ކިތަންމެ ބާރުގަދަ ވެރިކަމަކަށްވެސް ނިމުން އަންނާނެ

Loading

Facebook
Twitter
WhatsApp

ދުނިޔޭގެ ތާރީޚުން ފެންނަމުންދާ ހަގީގަތަށް ބަލާއިރު ކިތަންމެ ބާރުގަދަ ވެރިކަމަކަށްވެސް ނިމުން އަންނަކަމަށް އިންކާރު ނުކުރެވޭނެއެވެ. ބާރުގަދަ ގައުމުތަކުން ބައެއްފަހަރު ތާރީޚުގެ ހަގީގަތް އޮޅުވާލަން މަސައްކަތްކުރަމުން ގެންދިޔަނަމަވެސް ވެރިކަން ނިމިގެން ދަނީ އަނގަވަތަށް ވެއްޓުމާއެކުގައެވެ.

އިނގިރޭސި ވިލާތުން އިންޑިއާ އަޅުވެތި ކުރަން ބޭނުންވި ވަގުތު ރައްޔިތުންނާއި ގައުމުގެ ވެރިންނާ ދެމެދު އުފެއްދި ފިތުނަ ފަސާދައަކީ މިސާލެއްގެ ގޮތުގައި ފުދޭނެއެވެ. އިންޑިއާއިން ދުވަހަކުވެސް ނުފައިބާގޮތަށް ފައިހަރުކޮށްގެންތިބި ބްރިޓިޝް ރާޖްގެ ތަޚުތު 200 ވަރަކަށް އަހަރު ފަހުން ވެއްޓުމުން ދުނިޔެއަށް ވެރިވެ ގަތީ އެމެރިކާއިންނެވެ.

ބްރިޓިޝް ރާޖުން ވަކިވަކި ގައުމުތައް އަޅުވެތިކޮށްގެން އުޅުނު ނަމަވެސް އޭގެފަހުން އެމެރިކާގެ ގޮށްމުށުގެ ތެރެއަށް މުޅި ދުނިޔެ ގެނެވިގެންދިޔަތަން ފެނިގެން ދިޔައެވެ. ބްރިޓިޝް ރާޖް ވެއްޓެމުން ދިޔަ ގޮތާއި މިހާރު ސެންޓްރަލް އެމެރިކާއަށް ވަމުންދާގޮތް އަޅާކިއިދާނެއެވެ. ސަބަބަކީ ދުނިޔޭގެ އިގްތިސާދީ ބޮޑުބާރު ކަމުގައި އެމެރިކާއިން ކުޅެމުންދިޔަ ދައުރު ނިމުމަކަށް އައުމުގެ ކޮޅުމަތި ފެންނަން ފެށުމެވެ. އެމެރިކާގެ އިގްތިސާދުއަރިއަޅާލައިގެން ވެއްޓެމުންދާ މަންޒަރު ވަރަށް ރީތިކޮށް ފެންނަށް ފަށައިފިއެވެ. މިކަމަށް އިޝާރާތްކޮށް އެމެރިކާގެ މިޒަމާނުގެ ސިޔާސީ ބޭފުޅަކު ވިދާޅުވެފައިވެއެވެ.

އެމެރިކާގެ ސިޔާސީ އަދި އިގްތިސާދީ މަގާމު ދިފާއުކުރަން ބޭނުންނަމަ ސިޔާސީ  ވެށީގެ ވިސްނުން މިހާރުން މިހާރަށް  އެމަގަށް މިސްރާބު އަމާޒުކުރަންޖެހޭނެއެވެ. އެމެރިކާގައި އައި ނައި ތަނެއްނޭންގި އުޅޭ މީހުންނާއި  އަދި ބޭރުން އައިސްތިބި މަސައްކަތްތެރިންނާއި މުސްލިމް އާބާދީގެ ނިސްބަތަކީވެސް ކޮންމެ އާބާދީ އަކަށް ހަމައެކަނި އެކެއްގެ އިންސައްތައެވެ.

އެމެރިކާގައި ތިބި ބޮޑެތިމުއްސަނދިންގެ އާބާދީ އެކެއް އިންސައްތައަށް ވުރެންވެސް މަދުވާނެއެވެ. އެކަމަކު ކޮންމެ ސަރުކާރަކަށްވެސް ބޮޑު މައްސަލައަކަށް ވެފައިއޮންނަނީ މުސްލިމުންނާއި ބޭރުގެ މަސައްކަތްތެރިންނާއި އަދި އައި ނައި ތަނެއް ނޭންގި އެމެރިކާގައި ދިރިއުޅެމުން ގެންދާ ބައިމަދު މީސްކޮޅެކެވެ. އެމެރިކާގެ ހަލާކަކީ އެކެއް އިން ސައްތައަށްވުރެންވެސް މަދު ބިލިއަނަރުންކަން ގަބޫލު ކުރާކަށް ބޭނުމެއްނުވެއެވެ.

