އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް އައިސް 600އަށް ވުރެގިނަ މީހުން މަރުވެއްޖެ

Loading

September 1, 2025
blue-circle-with-white-user_78370-4707
Facebook
Twitter
WhatsApp

އަފްޣާނިސްތާނުގެ  އިރުމަތީ ސަރަޙައްދެއް ކަމަށްވާ ކޫނާރު އަދި ނަންގަހާރު ޕުރޮވިންސަށް ބާރުގަދަ ބިންހެލުމެއް އައިސް 622 މީހުން މަރުވެ، އިތުރު 1,500އަށްވުރެ ގިނަ މީހުންނަށް އަނިޔާ ތައް ލިބިއްޖެއެވެ. ރިކްޓަރ މިންގަނޑުން6 ގެ ބާރުމިނުގައި، ރޭ އެތާގަޑިން ދަންވަރު 11:47 އައި ބިންހެލުން އުފެދިގެން އައީ ބިމުގެ 8 ކިލޯމީޓަރު އަޑިންކަމަށް ޚަބަރުތައް ބުނެއެވެ.

މިހާ ނިސްބަތުން ތިލައިން ބިންހެލުން އުފެދިގެން އައުމުން ލިބޭ ގެއްލުންތައް މާބޮޑުވާކަމަށް ކަމާބެހޭ މާހިރުން ބުނެފައި ވެއެވެ. މިގޮތުން ރޭގެ ބިންހެލުމާއި ގުޅިގެން ވެރިރަށް ކާބުލްގެ އިތުރުން ޕާކިސްތާންގެ ވެރިރަށް އިސްލާމް އާބާދާއި ހަމަޔަށްވެސް އިމާރާތްތައް ގުޑިކަމަށް ޚަބަތުތައް ބުނެއެވެ.

ބިންހެލުމާ ގުޅިގެން ދުރު އަވަށްތަކަށް ލިބުނު ގެއްލުންތައް ބަލަމުން ދާއިރު، އަނިޔާވެފައިވާ މީހުން ހަސްފަތާލުތަކަށް ގެންގޮސް ފަރުވާ ދިނުމަށް ރެސްކިއު ގައި ހަރަކާތްތެރިވާ މީހުން ދަނީ މަސައްކަތް ކުރަމުންނެވެ.
މިއީ، ފާއިތުވި އަހަރުތަކުގެ ތެރޭގައި އަފްޣާނިސްތާނަށް ކުރިމަތިވެފައިވާ އެންމެ ނުރައްކާތެރި އެއް ބިންހެލުން ކަމުގައި ދިރާސާ ކުރާ ފަރާތްތަކުން ބުނެފައިވެއެވެ. މަންޒަރު ދުށް މީހުންނާ ހަވާލާދީ ލިބޭ ޚަބަރުތައް ބުނާ ގޮތުގައި ބައެއް އަވަށްތައް އެއްކޮން ވަނީ ބިމާއި ހަމަވެފައެވެ. ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކުރި ކޫނާރު ޕްރޮވިންސަށް ދާދި ފަހުންވަނީ ފެންބޮޑުވުމުގެ ކާރިސާއެއްވެސް ކުރިމަތިވެ ބޮޑެތި ގެއްލުންތައް ލިބިފައެވެ.

