ފަގީރު ކުއްޖާއާއި މޭވާ ފޮށިގަނޑު

Loading

Facebook
Twitter
WhatsApp

އެއްދުވަހަކު މުއްސަނދި ބައްޕައަކު އޭނާގެ 8 އަހަރުގެ ފިރިހެން ދަރިފުޅު ގޮވައިގެން ބާޒާރު ކޮށްލަން ދިޔައެވެ. މޯލްއަށް ދިޔަ މަގުމަތީގައި ފާރެއްގެ ކައިރީގައި އިށީދެގެން އިން ހަމަ އެ ފުރައިގެ ފަގީރު ކުއްޖަކު އެ ދެ މީހުންނަށް ފެނުނެވެ. އެކުއްޖާޔާމެދު ބައްޕަގެ ހިތުގައި ހަމްދަރުދީ އުފެދި ވޮލަޓުން ކުޑަ ލާރިކޮޅެއްނަގައި އެކުއްޖާޔަށް ދިނެވެ. އަދި އެއްޗެއް ގަނެގެން ކާލާށޭ ބުންޏެވެ. މިހެން ބުނުމަށްފަހު ބައްޕަ ޖެހިގެން ހުރި ފިހާރަތެރެޔަށް ވަދެގެން ދިޔައެވެ.

ފަގީރު ކުއްޖާޔަށް ލާރިދިންތަން ފެނި މުއްސަނދި ކުއްޖާ ވަރަށް ރުޅި އަތުވެއްޖެއެވެ. އަދި އެކުއްޖާޔާ ދިމާލަށް ހަޅޭއްލަވައިގަތެވެ. ކަލޭ ސަލާން ޖަހަނީ ކީއްވެގެން ހެއްޔެވެ. ތިޔަތާ ނީނދެ އެެހެންމީހުންހެން މަސައްކަތް ކޮށްގެން ލާރިހޯދާށެވެ. މިހެން ބުނެ ފަގީރު ކުއްޖާއަށް އޭނާގެ ބައްޕަދިން ދެ ނޫޓް ޖަހައިގަތެވެ.

ލާރިކޮޅު ޖަހައިގަތުމަށްފަހު އެކުއްޖާ ނުވެސް އިނގޭކަމަށް ހަދާލާފައި ބައްޕަވަން ފިހާރަޔަށް ވަނެވެ. އެފިހާރަ ދޮރުމަތީ މޭވާ ވިއްކާ މޭޒެއްބަހައްޓައިގެން މީހަކު މޭވާ ވިއްކަން އިނެވެ.

ފިހާރައިން ކުއްޖާ ބޭނުން ބައިވަރު ހެދުންތަކާ ފައިވާނާ އެހެންވެސް އެއްޗެތި ގަނެގެން ނިކުތް އިރު އެއްކަލަ މޭވާ ވިއްކާ މޭޒު ކައިރީގައި ހުރި ހަލާކުވެފަ،އުކާލަން ގެންދަން ހުރި މޭވާތައް އަޅާ ފޮށިގަނޑެއް ހާވައިގެން އޭގެއިން ކުޑަކޮށް ރަގަޅު މޭވާ ހޮވަން އެއްކަލަ ފަގީރު ކުއްޖާއިނެވެ. މުއްސަނދި ކުއްޖާ މޫނު އަނެއްފަރާތަށް އަބުރާލައިގެން ނުވެސް ފެންނަ ކަމަށް ހަދާލާފަ ކުރިޔަށް ހިނގަމުން ދިޔައެވެ.

ބައްޕަ ކުއްލިއަކަށް ގުދުވެ އޭނަގެ ދަރިފުޅަށް ނުފެންނަ ގޮތަށް އެފޮށިގަނޑުން ދެތިން މޭވާ ނެގިއެވެ. އެއަށް ފަހު ނޭގޭ ކަމަށް ހަދާލާފަ އޭނަވެސް ގޮސް ދަރިފުޅާއެކު ކާރަށް އަރައިގެން ގެޔަށް ދިޔައެވެ.