އެމެރިކާއާއި ދުނިޔޭގެ އެހެން ގައުމުތައްވެސް ފޭލިވެގެންދަނީ މުއްސަނދިންގެ ސަބަބުން ކަން އެނގޭ އިރުވެސް އެކަން ގަބޫލު ކުރާކަށް ބޭނުމެއް ނުވެއެވެ. ބާރުގަދަ ކޮންމެ ވެރިކަމެއް ނިމިގެންދާ ގޮތް ކަމުގެ ހެކިތައް ތާރީޚުގެ މޫނުބަލާ ލޯގަނގަޑުން ވަރަށް ރީތިކޮށް ފެންނާނެއެވެ. ދާދިފަހުން ޗައިނާއިން ބޭއްވި މިލިޓްރީ ޕެރޭޑަކީ ސަތޭކައަހަރުވެގެންދާ އެމެރިކާގެ ބާރުގަދަ ވެރިކަން ނިމުމުގެ ފެށުން ބާވައޭ ބައެއް ސިޔާސީ މުފައްކިރުން ސުވާލު އުފައްދައެވެ.                                                        

އެމެރިކާގެ އަރިއަޅާލުމަކީ ހަމައެކަނީ ސިޔާސީ ރޭވުންތެރިކަމުގައި ފެންނަން ގޯސްތަކެއް ނޫނެވެ. އިގްތިސާދު ރޭވުމާއި ބާރުގެ ބޭނުން ކުރުމުގައި ހުރި ދެއުޅި އެއްނުވާ ސިފަތަކާއި އަދި އިޚްތިރާޢާއި އީޖާދު އެއްފަރާތް ކުރުމުގެ މައްސަލަތައްވެސް މަދެއްނޫނެވެ. ލިބިފައިވާ ބާރުގައި އެހެން ބައިވެރިންނާ ދޭތެރޭ ކިބުރުވެރި ވުމާއި އެކުވެރިކަން ނެތެމުން ދިއުންވެސް ސަބަބެއް ކަމުގައި ބުނަން ޖެހެއެވެ.                           

އީރާނުގެ ސުޕްރީމް ލީޑަރ ވިދާޅުވެފައި ވެއެވެ. އިސްލާމީ އުންމަތެއްގެ ވާހަކަ ދައްކާއިރު އުންމަތަކީ އެއްބައިވަންތަ އެއްބައެއްވަންތަ ޖަމާއަތެއްކަން ދަންނަ މުސްލިމް ލީޑަރަކު ނެތެވެ. މުޅި އިސްލާމީ އުންމަތް ބައިބައިވެ ގަބީލާތަކަކަށް ބަދަލުވެފާއޮތް އިރު އިސްލާމީ އުންމަތެއްގެ ވާހަކަ ދެއްކޭކަށް ނެތެވެ. އިސްލާމީ އުންމަތެއް އޮތްނަމަ މިއަދުގެ ހާލަތުގައި އުސްމާނީ ދައުލަތާއި ބްރިޓިޝް ރާޖް އަކީ އާރެއް ބާރެއް ހުރި ދައުލަތްތަކެއް ކަމުގައި ނުބެލެވޭނެއެވެ. 1970 ގެ ކުރީކޮޅު ސައޫދީ އެރޭބިއާގެ ރަސްގެފާނު ފައިސަލް ވަނީ ދުނިޔެއަށް މިކަން ސާބިތުކޮށް ދެއްވާފައެވެ. މިއަދަކީ އިސްމާމީ އުންމަތުގައި އެހެން އެއްވެސް އެމްޕަޔަރަކަށް ނުވަތަ ޝާހެންޝާހަކަށް ލިބިފައި ނުވާފަދަ އާރާއިބާރު އަދި މުއްސަނދިކަން ލިބިފައިވާ ޒަމާނެކެވެ. ލިބިފައި ނެތީ އެއްބައިވަންތަކާމާއި އެއްބައެއްވަންތަ ކަމުގެ ގަދަފަދަ ބާރެވެ.                            

