މިފެށޭ ސެޕްޓެމްބަރުމަހު ނިއުޔޯކްގައި އޮންނަ އދގެ ޖެނެރަލް އެސެމްބްލީ ގައި ބައިވެރިވުމަށް ދާން އުޅުނު ފަލަސްތީނުގެ 80 މެމްބަރުން ހިމެނޭ ވަފްދުގެ ވިސާ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ކެންސަލް ކޮށްފިއެވެ.ފަލަސްތީނުގެ ވަދުގެ އެންމެ އިސް ވެރިއަކަށް ހުންނެވީ ރައީސް މަހްމޫދު އައްބާސް އެވެ.
ފަލަސްތީންގެ ވަފްދުގެ ވިސާ ބަންދުކޮށްލި މައްސަލަ ފަލަސްތީނިއަން އޮތޯރިޓީން ވަނީ ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ. އަދި މިއީ 1947 ވަނަ އަހަރު ޕީއެލްއޯ އަށް އޮބްޒާވާ ސްޓޭޓަސް ދެމުން އެކުލަވާލެވުނު އެއްބަސްވުމާ ޚިލާފު ކަމެއްކަމަށް އެފަރާތުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. މިއެއްބަސްވުމުގެ ދަށުން، ސިޔާސީ ގުޅުންތަކަށް ބެލުމެއްނެތި، އދ. ގެ މެންބަރު ޤައުމުތަކުގެ މަންދޫބުންނާއި، މުވައްޒަފުންނާއި، ތަޖުރިބާކާރުން އެމެރިކާ އަށް އެތެރެވުން ވޮޝިންގްޓަން ޑީސީ އިން ކަށަވަރު ކޮށްދޭން ޖެހެއެވެ.
މިކަމާގުޅިގެން ފަލަސްތީނުން ވަނީ އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް އަށާއި މެންބަރު ޤައުމުތަކަށް މި މައްސަލަ ހައްލު ކޮށްދިނުމަށް ގޮވާލާފައެވެ.
ފަލަސްތީންގެ ވަފްދުގެ ވިސާ ބަންދުކޮށްލުމަށްފަހު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވެފައިވަނީ ފަލަސްތީންގެ ވަފްދުން މަސައްކަތް ކުރަނީ ސުލްހަ އަށް ކުރެވޭ މަސައްކަތުގެ އަގުވައްޓާލުމަށާ މަގްސަދާ ޚިލާފަށް ކަމުގައެވެ. އަދި އެމީހުން އުފައްދަންއުޅޭ ފަލަސްތީންގެ ދައުލަތަށް އެންމެންގެ ތާއީދު ލިބިފައި ނުވާކަމަށް މާކޯ ރޫބިއޯ ވިދާޅުވެފައި ވެއެވެ.
މިފަދަ ގޮތަކަށް އެއްބައެއްގެ ވިސާ ކެންސަލް ކޮށްލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ގިނަބަޔަކު ބުނަމުން ދާއިރު، އދގެ ބައްދަލް ވުންތަކަށް ދިއުމަށް އެދޭ މަންދޫބުންނަށް އެކަން ފަހި ކޮށް ދިނުމަކީ އެމެރިކާއިން ކޮށްދޭން ޖެހޭ ކަމެކެވެ.
ފަލަސްތީން ވަފްދަށް ޖެނެރަލް އެސެމްބްލީގައި ބައިވެރި ނުވެވޭ ގޮތް ހަދާފައިވާއިރު ، ފްރާންސް އިސްވެ މިހާރުވަނީ ޖެނެރަލް އެސެމްބްލީގައި ފަލަސްތީންގެ ދައުލަތް ގަބޫލު ކުރާނެ ގައުމުތަކުގެ އަދަދު ގިނަ ކުރުމުގެ ކެމްޕެއިނެއް ފަށާފައެވެ. މިކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވަރަށް ބޮޑަށް ދެކޮޅު ހައްދަވާފައެވެ.
ފަލަސްތީނުގެ އިސް އޮފިޝަލުން ވިދާޅުވެފައިވާގޮތުގައި އެމެރިކާގެ މި ނިންމުމުގެ ސަބަބުން ފަލަސްތީނު ދައުލަތް ބަލައިގަތުމުގެ ”ރާޅު“ ނުވަތަ އޮއިވަރު ނުހުއްޓުވޭނެ އެވެ. ފްރާންސް، އިނގިރޭސިވިލާތް، ކެނޭޑާ ފަދަ ބައެއް ބޮޑެތި ހުޅަނގުގެ ޤައުމުތަކުން މިހާރުވެސް ވަނީ ކުރިއަށް އޮތް އދ. ގެ ބައްދަލުވުމުގައި ފަލަސްތީން ދައުލަތް ބަލައިގަންނާނެކަން އިޢުލާނު ކޮށްފައެވެ.
1947 ވަނަ އަހަރު ފަލަސްތީނަށް އޮބްޒާވަރެއްގެ ހައިސިއްޔަތު ދިނުމަށްފަހު 2012 ވަނަ އަހަރު ގިނަ އަދަދެއްގެ މެމްބަރުންގެ ތާއީދާއި އެކު ވަނީ ސްޓޭޓަސް މައްޗަށް ޖައްސާ، ނޮންމެމްބަރ ޕާމަނަންޓް އޮބްޒާވާ ސްޓޭޓެއްގެ ދަރަޖަ ދީފައެވެ.