އިންޖިނޭރުން ޤައުމަށް ކޮށްދެއްވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން، 2026 ވަނަ އަހަރުން ފެށިގެން އިންޖިނޭރުންގެ ޤައުމީ އެވޯޑް، ސަރުކާރުން ދޭން ފަށަން ހަމަޖެހިއްޖެއެވެ.
މިކަންހާމަކޮށްފައި ވަނީ ދިވެހިރާއްޖޭގައި ޤައުމީ ފެންވަރުގައި ފުރަތަމަ ފަހަރަށް ފާހަގަކުރާ އިންޖިނޭރުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ.މުހައްމަދު މުޢިއްޒު ފޮނުއްވި ޚިޠާބުގައެވެ.
ރައީސްގެ ޚިޠާބު ފައްޓަވާފައިވަނީ، ޚިދުމަތުގެ އެކި ދާއިރާތަކުގައި މަސައްކަތްކޮށްދެއްވާފައިވާ އަދި މިހާރުވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ހުރިހާ އިންޖިނޭރުންނަށް، ދުވަހުގެ މުނާސަބަތުގައި މަރްޙަބާއާއި ޝުކުރު ދަންނަވަމުންނެވެ.
މި އަހަރުން ފެށިގެން، ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 30ވަނަ ދުވަހަކީ، ޤައުމީ ފެންވަރުގައި ފާހަގަކުރާ، ”ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް“ ކަމުގައި ހަމަޖައްސާފައި ވަނީ މި ޤައުމުގެ ތާރީޚުގައި މިހާތަނަށް ހިންގުނު އެންމެ ބިޔަ އުމްރާނީ ތަރައްޤީގެ މަޝްރޫޢު ކަމުގައިވާ، ސިނަމާލެ ބުރިޖު އިފުތިތާހުކުރެވުނު ދުވަހު އެވެ.
އެއީ އެދުވަހަކީ އޮގަސްޓު މަހެއްގެ 30ވަނަ ދުވަސް ކަމަށްވާތީ، އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް އެންމެ އެކަށީގެންވާ ދުވަހަކީ، އެ ދުވަސް ކަމަށްވާތީއެވެ.
ސިނަމާލެ ބުރިޖު ހުޅުވިތާ މިއަދަށް 7 އަހަރު ފުރޭއިރު، މި ބުރިޖުގެ ސަބަބުން ދިވެހީންގެ ދިރިއުޅުމަށާއި، އިޤްތިޞާދަށް، އަދި އިޖްތިމާޢީ ހުރިހާ ޚިދުމަތަކަށްވެސް ހެޔޮ ބަދަލުތަކެއް އައިސްފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވަނީ ފާހަގަކުރައްވާފައެވެ.
2040 ވަނަ އަހަރަށް ދާއިރު ތަރައްޤީވެފައިވާ ޤައުމަކަށް ދިވެހިރާއްޖެ ހެދުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިއާއި، ޑިޖިޓަލް ދިވެހިރާއްޖެއެއްގެ އަމާޒަށް ވާޞިލުވުމަށާއި، އިޢާދަކުރަނިވި ހަކަތައިގެ ރޮނގުން ކަނޑައަޅާފައިވާ އަމާޒަށް ވާޞިލުވުމަށް އެކި ދާއިރާތަކުގެ އިންޖިނޭރުންގެ ޢިލްމާއި، ތަޖްރިބާއާއި، އެހީތެރިކަމަށް މި ޤައުމު އޮތީ ނުހަނު ބޮޑަށް ބޭނުންވެފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވިއެވެ.
އިންޖިނޭރުންގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ދެވޭ ޤައުމީ އެވޯޑްގެ އިތުރުން، އިންޖިނޭރުންގެ ޢިލްމީ ދިރާސާތަކަށް ފުރުޞަތު ފަހިކޮށްދެއްވައި، އެކި ދާއިރާތަކުން އިންޖިނޭރުކަން ކިޔަވައިދީ، ތަމްރީނު ދިނުމަށް ސަރުކާރުންދޭ ސަމާލުކަން އިތުރުކުރައްވާނެކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވަނީ ދެއްވާފައެވެ.
ރައީސްގެ ޚިޠާބު ނިންމަވާލައްވާފައި ވަނީ، ދިވެހި ކާބަފައިންނަކީ މާޒީގައިވެސް ފަންނުވެރި ހުނަރުވެރި ފާޑުވެރި ބައެއް ކަމަށާއި، އެ ދުވަހުއްސުރެ މިއަދާ ހަމަޔަށްވެސް ރާއްޖޭގެ ތަރައްޤީ ނެގެހެއްޓުމުގައި ދިވެހި އިންޖިނޭރުން އަދާކުރެއްވި ޤައުމީ ވާޖިބަށް ސާބަހާއި ތާރީފު ޙައްޤުކަމުގައި ވިދާޅުވެ، ދިވެހިރާއްޖެއަށް ތަހުޒީބާއި ވިޔަވަތިކަމުގެ ރަން ޒަމާނެއް މިންވަރު ކުރެއްވުން އެދި މާތް ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުންނެވެ.