އިންޑިޔާގެ މުމްބާއީގައި އާދަޔާޚިލާފަށް ކޮތަރު ގިނަވެފައިވުމާއި އެކު އާންމު ތަންތަނުގައި ކޮތަރަށް ކާން ދިނުން ސަރުކާރުން ދާދި ފަހުން މަނާކުރުމާއި ގުޅިގެން ސިވިކް އިދާރާތަކާއި ޕަބްލިކް ހެލްތު އެކްޓިވިސްޓުން އަދި ދޫންޏަށް ލޯބިކުރާފަރާތްތަކުގެ މެދުގައި ހޫނު ބަހުސެއް ފެށިފައިވާކަމަށް ޚަބަރު ލިބެއެވެ.
އާންމުތަންތަނުގައި ކޮތަރަށް ކާންދިނުން މަނާކުރުމާއި ގުޅިގެން އެކަމާ ދެކޮޅަށް ނިކުތް ފަރާތްތަކާ ފުލުހުންނާ ދެމެދު މިމަހުވެސް ދެފަހަރެއްގެ މަތިން ކުރިމަތިލުންތައް ވަނީ ހިނގާފައެވެ.
ކޮތަރަށް ކާންދޭ ތަންތަން ބެއްދުމަށް އަޅާފައިވާ ރަބަރު ޝީޓް ތައް މުޒާހަރާކުރި ފަރާތްތަކުން ފަޅާ ހަދާފައިވާއިރު، ބައެއް ފަރާތްތަކުން ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރަމުން ދާކަމަށް ވެސް ބުނެފައި ވެއެވެ. މިކުރިމަތިލުން ތަކުގައި މަދުވެގެން 15 ވަރަކަށް މީހުން ވަނީ ހައްޔަރުވެސް ކޮށްފައެވެ.
އާންމުތަންތަނުގައި ކޮތަރަރަށް ކާން ދިނުން ސަރުކާރުން މަނާކޮށްފައިވަނީ އޭގެ ނަޖިހުން އާންމުންނަށް ހުރި ސިއްހީ ނުރައްކާތެރި ކަމަށް ބަލާފައި ކަމަށް ވެއެވެ.
ކޮތަރަކީ ޒަމާނުއްސުރެއިންޑިޔާގެ ތާރީޚާ ސަގާފަތާ ގުޅިފައިވާ ދޫންޏެއްކަމަށް ބުނެ ކޮތަރު މަދުކުރުން ނުތަވަތަ ނެތިދިއުމަށް ބާރުއަޅާކަންކަން ނުކުރުމަށް ޖަނާރަށް ލޯބިކުރާފަރާތްތަކުން ބުނަމުން ދެއެވެ.
އިންޑިޔާ ނޫން އެހެން ބައެއް ގައުމުތަކުގައިވެސް ވަނީ ކޮތަރަށް ކާން ދިނުމާދެކޮޅަށް ގަވާއިދުތައް ހަދާ އަދި ޖޫރިމަނާތައް އިއުލާން ކޮށްފައެވެ. މިގޮތުން ވެނިސް ،ސިންގަޕޯ،ނިއުޔޯކް އަދި ލަންޑަންގައިވެސް ކޮތަރުގެ އާބާދީ ކޮންޓްރޯލް ކުރުމަށްވަނީ ފިޔަވަޅު އަޅާފައެވެ. ކޮތަރަށް ކާންދީފިނަމަ ސިންގަޕޫރުގައި ޖޫރިމަނާކުރާއިރު ނިއުޔޯކް އަދި ލަންޑަންގައި ފީޑިންގ ޒޯން ގެ ގޮތުގައި ވަކި ތަންތަން ވަނީ ކަނޑައަޅާފައެވެ.
ރާއްޖޭގެ ވެރިރަށް މާލެސިޓީގައިވާ ޖުމްހޫރީ ޕާކަކީވެސް ކޮތަރު ވަރަށް ގިނަ ތަނަކަށް ވާއިރު، ކުޑަކުދިން ގޮވައިގެން ގިނަ ބަޔަކު އެތަނަށް ގޮސް ކޮތަރުތަކާ ވަރަށް ކައިރީގަ،ނުވަތަ ކޮތަރުތަކުގެތެރޭގަ އުޅޭތަން ފެނެއެވެ. މިއީ ސިއްހީގޮތުން ރައްކާތެރި ކަމެއްތޯ މިއީ އުފެދޭ ސުވާލެކެވެ.
![]()