މި ދެ ހާދިސާއާ އެކު، މިހާރު ވެސް ވަސީލަތްތަކާއި މާލީ ދަތިކަން ކުރިމަތިވެ، އިންސާނީ މުސީބާތެއް ކުރިމަތިވެފައިވާ އަފްޣާނިސްތާނަށް އިތުރު ގޮންޖެހުންތަކަކާ ކުރިމަތިވާނެއެވެ. އަފްޣާނިސްތާނަށް މާލީ ދަތިކަމާ ކުރިމަތިލާން ޖެހިފައި ވަނީ ޠާލިބާން ޖަމާއަތުގެ ހަރިކަށި އުސޫލު ތަކާއި ގުޅިގެން ބޭރުގެ އެހީ ހުއްޓައިލުމާ ގުޅިގެންނެވެ.
އަފްޣާނިސްތާނުގައި މި ވަގުތު ވެރިކަން ކުރާ ޠާލިބާން ސަރުކާރުގެ ދާޚިލީ ވުޒާރާއިން ބުނީ، ހެލިކޮޕްޓަރު ފަދަ ވަސީލަތްތައް ބޭނުން ކޮށްގެން ބިންހެލުމުގައި އަނިޔާވި މީހުން ހަސްފަތާލުތަކަށް އުފުލުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެ ވުޒާރާގެ ތަރުޖަމާނު  ބުނީ، ބިންހެލުމުގައި ގެދޮރު ވެއްޓިފައިވާ ސަރަޙައްދުތަކަށް އިތުރު ޓީމުތައް ފޮނުވައި، ކާބޯތަކެއްޗާއި ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމުގައެވެ.
ބިންހެލުމުގެ އަސަރު އަފްޣާނިސްތާންގެ ވެރިކަން ކާބުލްގެ ރަށްބޭރަށް ވެސް ކުރިއެވެ. އެ ސަރަޙައްދުތަކުގައި ހާލުގައި ޖެހިފައިވާ މީހުންނަށް ވެސް ޞިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމުގައި ކާބުލްގެ ޞިއްޙީ އިދާރާއިން ބުނެފައިވެއެވެ.

2022ވަނަ އަހަރުގެ ޖޫން މަހު ވެސް އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް އައެވެ. ރިކްޓަރ މިންގަނޑުން 6.1ގައި އެފަހަރު އައި ބިންހެލުމާ ގުޅިގެން ހިނގި ހާދިސާތަކުގައި 1,000އަށްވުރެ ގިނަ މީހުން މަރުވިއެވެ. މިފަހަރުގެ ބިންހެލުމުގައި މަރުވާމީހުންގެ އަދަދުވެސް އަދި ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް ދަނީ ބެލެމުންނެވެ.
މި ފަހަރުގެ ބިންހެލުމާ އެކު ކޫނާރް ޕުރޮވިންސުގެ ތިން އަވަށެއްގެ ހުރިހާ ގެދޮރެއް ވަނީ ވެއްޓި، ސުންނާފަތިވެފައެވެ. ބިންހެލުމުގައި އެންމެ ގިނަ އަދަދެއްގެ ބަޔަކު މަރުވެފައި ވަނީ ވެސް އެ ޕުރޮވިންސުންނެވެ. އެ ސަރަޙައްދުން އެކަނި 612 މީހުން މަރުވެފައިވެއެވެ.
އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް އައިސް، އެތަކެއް ސަތޭކަ ބަޔެއްގެ ފުރާނަ ގެއްލިފައިވީ ނަމަވެސް، އެ ޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭރު ދުނިޔެއިން ތެދުވެފައި ނުވާކަމަށް ކަބަރުތައް ބުނެއެވެ. މީހުން ސަލާމަތް ކުރުމުގެ މަސައްކަތަށް ނުވަތަ އެހީދިނުމުގެ މަސައްކަތަށް ބޭރުގެ އެއްވެސް ސަރުކާރަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް މިހާތަނަށް ހުށަހަޅާފައި ނެތް ކަމަށް އެ ޤައުމުގެ ޚާރިޖީ ވުޒާރާގެ އޮފިޝަލަކު ބުނެފައިވެއެވެ. އޭނަ މިހެން ބުނިފަހުން ޔުނިސެފުން ވަނީ އެއިދާރާގެ އެހީގެ ޓީމްތައް އަފްޢާނިސްތާންގައި ހަރަކާތްތެރިވަމުން ދާކަމަށް ބުނެފައެވެ.

އަފްޣާނިސްތާނަކީ ބިންހެލުންތައް ޢާންމު ސަރަހައްދެއްގައި އޮންނަ ޤައުމެކެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް