ބޭރު ގައުމުތަކުގެ މީހުންނަށް،މެދުވެރިވާނެ ފަރާތެއް ނެތި އޮންލައިންކޮށް އަމިއްލަޔަށް އުމްރާ ވިސާއަށް އެދެވޭ ”ނުސުކް އުމްރާ“ ގެ ޚިދުމަތް ސައުދީއަރަބިއްޔާ ސަރުކާރުން ބުދަދުވަހު ތައާރަފް ކޮށްފިއެވެ. މިޚިދުމަތުގެ ދަށުން އުމްރާވެރިން ތިބޭނެ ތަންތަން ހަމަޖެއްސުމާއި އަދި ދަތުރު ކުރާނެ ވެހިކަލް ވެސް އަމިއްލަޔަށް ހަމަޖެއްސޭނެއެވެ.
ސައޫދީ ހައްޖު އެންޑް އުމްރާ މިނިސްޓްރީން ބުނެފައިވާ ގޮތުގައި ނުސުކް އުމްރާ ގެ ޚިދުމަތް ތައާރަފްކުރީ ބޭރު ގައުމުތަކުން އުމްރާވުމަށް ދަތުރު ކުރާ ފަރާތްތަކަށް ދަތުރުގެ ކަންކަން އިތުރަށް ފަސޭހަކޮށްދިނުމަށް އަމާޒު ކޮށްފައެވެ. ކުރިން އޮންނަނީ އެކަމަށް ޚާއްސަ އޭޖަންޓުން މެދުވެރި ކޮށް އެކަނި އުމްރާ ވިސާ ނެގޭ ގޮތަށެވެ. އަލަށް ތައާރަފް ކުރެވުނު ”ނުސުކް އުމްރާ“ ގެ ތެރެއިން އުމްރާވެރިންގެ ދަތުރު އަމިއްލަޔަށް ”ކަސްޓަމައިޒް“ ކުރެވޭނެއެވެ. މިގޮތުން ކަނޑައެޅިފައިވާ ޕެކޭޖްތަކަކުން ޕެކޭޖެއް ޚިޔާރު ކުރެވޭނެއެވެ. ނުވަތަ ވަކިން ތިބޭނެ ތަންތަން ހަމަޖެއްސުމާއި ޓްރާންސްޕޯޓް އަދި އެކި ޓުއަރ ތައް އިޚްތިޔާރު ކުރެވޭނެއެވެ.
”ނުސުކް އުމްރާ“ ޕްލެޓްފޯމް އަކީ ބޭނުންކުރާމީހުންނަށް ވަރަށް ފަސޭހަވާގޮތަށް ހަދާފައިވާ ޕްލެޓްފޯމް އެކެވެ.ހަތް ބަހަކުން ޕްލެޓްފޯމް ބޭނުން ކުރެވޭއިރު ކަމާބެހޭ ސަރުކާރުގެ އިދާރާތަކުން ކުރަންޖެހޭ ކަންކަންވެސް ވަނީ ފަސޭހަ ކޮށްފައެވެ.އަދި ޚިދުމަތްތަކަށް ޑިޖިޓަލްކޮށް ފައިސާދެއްކުންވެސް ވަނީ ފަސޭހަކޮށްދީފައެވެ.
”ނުސުކް އުމްރާ“ ގެ ޚިދުމަތް ތައާރަފް ކޮށްފައިވަނީ ”ސައޫދީ ވިޝަން 2030″ ގެ ދަށުން ހާސިލްކުރި ލަނޑުދަނޑިއެއްގެ ގޮތުގައެވެ.“ވިޝަން 2030“ ގެ ދަށުން ހައްޖުގެ އަޅުކަން ފަސޭހަ ކުރުމަށްވެސް އިތުރު ގިނަ ކަންތައްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ނުސުކް އުމްރާގެ ޚިދުމަތްލިބޭ ލިންކް https://umrah.nusuk.sa/
![]()