މި ވަގުތު އެންމެ ރަނގަޅުވާނީ  ބްރިކްސް އާއި ޖީ-7 ގެ މައްޗަށް ވިސްނާލުމެވެ. ޖީ-7ގެ ގައުމުތަކަކީ އެމެރިކާއާއި ޖަރުމަނާއި ޖަޕާނާއި އިނގިރޭސި ވިލާތާއި ފަރަންސޭސި ވިލާތާއި އަދި ކެނެޑާއެވެ. ދުނިޔޭގެ ޖީ ޑީ ޕީ ގެ %43 ކޮންޓްރޯލް ކުރަނީ ޖީ- 7 އިންނެވެ. ބްރިކްސް ގައި ހިމެނެނީ ބްރެޒިލް އާއި ރަޝިޔާއާއި އިންޑިއާ އާއި ޗައިނާ އަދި ދެކުނު އެފްރިކާ އެވެ. ބްރިކްސް ގެ ގައުމުތަކުން ދުނިޔޭގެ އިގްތިސާދުގެ 35 ޓްރިލިއަން ޑޮލަރ ހިއްސާ ކުރެއެވެ. ޗައިނާއާއި އިންޑިއާއަކީ ބްރިކްސްގެ އެންމެބޮޑު 2 އިންޖީނެވެ. ޗައިނާއިން އެކަނި 19.2 ޓްރިލިއަން އެމެރިކާ ޑޮލަރ ހިއްސާކުރާއިރު އިންޑިއާއިން 4 ޓްރިލިއަން އެމެރިކާ ޑޮލަރ ހިއްސާކުރެއެވެ.                                                           

ޗައިނާގެ ބީ ވައި ޑީ އާއި ޓެސްލާގެ އީ ވީ އަށް ބަލާއިރުވެސް ޗައިނާގެ ބީ ވައި ޑީ އުޅެނީ ކުރީގައެވެ. 2024 ވަނައަހަރު ބީ ވައި ޑީ އަށް 107 ބިލިއަން ޑޮލަރގެ ވިޔަފާރި ކުރެވިފައިވާއިރު ޓެސްލާއަށް ލިބިފައިވަނީ 97 ބިލިއަން ޑޮލަރެވެ. އެމެރިކާއިން ޗައިނާގެ އުފެއދުންތަކަށް ޓެކްސް ބޮޑުކުމުގެ ސަބަބުން ބީ ވައީ ޑީ ގެ ވިޔަފާރިއަށް ވަރަށް ބޮޑެތި ހުރަސްތަކާ ކުރިމަތިވާން ޖެހުނެވެ. އޭގެ ސަބަބުން އެމެރިލާގެ މަގުމަތިން ބީ ވައި ޑީ ނުފެނެއެވެ.                                             

20 ވަނަ ގަރުނުގައި އެމެރިކާއާއި ހުޅަނގުގެ އެހެންގައުމުތަކުން ދުނިޔޭގެ ވެރިކަން ކުރަމުން ދިޔަ ދުވަސް މާޒީއަށްވެގެން ގޮސް މިހިނގާ 21 ވަނަ ގަރުނުގައި އޭޝިއާއިން އެމެރިކާއާއި ހުޅަނގުގެ އެހެން ބާރު ތަކުގެ ކުރިމަތީގައި އިސްޖަހާލައިގެން ނުތިބޭނެކަން ދައްކަމުން ގެންދާ މަންޒަރު އުދަރެހުން ފެންނަން ފަށައިފިއެވެ. އޭޝިއާގެ ބާރުގަދަ ސިޔާސީ ލީޑަރުން ގަބޫލުކުރާގޮތުގައި ތަރައްގީއާއި ކާމިޔާބީގެ މަގުގައި މިހާރު ލިބިފައިހުރި ބާރެއް އަތުން ދޫވެގެން ދިޔަނުދީ ހިފޭއްޓުމުގެ ބަދަލުގައި އާ އީޖާދު ތަކާއި ހުނަރުތައް ލިބިގަތުން ބުއްދިވެރިކަމަށް އިލްމުވެރިން ބުނެއެވެ. އަދި ބާރުގަދަ ވެރިންގެ ނިމުން ގެނައުމަށްޓަކައި ވިސްނުންތެރި ރޭވުންތަކެއް ބޭނުމެވެ. އެކަމަށް ވަގުތު ނަގާނެއެވެ.        

Loading

One Response

  1. ދުނިޔޭގައި ކިތަންމެ ބާރެއްދެއްކިޔަސް 100 އަހަރުވެސް އިންސާނާޔާއަށް އެ ބާރެއް އެހެންމީހުންގެ މައްޗަކަށް ދެމެހެއްޓިފައެއް ނެތެވެ. އެހެނަސް އިންސާނާގެ ނިކަމެއްތިކަން ނުވިސްނެނީއެވެ. ބަރާބަރު ލިޔުމެއް.

Leave a Reply

ފަހުގެ އަޕްޑޭޓް