އެމާ

Loading

Facebook
Twitter
WhatsApp

އެއީ ހޮނިހިރު ދުވަހެކެވެ. އާދައިގެ މަތިން ހެނދުނު އަހަރެން ދިޔައީ ކުރިޔަށް އޮތް ހަފްތާއަށް ގެއަށް ބޭނުންވާ ސާމާނު ގަތުމަށް ކައިރީގައި ހުންނަ މޯލް އަށެވެ. ދެގަޑިއެއްހާއިރު އެތަނުގައި އުޅެފައި ކޮތަޅު ތަކުން ދެއަތް ފުރާލައިގެން އައިސް ގޭ ބޭރުދޮރުން ވަން ތަނާ އަހަރެން ދިޔައީ ސިއްސައިގެންނެވެ.


އަހަރެންގެ ފިރިމީހާ އަހުމަދު ހުރީ ގޭތެރެޔަށް ވަންނަ ދޮރުމަތީގައި،ޖެހިގެން ހުރިގޭ ޒުވާން އަންހެން ކުއްޖާ އެމާ ގޮވައިގެން ގައިގޯޅި ބައްދަލްވުމެއްގައެވެ. އެވަގުތު ފިލާހުރެ އެމީހުންގެ ވާހަކަ އަޑުއަހާލަން ހިތަށް އެރިއެވެ. ކުރިކަމެއްކޮށްފަ ދުރުވެލުމަށްފަހު ދެމީހުން ހީހީފަ ސަމާސާ ކުރަން ފެށިއެވެ. އެމާ ބުނާއަޑުއިވުނެވެ. ”އައިޝާއަށް އަދިވެސް މިކަން ނޭގޭތީ އަހަރެން ހައިރާންވެސް ވެއެވެ.“ މިހެން ބުނުމުން އަހުމަދު ބުނާއަޑު އިވުނެވެ.“އޭނަ އަކަށް ނޭގޭނެއެވެ. އިނގުނަސް ފަރުވާލެއް ނެތެވެ. އެހެން ނޫނަސް އެމާ މާލޯބިއެވެ. ހީވަނީ ޕްރިންސެސް އެއްހެންނެވެ.“ މިހެން ބުނެފަ އަނެއްކާވެސް ދެމީހުން ގައިގޯޅިވެލިއެވެ.
އަހަރެންނަށް ހުރެވުނު ތަނެއްވެސް ނޭގުނެވެ.ކޮތަޅު ތަކުގަ ބާރަށް ހިފަހައްޓައިގެން އިރުގަނޑަކު ހުރެވުނެވެ. އަމިއްލަގޭގައި، ހާމަ ތަނުގައި މިގޮތަށް އުޅޭއިރު ސިއްރު ބައްދަލްވުންތައް ހާދަވަރަކަށް ބާއްވާފަ ހުންނާނެތާއޭ ހިތަށް އެރިއެވެ. އަހަރެން ހަޅޭކެއް ނުލަވަމެވެ.އެމީހުންނާ ކުރިމައްޗެއް ނުލަމެވެ.އަނބުރާލާފަގޮސް ގޭގެ ފަހަތު ދޮރުން އެތެރެޔަށް ވަދެ ކޮތަޅުތައް ބެހެއްޓުމަށްފަހު އަހަރެންގެ ”ޕްލޭން“ ރާވަން ފެށީމެވެ.
އަހަރެންނާއި އަހުމަދު ކައިވެނި ކޮށްގެން އުލޭތާ 15 އަހަރު ވެއްޖެއެވެ. ލޯބި ލޯބި ދެކުދިން ލިބިފައި އެބަތިއްބެވެ. ދެމީހުން އެކުގައި ގެޔަށް މިދަނީ އަގު އަދާކުރަމުންނެވެ.އަހަރެން ގަބޫލު ކުރަމުން އައީ އަހަރުންގެ ހަޔާތަކީ ވަރަށްވެސް ހަމަޖެހޭ އުފާވެރި ހަޔާތެއް ކަމުގައެވެ. ތެދެކެވެ.އަހަމަދު ގޭތެރޭގެ ކަންކަމުގައި މާބޮޑަށް އެހީތެރިވެދީއެއް ނޫޅޭނެއެވެ.އަހަރެން ކުރާ އޮންލައިން މަސައްކަތް ކުރަމުން، ކުދިން ބަލަމުން ކައްކާ، ބާޒާރު ކުރަމުން އެއްޗެތިދޮވެ ގޭތެރެސާފުކޮށް މިހުރިހާ ކަމެއް ކުރަނީ އަހަރެން އެކަންޏެވެ.އަހަރެން އަމިއްލަ ނަފްސަށް ބުނަމުން ގެންދިޔައިމެވެ. މިގޮތްވެސް އޯކޭއެވެ. އަހަރުމެން ދެމީހުން މީ ޓީމެކެވެ. އެކަމަކު އަހަރެންނަށް ނޭނގުނު އެއްޗަކީ އަހުމަދު ކުޅެމުން އައީ އެހެން ޓީމަކަށް ކަމެވެ.
