ލެޓިން އެމެރިކާގައި ޑްރަގް ވިޔަފާރީގެ ގަދަ ބާރުކަމަށް ބެލެވޭ މެކްސިކޯއާ ދެކޮޅަށް މިލިޓްރީ ބާރު ބޭނުންކުރަން ވައިޓްހައުސް އިން ޕެންޓަގަންއަށް ހުއްދަ ދީފިއެވެ. ރައީސް ޓްރަމްޕް ބޭނުންފުޅުވާގޮތަށް އަމަލު ކުރަން ދެކޮޅު ހަދާނަމަ މެކްސިކޯއަށް މިލިޓްރީ ބާރުން ހަމަލާދިނުން ހުއްދަ ދީފައިވާ ކަމަށް އެމެރިކާ ސަރުކާރުގެ މައުލޫމާތު އެނގޭ ފަރާތްތަކަކުން ރޯލިންގ ސްޓޯނަށް ޚަބަރު ދީފައި ވެއެވެ. އަދި އެއީ މެކްސިކޯ ހިފުން ނޫންކަމަށްވެސް ސަރުކާރުގެ އޮފިޝަލުން ބުނެފައި ވެއެވެ.
އެމެރިކާއިން ބޭނުންވާ ގޮތަށް މެކްސިކޯ ސަރުކާރުން އަމަލު ނުކުރާނަމަ ހަމަލާދިނުން ނޫން އެހެންގޮތެއް ނެތް ކަމަށް އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލަކުވެސް ވަނީރޯލިން ސްޓޯނަށް ކިޔާދީފައެވެ. އަދި އެކަމުގައި ކުރާނެ މަޝްވަރާއެއްވެސް ނެތްކަމަށް އެ އޮފިޝަލް ބުނެފައި ވެއެވެ.
އެމެރިކާގެ ރިޕަބްލިކަން ލީޑަރުންގެ ވިސްނުމުގައި އެމެރިކާއަށް ޑްރަގް އެތެރެކުރާ ކަމުގެ ބަހަނާގައި މެކްސިކޯ ހިފުމުގެ ވިސްނުން ގެންގުޅޭތާ ދުވަސްތަކެއް ވެއްޖެއެވެ. މި އަހަރު ޖެނުއަރީ މަހުގެ ތެރޭގައި ރައީސް ޓްރަމްޕްވެސް ވަނީ އެކަހަލަ އިޝާރާތެއް ކުރައްވާފައެވެ.
ޓްރަމްޕް ބޭނުންވާގޮތަށް މެކްސިކޯގެ ސިޔާސަތުތައް ބައްޓަންކުރުމަކީ އުދަނގޫ ކަމަކަށް ވާނެއެވެ. އަދި އެމެރިކާގެ ސިފައިން މެކްސިކޯއަށް ފޮނުވަން ރައީސް ޓްރަމްޕް ގެންގުޅުއްވާ ވިސްނުމާ ދޭތެރޭ މެކްސިކޯގެ ރައީސާ ކްލައުޑިއާ ޝެއިންބައުން ވަނީ އިއުތިރާޒް ކުރައްވާފައެވެ. އެހެންނަމަވެސް މެކްސިކޯގައި ޑްރަގް ވިޔަފާރި ކުރާ ބޮޑުންގެ 26 މީހަކު އޭގެފަހުން އެމެރިކާއަށްވަނީ ހަވާލުކޮށްފައެވެ. އަދި މި ދިޔަ ފެބްރުއަރީ މަހުގެ ތެރޭގައިވެސް ޑްރަގް ވިޔަފާރީގައި ހިމެނޭ 29 ބޮޑަކު އެމެރިކާއަށް ވަނީ ހަވާލު ކޮށްފައެވެ. އޭގެތެރޭގައި ގޭންގްތަކުގެ ބޮޑުންވެސް ހިމެނެއެވެ. މެކްސިކޯއިން ޑްރަގްގެ ބޮޑެތި މީހުން އެމެރިކާއަށް ފޮނުވުމުން އެމެރިކާގެ ބަންޑާރަ ނައިބު ޕާމް ބޮންޑީ ވަނީ އެކަމަށް ތައުރީފް ކުރައްވާފައެވެ.
މެކްސިކޯއިން މިގޮތަށް ކަންތައް ކޮށްފައިވަނީ އެމެރިކާއިން އެ ގައުމަށް އަރައިގަތުން ހުއްޓުވުމަށާއި އަދި މިހާރު މަޝްވަރާ ކުރެވެމުންދާ ވިޔަފާރީގެ ގުޅުންތަކަށް ހިޔަނި އެޅުން ހުއްޓުވުމުގެ ބޭނުމުގައި ކަމަށްވެސް ރޯލިންގ ސްޓޯނަށް މައުލޫމާތު ލިބިފައިވެއެވެ.
