އައްޑޫ ސިޓީގެ ރައްޔިތުން ކަރަންޓު ނެތި ކަނު އަނދިރީގައި ތިބެންޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް، އައްޑޫ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާޢީލް ނިޒާރު ވިދާޅުވެއްޖެއެވެ.
އޭނާގެ ފޭސްބުކް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ނިޒާރު ވިދާޅުވީ، އައްޑޫ ސިޓީއަށް ދިމާވަމުންދާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ވަރަށް ގިނަ ގޮތްގޮތުން ފެނަކައިގެ އިސް ވެރިންނާ ވާހަކަދެކެވިއްޖެ ކަމަށެވެ.
މިކަން ހައްލުކުރުމަށް އެ ބޭފުޅުން އެކި ފަހަރު މަތިން އެކި ތާރީޚުތައް ދެއްވާފައި ވީނަމަވެސް، މިހާތަނަށް މި ކަމަށް އެއްވެސް ޢަމަލީ ސިފައެއް އައިސްފައި ނުވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އޭނާ ވިދާޅުވީ މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން، މިކަމަށް ވަގުތުން ފިޔަވަޅުއަޅުއްވައި، މި މައްސަލަ ހައްލު ކޮށްދެއްވުމަށް އޭނާ ވަނީ ފެނަކަ ކޯޕަރޭޝަނަށް ގޮވާލައްވާފައެވެ.
އޭނާ މިހެން ވިދާޅުވެފައިވާއިރު، އައްޑޫ ސިޓީގައި ކަރަންޓު ކެނޑުމުގެ މައްސަލަ ވަނީ އަދާޔާ ޚިލާފަށް ބޮޑު މައްސަލައަކަށް ވެފައެވެ.
މިގޮތުން، ރޭގެ މެންދަމު 2.30 އެހާކަންހާއިރުން ފެށިގެންވެސް އައްޑޫ ސިޓީގެ ބޮޑު ސަރަހައްދަކުން ވަނީ ކަރަންޓު ކެނޑިފައެވެ.
![]()