މިބުނި ދުވަހުގެ އަނެއް ދުވަހު ހެދުނު އާދައިގެ މަތިން އަހުމަދު އޮފީހަށް ފޮނުވާލުމަށްފަހު އަހަރެން ޖެހިގެން ހުރި،އެމާ މެންގެ ގެޔަށް ދިޔައިމެވެ. ބެލް ޖަހާލުމުން ވަރަށް ރީތިކޮށް ހެވިލާފަ ހުރެ ދޮރުހުޅުވީ އެމާއެވެ. އަހަރެންވެސް އެހާރީތިކޮން ހެވިލާފަހުރެ ބުނީމެވެ. އެމާ އަހަރެންނަށް ކަމެއްގައި ހެލްޕް އެބަ ބޭނުންވެއެވެ. ސިޓިންގރޫމް އަލުން ތަރުތީބު ކޮށްލަން ބޭނުމެވެ.އެމާ ކިޔެވީ އިންޓީރިއަރ ޑިޒައިން ކަމަށްވާތީ މިކަމުގައި އަހަރެންނަށް އެހީތެރިވެދިނުން އެދެމެވެ.އޭނަ ވަރަށް ހަމަ ޖެހިލާފަ އާއެކޭ ހަތެއްޖަހާއިރު ދާނަމޭ ބުންޏެވެ.
ގެޔަށް އައިސް އެމާގެ މަންމަ އަށް ފޯނުކުރީމެވެ. އަދި އެމާގެ މަންމައާއި ބައްޕައަށް ހަމަ އެރޭ އަށެއްޖަހާއިރަށް އަހަރުންގެ ގެޔަށް ކެއުމަކަށް އައުމަށް ދައުވަތު ދިނީމެވެ.
ދެން ކުދިން ސްކޫލް އަށް ފޮނުވާލުމަށްފަހު އަހަރެން ކައްކަން ފެށީމެވެ.އަހަރެން ހަދާ ރޯސްޓް ޗިކަން އެމާގެ މަންމައާއި ބައްޕައަށް ވަރަށް މީރުވެގެން އެވާހަކަ ދައްކާނެއެވެ.
ހަމަޖެހިފައިވާ ގަޑިކަމަށްވާ ހަތެއް ހަމަ ޖެހިއިރު އެމާއަތުވެއްޖެއެވެ. އަހަރެން ހީލަމުން އޭނައަށް މަރުހަބާ ކީމެވެ. އަދި ބުނީމެވެ. ”އަހަރެން އެމާގާތު އަންނަން ބުނީ އެމާއަށް އެއްޗެއް ދައްކާލުމަށް ބޭނުންވާތީއެވެ“
މިހެން ބުނެ އަންބެއްގެ ހައިސިއްޔަތުން ކުރަންޖެހޭ މަސައްކަތްތައް އަހަރެން އޭނާއަށް ދައްކަން ފެށީމެވެ. ކޮންމެ ރެޔަކުވެސް ނިދުމުގެ ކުރިން ހުރިހާ ތެލިތަށިދޮންނަންޖެހޭނެ ކަމަށް ބުނީމެވެ.އަހަމަދު އެއްވެސް ވަރަކަށް އެހީތެރިވެނުދޭތީއެވެ.ދޮންނަ މެޝިނު ހުންނަ ތަނަށް ގެންގޮސް ކުދިންގެ އެއްޗެތި އަޅަން ޖެހޭނީ ޔުނީފޯމް ވަކިން ކުޅޭ ހެދުންތައް ވަކިން އަދި އާދައިގެ ހެދުން ވަކިން ކަމަށް ބުނީމެވެ. ކުދިންގެ ސްކޫލް ހަރަކާތް ތައް ލިޔެފައިވާ ޗާޓުދެއްކީމެވެ.ހަފްތާގެ ތިންދުވަހު އެކި ކުޅިވަރުތަކަށް ގެންދަން ޖެހޭނެ ކަމަށް ބުނީމެވެ.ކުދިން ދައްކާ ޑޮކްޓަރުގެ ނަމްބަރުތައް ހިއްސާކޮށް ބަލިވެއްޖެ ނަމަ ކަންތައް ކުރަންޖެހޭގޮތް ކިޔާދިނީމެވެ.