ޓެކްސަސްގެ ޔުނިވަރސިޓީ ސްކޫލް އޮފް ލޯގެ ޑިރެކްޓަރ ފޯރ މިލިޓްރީ ލޯ އެންޑް ޕޮލިސީ، ރިޓަޔަރޑް އާރމީ ފަނޑިޔާރު ޖޮފްރީ ކޯރން ބުނެފައިވަނީ އެހެންގައުމެއްގެ ޓެރަރިސްޓުންކަމަށް ބެލެވޭ ބަޔަކު އެމެރިކާގައި ހިންގާ ހަރަކާތަކާ ގުޅިގެން އެކަން ހުއްޓުވުމަށް ބާރު އެޅުމުގެ ގޮތުން އެ ގައުމެއްގެ ސަރުކާރާ ދެކޮޅަށް އިގްތިސާދީ ހުރަސްތައް ކުރިމަތި ކުރެވިދާނެއެވެ. އެކަމަކު އެއީ ސަބަބެއް ކަމުގައި ބަލައި އެ ގައުމަކަށް މިލިޓްރީ ހަމަލާދިނުން ނުވަތަ އެ ގައުމަކަށް އަރައިގަތުމަކީ ބައިނަލް އަގްވާމީ ގާނޫނު ހުއްދަކުރާނެ ކަމެއް ނޫނެވެ.
ހަނގުރާމައެއްގެ ތެރެއަށް ވަދެގތުމަކީ އުދަނގޫ ކަމަކަށް ނުވެދާނެއެވެ. އެކަމަކު އޭގެ ނަތީޖާއަކީ އެމެރިކާއަށްވެސް ގެއްލުމާ ހަލާކު ކަން އިރާގާއި އަފްގާނިސްތާނުގެ ހަނގުރާމައިން އެމެރިކާވަނީ ތަޖްރިބާ ކޮށްފައެވެ.
ރައީސް ޓްރަމްޕްގެ ކެމްޕޭނުގައި ތިމަން މަނިކުފާނަކީ ސުލްހައްށް ލޯބިކުރާ ވެރިއަކުކަން ދައްކާނެ ކަމަށް އެތައް ވައުދެއް ކޮށްފައިވީ ނަމަވެސް ފެންނަ ފެނުމުގައި އެމެރިކާގެ އެތެރޭގެ ދެބަސްވުންތައް ހައްލުކުރުމާއި ސުލްހަ ގާއިމް ކުރުމުގެ ނަމުގައިވެސް ބޭނުން ކުރައްވާތަން ފެންނަނީ މިލިޓްރީންގެ ބިޔަ މަރުތޭލައެވެ. ދާދި ފަހުން އިމިގްރޭޝަނުން އެޅި ފިޔަވަޅުތަކާ ދެކޮޅަށް ލޮސް އެންޖަލްސްގައި ކުރި މުޒާހަރާތަކާއި އޭގެ ފަހުން ވޯޝިންގޓަންގައި ޒުވާނުންގެ ބަޔަކު ޓްރަމްޕް ސަރުކާރުގެ މަޝްހޫރު ބިގް ބޯލް އަށް ދިން ހަމަލާގައި ވެސް ރައީސް ޓްރަމްޕް އިޚްތިޔާރު ކުރައްވާފައިވަނީ މިލިޓްރީގެ ބޮޑު މަރުތޭލަ އެވެ. އެއްވެސް ސަރުކާރަކަށް ރައްޔިތުންގެ ފަރާތުން މެދުވެރިކުރުވާ ކުރިމަތިލުމެއް ހައްލުކުރަން މިލިޓްރީންގެ ބޮޑު މަރުތޭލަ ބޭނުންކުރަން އިޚްތިރާކުރުމެ މާނައަކީ ދެންތިބީ ހައްތާވެސް މޮހޮރުތަކެއްކަން ގަބޫލުކުރުމެވެ. މއީ މުޅިދުނިޔޭގައިވެސް ސިޔާސީ ވެށިން ފެންނަ އާންމު ވިސްނުމެކެވެ.
އެމެރިކާއާކު ކުރިއަށްދާ ވިޔަފާރީގެ މަޝްވަރާތަކުގައި މިހާތަނަށް މެކްސިކޯއިން ވަކިގޮތަކަށް ނިންމާފައެއް ނުވެއެވެ. އެކަމަކު އެމެރިކާއިން އިއުލާން ކޮށްފައިވާ %30 ގެ ޓެރިފަށް އަމަލުކުރުން 90 ދުވަހަށް ފަސްކުރުމަށް ރައީސް ޓްރަމްޕް ވަނީ އެއްބަސްވެ ވަޑައިގެންފައެވެ. އާންމުގޮތެއްގައި އެހެންގައުމަކާއެކު ވިޔަފާރީގެ އެއްބަސްވުމަކަށް އައުމަށް އެމެރިކާއިން ދޮޅުއަހަރުދުވަސް ނަގައެވެ.