އަނެއްދުވަހު ސްކޫލްއަށް ގޮސްފަ އިންޓަވަލް ގަޑިޖެހުމުން މުއްސަނދި ކުއްޖާ އާދައިގެ މަތިން އޭނާގެ ލަންޗްބޮކަސްގައި ފޮނުވާ މީރު ސޭންޑްވިޗްތަކާއި މޭވާ ކާހިތުން އަވަހަށް އިންޓަވަލް ފޮށިހުޅުވާލިއެވެ. އެކަމަކު އޭގައި އެ ދުވަހު މީރު ކެއުމެއް ނެތެވެ. އޭގައިވަނީ ފީވެ ޗަސްވެފައިވާ ދެތިން މޭވާއެވެ. އެކުއްޖާ ވަރަށް ރުޅި އަތުވެއްޖެއެވެ. އެހެން ކުދިންނަށް އޭނާގެ ލަންޗް ބޮކްސް ފެނުމުން ހީފަ މަލާމަތް ކުރަން ފެށިއެވެ.

ކުއްޖާޔަށް މެންދުރު ގެޔަށް ދެވުނު އިރު ހުރީ ރުޅިއައިސްގެން ހަލާކުވާވަރުވެފައެވެ. އޭރު ބައްޕަ އިނީ މީރު ކެއުންތައް ނެރެފައިވާ މޭޒުކައިރީ ކާށެވެ. އެހެން ދުވަސް ދުވަހުހެން އޭނަޔަށް އިންތިޒާރު ކުރުމެއް ނެތިއެވެ.

ބައްޕަ ހަމަޖެހިލާފަ ކާން އިނުމުން ކުއްޖާގެ ރުޅިގަނޑު ހައްތަހާ ގަދަވިއެވެ.އަދި ބުންޏެވެ. ބައްޕަމިއަދު އަޅުގަނޑުގެ އިންޓަވަލް އަށް ފީވެފައިވާ މޭވާ ދެއްވީ ކީއްވެގެންތޯއެވެ. އެގޮތަށް ފީވެފައިވާ މޭވާ އަޅުގަނޑު ކާނީ ކިހިނެއްތޯއެވެ؟  

އެވަގުތު ބައްޕަ ދަރިފުޅާ ދިމާލަށް ބަލަހައްޓައިގެން އިނދެފަ ބުންޏެވެ. ފީވެފައިވާ މޭވާ ދަރިފުޅުވެސް ކާނީ އިއްޔެ ދިމާވި ފަގީރު ކުއްޖާވެސް އެ މޭވާ ކާގޮތަށެވެ. މިހެން ބުނުމުން ކުއްޖާ ވަރަށް ރުޅި އަތުވެއްޖެއެވެ. އަދި ބުންޏެވެ.އެއީ ފަގީރު ކުއްޖެކެވެ.އަޅުގަނޑުމީ ބައްޕަގެ ދަރިފުޅެވެ. މީގެ ޖަވާބު ދިނުމުގެ ކުރިން ބައްޕަ ކައިނިމިގެން އަތް ދޮވެ ހަދައިގެން ދަރުފުޅު ގޮވައިގެންގޮސް ކުރިމަތިވާގޮތަށް ގޮޑިއެއްގައި ބޭންދުމަށް ފަހު ވަރަށް އޯގާތެރިކަމާއެކު ވާހަކަ ދެއްކިއެވެ.

”ދަރިފުޅު އިއްޔެ ކަންތައް ކުރިގޮތް ބައްޕައަށް ނުފެންނަ ކަމަށް ދަރިފުޅު ހީކުރީމުއެވެ. ނަމަވެސް ބައްޕަ ހުރީ ފިހާރައިގެ ބިއްލޫރި ގަނޑުން ބަލާށެވެ.

އެކުއްޖާ ފަގީރުވީ އެކުއްޖާކުރި ކަމަކުން ނޫނެވެ. އެއީ އެކުއްޖާޔަށް މިވަގުތު މެދުވެރި ކުރައްވާފައިވާ ގޮތެވެ.މާދަމާ އެއީ ދަރިފުޅަށް ވުރެ މާ މުއްސަނދި މީހަކަށްވެސް ވެދާނެއެވެ.

