މާދަމާ ރޭ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކުރުމުގެ ފުރުސަތު ހަމަޖައްސައިދިނުމަށް އިސްލާމިކް މިނިސްޓްރީން ކައުންސިލްތަކަށް ފޮނުވި ސާކިއުލާއެއްގައި އެދިއްޖެއެވެ.
މިނިސްޓްރީން ކައުންސިލްތަކަށް ފޮނުވި ސާކިއުލާގައި ބުނީ މާދަމާރޭ ހަނދުކޭތަ ހިފާނޭ ކަމަށެވެ. އަދި އެ ކޭތަ ހިފަން ފަށާނީ ރާއްޖެ ގަޑިން މާދަމާ ރޭގެ 08:28 ގައި ކަމަށެވެ.
”އަދި ކޭތަ އެންމެބޮޑަށް ހިފާފައި ހުންނާނީ އެރޭގެ 11:11 ގައިކަން ފާހަގަކުރަމެވެ. ހަނދުކޭތަ ވީއްލާނީ ރާއްޖެގަޑިން އެރޭގެ މެންދަމު އަލިވެ 01:55 ގައި“ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
އެހެންކަމުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހުންނަ އެންމެ ބޮޑު މިސްކިތުގައި މާދަމާ ރޭގެ 11:12 ގައި ކޭތަ ނަމާދުކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް މިނިސްޓްރީން ވަނީ ކައުންސިލްތަކުގައި އެދިފައެވެ.
މީގެ އިތުރުން ކޭތަ ނަމާދުގެ ހުތުބާ މާދަމާ އެ މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑް ކުރާނެ ކަމަށް ވެސް އެ ސާކިއުލާގައި ބުނެފައި ވެއެވެ.