ރަސޫލާދެކެ ލޯބިވުމަކީ، ޤުރްއާނާއި ސުންނަތުން ސާބިތުވާކަމެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޚުޠުބާ ޚާއްސަކޮށްފައި ވަނީ ރަސޫލާ ދެކެ ލޯބިވުން މި މައުޟޫޢުގެ މައްޗަށެވެ.
ހުތުބާގައި ބުނީ ކީރިތި ރަސޫލާ ރަސޫލުކަމާއިގެން ފޮނުއްވެވުމުގެ ކުރިން ދުނިޔެ އޮތީ ޖާހިލުކަމުގެ ކަނުއަނދިރީގައި ކަމަށާއި އަނިޔާއާއި ބޭއިންސާފުން ފުރިފައި ކަމަށެވެ. އަދި ބާރު އޮތީ ތަނަވަސްކަމާއި ނުފޫޒުގަދަ މީހުންގެ އަތުގައި ކަމަށާއި މީސްތަކުން ތިބީ، އެކި ފަންތިތަކަކަށް ބަހައި، ޤަދަރުވެރީންނާއި ނިކަމެތީންނާއި ސާހިބުންނާއި އަޅުން ކަމަށެވެ.
މީސްތަކުން މިފަދަ ޙާލެއްގައި ވަނިކޮށް، މާތް اللَّه މީސްތަކުންގެ މައްޗަށް ދަރުމަވެރިވެވޮޑިގެން ތެދުމަގާއިގެން ފޮނުއްވި ބޭކަލަކީ، ކީރިތި ރަސޫލާ ކަމަށާއި އެކަލޭގެފާނު ގެނެސްދެއްވި ދީނުގައި އިންސާފު އޮތްކަމަށާއި އެ ދީނުގެ ސަބަބުން ނަރަކައިން މިންޖުވެ، ސުވަރުގެ ވަދެވޭނެ މަގު ފަހިވި ކަމަށެވެ. އެގޮތުން ކީރިތި ރަސޫލާ ދެކެ ލޯބިވާން ޖެހެނީ މި ސަބަބުތަކަށްޓަކައި ކަމަށް ޚުޠުބާގައި ބުނެފައި ވެއެވެ.
”މުސްލިމް އަޚުންނޭވެ! ކީރިތިރަސޫލާ ދެކެ ލޯބިވުމަކީ ކޮބައިކަން ދަންނާން ޖެހެއެވެ؟ އެކަލޭގެފާނު ދެކެ ލޯބިވުމުގެ ތެރޭގައި، އެކަލޭގެފާނު ގެނެސްދެއްވި ރިސާލަތަށް ތަބަޢަވުން ހިމެނެއެވެ. މާތް اللَّه ވަޙީކުރައްވައިފައިވާ ބަަސްފުޅެއްގެ މާނާގައި ވެއެވެ ”ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން، اللَّه ދެކެ ލޯބިވާކަމުގައިވަނީ ނަމަ، ފަހެ، ތިޔަބައިމީހުން، ތިމަންކަލޭގެފާނަށް ތަބަޢަވާށެވެ!“ އެކަލޭގެފާނު ދެކެ ލޯބިވުމުގެ ތެރޭގައި، ތިމާ އެ މީހަކު ދެކެ އެންމެ ލޯބިވާ މީހަކީ، އެކަލޭގެފާނުކަމުގައި ވާންޖެހެއެވެ.“ ޚުޠުބާގައި ބުނެފައި ވެއެވެ.
ރަސޫލާ ޙަދީޘްކުރައްވައިފައިވާ ކަމަށް ޚުޠުބާގައި ބުނެފައި ވެއެވެ. ”އެ މީހެއްގެ މައިންބަފައިންނާއި، ދަރީންނާއި، އެންމެހައި މީސްތަކުން ދެކެ ވާ ލޯތްބަށް ވުރެ ބޮޑަށް، ތިމަންކަލޭގެފާނު ދެކެ ލޯބިވެއްޖައުމަށް ދާންދެން، ތިޔަބައިމީހުންކުރެ އެއްވެސް މީހެއްގެ އީމާންކަން ފުރިހަމަނުވާހުއްޓެވެ.“
ޚުޠުބާގައި ބުނީ މި ޙަދީޘުގެ މާނައަށް ބަލާ އިރު، ކީރިތި ރަސޫލާ ދެކެ ލޯބިވުމާއި އީމާންކަމާ ގުޅިފައިވާ މިންވަރު ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ.
![]()