ބައްޕަ އަތުގަ ހުރި ލާރިން އެކުއްޖާ މީރު ކާއެއްޗެއް ގަންނަން ލާރި ކޮޅެއް ދިނުމަކުން އަހަރުމެންނަށް ލާރި މަދެއް ނުވާނެއެވެ. ފަގީރުންނަށް އެހީވާނަމަ ފައިސާގަ ބަރަކާތްލައްވާ ފައިސާ އިތުރު ކޮށްދެއްވާނެ ކަމަށް ވެސް ވަނީ އަންގަވާފައެވެ.

އަހަރުމެން މިދުނިޔޭގައި އުޅޭއިރު އަނެކާގެ އިހުސާސުތަކާމެދު ވިސްނައި، އެކަމަށް އިހުތިރާމް ކުރަން ޖެހޭނެއެވެ. ދަރިފުޅު ސްކޫލުން ގެޔަށް އަންނައިރު ހުންނަނީ ވަރަށް ބަނޑުހައިވެފައިކަން ބައްޕައަށް އެގެއެވެ. ދަރިފުޅު ފެންވަރާ ނަމާދުކޮށް ހަދައިގެން ކާން އަންނަންދެން ބައްޕަވެސް ނުކައި މަޑުކުރަނީ އެހެން ވެގެންނެވެ. މި ސިފަ ދަރިފުޅަށްވެސް ދަސްވޭތޯއެވެ.

އަބަދު ހުރިހާކަމެއްގައި އިސްކުރަން ޖެހޭނީ ތިމާއެއްނޫނެވެ. ތިމާ ހަލާކުނުވެ ހުންނަ މީރު މޭވާކައި، ރީތި ހެދުންލާން އެދޭނަމަ މަގުމަތިން ފެންނަ ފަގީރު ކުއްޖާއަށްވެސް އެގޮތް އެދުމަކީ ރީތި މާތް ސިފައެކެވެ. ކޮންމެހެން ދަރިފުޅާ އެއް ފެންވަރަށް ނުގެވުނު ނަމަވެސް އެކުއްޖާއަށް ހެޔޮގޮތެއް ވުމަށް އެއްގޮތަކަށްވެސް ނުރުހިގެން ނުވާނެއެވެ. އެކުއްޖާގެވެސް އޮންނަނީ ހަމަ ދަރިފުޅުގެ އޮންނަ ކަހަލަ ހިތެކެވެ. އޭނާ ފީމޭވާ ފޮށިހާވަން އިންދާ ދަރިފުޅު ކޮތަޅުތައް ފުރާ ބާޒާރުކޮށްލައިގެންދާތަން ފެނުނީމަ އެކުއްޖާވެސް ހަމަ ދެރަވާނެއެވެ. އެކުއްޖާޔަށް ދިން ފައިސާކޮޅު ދަރިފުޅު އަތުނުލިނަމަ އެ ދެރަޔަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުނީހެވެ.“

ބައްޕަގެ ވާހަކަތައް އަޑުއިވުމަށްފަހު މައްސަނދި ކުއްޖާގެ ހިތަށް ވަރަށް އަސަރު ކޮށްގެން ރޯން ފެށިއެވެ. އަދި ދެން ދުވަހަކުވެސް އެފަދަ ގޮތަކަށް ކަމެއް ނުކުރާނެ ކަމަށް ބުނެ ބައްޕަގެ ކިބައިން މައާފަށް އެދުނެވެ. އަދި އެކުއްޖާ ހޯދަން ދާން ބޭނުންކަމަށްވެސް ބުންޏެވެ.  

ބައްޕަ ވަރަށް އުފަލުން ހަވީރު ދާނީ ކަމަށް ބުންޏެވެ. ކުއްޖާއަށް ސިއްރުން އިއްޔެ ފަހުން ގޮސް ފަގީރު ކުއްޖާއަށް އެކުއްޖާ ބޭނުން ހެދުމަކާ ފައިވާނާ އަދި ރީތި މޭވާ ގަނެދިން ވާހަކައެއް ބައްޕަ އޭނާގެ ދަރިފުޅު ކައިރިއަކު ނުބުނެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް