މަސްތުވާތަކެތީގެ މައްސަލައެއްގައި މ. މުލިން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މ. މުލި / ރުއްކަރަ، ނައުފަލް އަޙްމަދު (33އ) އެވެ.
ފުލުހުން ބުނީ މީނާ ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ގެންގުޅޭ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކަމަށެވެ.
އެގޮތުން މި މަހުގެ 4 ވަނަ ދުވަހު މުލީ ޕޮލިސް ސްޓޭޝަނުގެ ފުލުހުން ރަށުތެރެ ޕެޓްރޯލްކުރަމުން ދިޔައިރު ނައުފަލް އަޙްމަދުގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 31 ރަބަރު ޕެެކެޓު ފެނިފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މި މައްސަލަ ފުލުުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.