އެއަށް ފަހު ބަދިގެޔަށް ގެންދިޔައިމެވެ. އަދި މިއީ ފެމިލީގެ ކުރިހާ ކެއުންތައް ތައްޔާރު ކުރާތަން ކަމުގައި ބުނީމެވެ.އާދައިގެ މަތިން ކޮންމެ ދުވަހަކު ކާގަޑިތަކުގައި ކާކެއުންތަކުގެ އިތުރުން ފޮނި އެއްޗިއްސާ އަދި ”ސްނެކް“ ހަދަންޖެހޭނެކަމަށް ބުނީމެވެ.އޭގެ އިތުރުން ސްކޫލްއަށް ގެންދަންވެސް އެކިބާވަތުގެ ކާތަކެތި ތައްޔާރު ކުރަން ޖެހޭނެކަމަށް ބުނީމެވެ. ދޭތެރެއަކުން އަހުމަދު އޮފީސް ރައްޓެހިންނަށް ޕާޓީ ބާއްވަން ކައްކަން ޖެހޭނެ ކަމަށް ބުނީމެވެ.ކުދިން ކެއުމަށް ބޭނުންވާނީ އެކިފަހަރު އެކި އެއްޗެތި ކަމުން ހުރިހާ އެއްޗެއްވެސް ކުދިންނަށް ކަމުދާގޮތަށް ތައްޔާރު ކުރުން މުހިންމު ކަމަށް ބުނީމެވެ.
އެވަރުން އެއްޗެތި ތައްޔާރު ކޮށްދިނަސް އަހުމަދު ގެ ފުށުން ޝުކުރިއްޔާ އެއްވެސް ލިބުމަށް އުންމީދު ނުކުރާށޭ އަހަރެން ބުނީމެވެ. އަހަރެންނަށް ވެސް އެބަސް ނުލިބޭތީއެވެ.
އެހާހަމައިން އެމާ އާގަނެގަނެފައި ބުންޏެވެ.“އައިޝާ ތިޔައީ ކޮންކަމެއް ހެއްޔެވެ؟އަހަރެންނަށް ހުރިހާއެއްޗެއް ތިޔަ ކިޔާތިދެނީ ކީއްވެގެން ހެއްޔެވެ؟ އަހަރެން ބޭބީ ސިޓް ކުރަން އަންނަން ބުނެފައެއްނުވާނެއެވެ.“
ހަމައެވަގުތު އަހުމަދުވެސް އެތަނަށް އައިސްފިއެވެ.އަދި ބުންޏެވެ. ”ތިޔައުޅެނީ ކޮން ގޮތަކަށް ހެއްޔެވެ.“ އަހަރެން ބުނީމެވެ. ”އާން އަހުމަދާވެސް އެކުގައި އެމާޔަށް މިކަންކަން ކިޔާދޭ ގޮތަށް ނިންމުނު ނަމަ މާރަގަޅުވީހެވެ. ގޭތެރޭގެ ކަންކަން ކުރާނެގޮތް އަހަރެން އެމާޔަށް ކިޔާދިނީއެވެ. އަހަރެންވެސް ދެން ގަސްތުކުރަނީ އަހަރެންނަށް ޕްރިންސެސް ގެ ނަމުން މުހާތަބް ކުރާނެ މީހަކު ހޯދަން ނިކުންނާށެވެ. އެހެންވެ އަހަރެންގެ މަސްއޫލިއްޔަތު ތައް އެމާއަށް ކިޔާދިނީއެވެ.“
އެވަގުތު އެމާގެ މަންމައާއި ބައްޕަ އައިސް ދޮރުގެ ބެލް ޖަހާލިއެވެ. އަހަރެން ދޮރުހުޅުވުމުން އެމާގެ މަންމަ ވަރަށް ލޯބިން އައިސް އަހަރެންގެ ގައިގަ ބައްދާލިއެވެ.އަދި ގޭތެރެއިން ދުވާ މީރުވަސް ފާހަގަކޮށް ކެއުމަށް އިންތިޒާރު ކުރާކަމަށް ބުންޏެވެ. އެދެމީހުންނަކީ އަހަރެންނަށް ވަރަށް ހެޔޮ ދެމީހުންނެވެ. އަހަރެންނަށް ދިމާވާ އިމަޖެންސީ ތަކުގައި ކުދިންބަލާދި އެހީތެރިވެދޭ ދެމަފިރިންނެވެ.
