ސަރުކާރުގެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރެއްވުމުގެ ކުށުގައި ސްރީލަންކާގެ ކުރީގެ ރައިސް ރަނިލް ވިކްރަމަސިންގހާ ހައްޔަރު ކޮށްފި ކަމަށް ޚަބަރު ލިބެއެވެ. މިމައްސަލައިގައި ރަނިލްގެ މައްޗަށް ތިން ދައުވާއެއް އުފުލޭނެއެވެ.އެއީ ރައީސް ކަމުގައި ހުންނެވި ދުވަސްވަރު ގައުމުން ބޭރަށް ކުރެއްވި އަމިއްލަ ދަތުރު ތަކަކަށް ސަރުކާރު ފައިސާބޭނުން ކުރެއްވި ކަމުގެ ތުހުމަތުގައެވެ.
ރަނިލް ވިކްރަމަސިންގހާ ހުކުރުދުވަހު ފުރަތަމަ ހާޒިރު ކުރެވުނީ ބަޔާން ނެގުމަށްޓަކައި ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) އަށެވެ. އެއަށްފަހު މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކޮށްފައިވެއެވެ.
ރަނިލް ވިކްރަމަސިންގހާ ރައީސްކަން ކުރައްވާފައިވަނީ 2022ން 2024 އަށެވެ.އޭރު ރައީސް ކަމުގައި ހުންނެވި ގޮތަބަޔާ ރާޖަޕަކްސާ ގެ މައްޗަށް ކުރެވުނު ޚިޔާނާތުގެ ތުހުމަތު ތަކާއި ގުޅިގެން ގޮތަބަޔާ އާއި ދެކޮޅަށް ވަރުގަދަ އިދިކޮޅު ހަރަކާތެއްފެށި، ގޮތަބަޔާ ގައުމު ދޫކުރައްވާ ވަޑައިގެންނެވުމުންނެވެ. އޭގެ ކުރިން ވިކްރަމަސިނގހާވަނީ ބޮޑުވަޒީރުގެ މަގާމު ހަފަހަރެއްގެ މަތިން ފުރުއްވާފައެވެ.
ބީބީސީ ސިންހަލަ ބުނާގޮތުން އުމުރުފުޅުން 76 އަހަރުގެ ވިކްރަމަސިންގހާ ރައީސް ކަމުގައި ހުންނެވި މުއްދަތުގައި ގައުމުން ބޭރަށް 23 ދަތުރު ކުރައްވާފައި ވެއެވެ.މިދަތުރު ތަކަށް 600މިލިއަން ރުޕީސް ނުވަތަ 2 މިލިއަން ޑޮލަރު ހޭދަ ކުރައްވާފައި ވެއެވެ. މިދަތުރު ތަކުގައި 10 އޮފިޝަލުން ބައިވެރި ކުރައްވާފައިވާކަންވެސް ސީއައިޑީ އޮފިޝަލުން ފާހަގަ ކޮށްފައި ވެއެވެ.
ހުކުރު ދުވަހު ވިކްރަމަސިންގހާ ހައްޔަރު ކުރެވުނީ 2023 ވަނަ އަހަރު ކިއުބާގައި އޮތް ސަމިޓް ބައްދަލް ވުމަކުން އެނބުރި ވަޑައިގެންނެވިއިރު އިގިރޭސި ވިލާތަށް ދަތުރު ކުރެއްވި މައްސަލައިގައެވެ. އޭރު އިގިރޭސި ވިލާތަށް ދަތުރު ކުރެއްވީ އަނބިކަނބަލުން ޕްރޮފެސަރ މައިތްރީ ވިކްރަމަސިންހަ ގެ ގްރެޖުއޭޝަން ގައި ބައިވެރިވެވަޑައިގަތުމަށް ކަމަށް ވެއެވެ.
ސްރީލަންކާގެ ކްރިމިނަލް އިންވެސްޓިގޭޝަންސް ޑިޕާޓްމަންޓުން ބުނާގޮތުގައި އެއީ އަމިއްލަ ދަތުރަކަށް ވާއިރު އެދަތުރުފުޅަށް ސަރުކާރުގެ ފައިސާވަނީ ބޭނުން ކުރައްވާފައެވެ.
މިތުހުމަތުތަކަށް ވިކްރަމަސިންގހާ އިންކާރު ކުރައްވައެވެ.
ވިކްރަމަސިންގހާގެ މައްޗަށް ކުރެވޭ ޚިޔާނާތުގެ ތުހުމަތު ފުރަތަމަ ކޯޓަކަށް ހުށަހެޅިފައިވަނީ މިދިޔަ ޖޫން މަހުއެވެ. އޭނާ ހިމެނިވަޑައިގެންފައިވަނީ މިފަދަ ތުހުމަތެއްގައި ހައްޔަރު ކުރެވުނު ފުރަތަމަ ކުރީގެ ރައީސް އަށެވެ.
1977ވަނަ އަހަރު މަޖިލީހުގެ މެމްބަރަކަށް ވެވަޑައިގެންނެވިފަހުން ރަނިލް ވިކްރަމަސިންގހާއަކީ ސްރީލަންކާގެ ސިޔާސީ މަޝްރަހުގައި އިސްކޮށް ގުނާލެވޭ ފަރާތެކެވެ. ގާނޫނީ ދާއިރާއިން ކިޔަވާ ވިދާޅުވެގެން ހުންނެވި ވިކްރަމަސިންގހާ ނިސްބަތްވެ ވަޑައިގަންނަވަނީ ސްރީލަންކާގެ ތަނަވަސް އާއިލާއަކަށެވެ. ރައީސްކަމަށް އެތައްފަހަރަކު ވާދަ ކުރެއްވިނަމަވެސް އިންތިހާބެއް ކާމިޔާބް ކުރެއްވިފައެއް ނުވެއެވެ.
2024 ވަނަ އަހަރުގެ އިންތިޚާބްގައިވެސް ވާދަ ކުރެއްވިނަމަވެސް އެފަހަރުގެ އިންތިޚާބް ކާމިޔާބް ކުރެއްވީ މިހާރުގެ ރައީސް އަނޫރާ ކުމާރަ ޑިސަނާޔަކައެވެ.
![]()
