުގައި ނޫޅުއްވާތީ ވުޒާރާގެ އިސް ވެރިއަކު މެންބަރުންނާ ބައްދަލުކުރެއްވުމަށް އެދިވަޑައިގެންފައި ވާކަމަށް މަޢުލޫމާތު ލިބެއެވެ.
ނަމަވެސް ވުޒާރާގެ ފަރާތުން އެކަން ހަމަޖައްސައިދީފައި ނުވާތީ މެންބަރުން ވުޒާރާ ތެރެއަށް ވަދެވަޑައިގަތުމަށް މަސައްކަތްކުރެވިއެވެ.
ނަމަވެސް ފުލުހުން އެކަމަށް ހުރަސްއެޅުމުންވެސް، މެންބަރުން ވަނީ ގަދަކަމުން އެތެރެއަށް ވަދެވަޑައިގެންފައެވެ.
ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޒާކިރު ވިދާޅުވީ، ރާއްޖޭގެ މާލީ ހާލަތު ސާފުކޮށްދޭން ފިނޭންސް މިނިސްޓަރު ޖެހިވަޑައިގަންނަވާނެ ކަމަށާއި، އެކަން ރައްޔިތުންނަށް ބުނެނުދެއްވޭނަމަ، އެއީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. އަދި އެއީ ރައްޔިތުންވެސް ހޯދަން ބޭނުންވާނެ މަޢުލޫމާތެއް ކަމަށް މެންބަރު ވިދާޅުވިއެވެ.
ރާއްޖޭގައި ތަކެތީގެ އަގު ބޮޑުވެ، ޚިދުމަތްތަކުގެ އަގު ބޮޑުވެ، ހިލޭ އެހީ ލިބުން ދަނީ މަދުވަމުން ކަމަށާއި، މާލީ ސިޔާސަތަށް އިތުބާރު ނެތްކަމަށް އޭނާ ވިދާޅުވިއެވެ.
މަޢުރޫފް ވިދާޅުވީ، ވަޒީރު ފެންވަރުގެ ބޭފުޅަކު ނުވަތަ އިސް ބޭފުޅަކު އެ މެންބަރުންނާ ބައްދަލުކުރައްވާނެ ކަމަށް މިނިސްޓްރީން ބުނެފައިވާ ކަމަށާއި، ނަމަވެސް މިހާތަނަށް އެފަދަ ބޭފުޅަކާ ބައްދަލުވެވަޑައިގެންފައި ނުވާކަމަށެވެ.
ވަޒީރަށް 16 ވަރަކަށް ސުވާލު މިހާރުވެސް މަޖިލިސް މެދުވެރިކޮށް ފޮނުއްވާފައި ވާނެކަމަށާއި، ނަމަވެސް އެ ސުވާލުތަކަށް ޖަވާބުދެއްވަން މިނިސްޓަރު މަޖިލީހަށް ހާޒިރުވެވަޑައިގެންފައި ނުވުމުން، ވުޒާރާއަށް ވަޑައިގަންނަވަން ޖެހިވަޑައިގަތީ ކަމަށް އޭނާ ވިދާޅުވިއެވެ.
![]()

One Response
އެމްޑީޕީ އަކީ ހަމަތެދެއްމިބުނީ އެއީ ޗޮއިސްއެއް ނޫނެވެ.