މިދިޔަ ޖުލައި މަހު ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފުލުހަކު ވަޒީފާ އިން ވަކިކުރަން ނިންމައިފި އެވެ.
ފުލުހުންގެ މީޑިއާ ގްރޫޕްގައި ބުނީ އދ. ކުނބުރުދޫ، ދިލްބަހާރުގެ، އައިޝަތު ޝިޔާޒާ، 32އ، ގެ މައްސަލަ ބެލުމަށް ފަހު އޭނާ ފުލުހުންގެ ވަޒީފާ އިން ވަކިކުރަން ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމާފައިވާ ކަމަށެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި އައިޝަތު ޝިޔާޒާ އާއިއެކު ހއ. ދިއްދޫ / ހަޒާރުމާގެ، ސައިފުﷲ އަޙްމަދު 26އ ހައްޔަރު ކޮށްފައި ވަނީ 18 ޖުލައިގައި އެވެ. އެ ދެ މީހުން ހައްޔަރުކުރީ މަސްތުވާތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި އޭގެ ވިޔަފާރި ކުރުމުގެ ތުހުމަތުގައެވެ.
ފުލުހުން ކޯޓުގައި ބުނީ އެ ދެ މީހުން ވެސް ހައްޔަރުކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިންއަށް ޕޮޒިޓިވް ކަމަށެވެ.
މީގެ އިތުރުން ޝިޔާޒާގެ ދަބަހުން، ދެ ގުރާމަށްވުރެ ގިނަ މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތިން ޕެކެޓާއި މަނާ ބޭސް ގުޅައެއް ފެނުނު ކަމަށް ފުލުހުން ބުނެފައިވެ އެވެ.