އެދެމީހުންނާ މުހާތަބްކޮށް އަހަރެން ބުނީމެވެ. ”އެމާއަކީ ހާދަ ރަގަޅު ކުއްޖެކެވެ.ތިޔަދެމީހުން އޭނަތަރުބިއްޔަތު ކޮށްފައިވަނީ ވަރަށް ރަނގަޅަށެވެ. އަހުމަދާ އެމާ ވަނީ ދުރުނުވެވޭ ވަރަށް ކައިރިވެފައި ކަން އަހަރެންނަށް ވަނީ އިނގިފައެވެ.އެހެންވެ ގެ ބެލެހެއްޓުމުގެ ކަންކަން އެމާއާ ހަވާލުކޮށްފަ އަހަރެން ގަސްތުކުރަނީ މިގެއިން ދާށެވެ.“
އަހަރެންގެ ވާހަކަ އަޑުއެހުމަށްފަހު އެމާގެ މަންމައާއި ބައްޕަ ތިބީ ހައިރާންވެފައެވެ. އެވަގުތު އަހުމަދުގެ ހުރި ގޮތް ކުޑަކަމުން އަދި ބުންޏެވެ.“އައިޝާ ބުނަންހެއްޔެވެ. އެމާ އަހަރެންގެ ގައިގައި އެއްސިގަތީއެވެ.“ އެމާގެ މައިންބަފައިގެ ކުރިމަތީގައި މިހެން ބުނުމުން އެދެމީހުންވެސް ތިބީ ކޮސްވެފައެވެ. އެވަގުތު އަހަރެން ބުނީމެވެ. ”އެހެންވީމަ ތިޔަބުނަނީ ކަލެޔަށްވުރެ އުމުރުން 20 އަހަރު ހަގު ކުއްޖަކާ ހިތާވެގެން އަމިއްލަ އަންހެނުންނަށް މަލާމަތް ކޮށް ހެދުމުގެ ޒިންމާ އަމިއްލައަށް ނުނަގާނެ ވާހަކަ އެއްޔެވެ.؟“
އެވަގުތު އެމާގެ މަންމައާއި ބައްޕަ ހަދާނެ އެހެން ގޮތެއް ނޭނގި އެމާގެ އަތުގައި ހިގައިގެން އަހަރުމެންގެ ގެއިން ނިކުމެގެން ހިނގައްޖެއެވެ. އެއާއެކު އަހުމަދު އަހަރެނަށް އާދޭސް ކުރަން ފެށިއެވެ.“ތިޔަހެން ނުހަދާށެވެ. އަހަރުންގެ ކުދިންކޮޅަށް ވާނީ ކިހިނެއްހެއްޔެވެ. އަހަރެން އައިޝާ ބޭނުމެވެ. ވާހަކަ ދައްކައިގެން މިކަން ހަމަޖައްސަން ހިގާށެވެ.“
އަހަރެން ބުނީމެވެ. ”އާން ވާހަކަ ދެއްކުން އެބައޮތެވެ.އަހަރެންގެ ގާނޫނީ ވަކީލް އަހުމަދާ ވާހަކަ ދައްކާނެއެވެ. ކުދިންކޮޅަށް ވާނެގޮތަކާމެދު އަހަރެންނަށް ބޭވަފާތެރިވުމުގެ ކުރިން އަހުމަދުވެސް ވިސްނާލަން ޖެހޭނެއެވެ. މިވަގުތު އަހަރެންނަށް ރަގަޅީ އަހުމަދު މިގެއިން ދިއުމެވެ.ކޮންމެ ތަނަކަށް ދިޔަސް ފަރުވާލެއް ނެތެވެ. ކުދިންނަށް ނޭގި އަވަހަށް ދާށެވެ.ކަލޭ ގޮތަކަށް ނިންމާ، ކަންކަން ހަމަޖެހެންދެން ކުދިން ކައިރީގައި އެއްވެސް ވާކަހައެއް ނުދެއްކުމަކީ އަހަރެން އެދޭ ކަމެކެވެ.“
އޭގެ ހަފްތާއެއްގެ ފަހުން އަހަރެންނަށް ސޯޝަލް މީޑިޔާއިން އެނގުނު ގޮތުގައި އެމާ އަހުމަދު ދޫކޮށް ޒުވާނަކާ ރައްޓެހިވިއެވެ. އޭގެ ދެހަފްތާފަހުން އަހުމަދު އެބުރި އައެވެ.އަދި އާދޭސް ކުރަން ފެށިއެވެ.އަހަރެންނާއި ވަކިން ނޫޅެވޭނެ ކަމަށް ބުނަމުންނެވެ.ކުރީގެ ރީތި ދިރިއުޅުން ”މިސް“ ވާކަމަށް ބުންޏެވެ. ނަމަވެސް އަހަރެންގެ ހިތްވަނީ ގާގަޑަކަށް ބަދަލުވެފައެވެ.އޭނަގެ އާދޭސް އަޑުއަހާކަށް ބޭނުމެއް ނުވިއެވެ.އަހަރެން އެވަރުން ވަމުން އައި ގުރުބާނީގެ އަގުވަޒަން ނުކުރި މީހަކާ އެކުގައި އުޅޭކަން އަހަރެން ދެން ބޭނުމެއް ނޫނެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް