މައިދައިތަ

Loading

Facebook
Twitter
WhatsApp

އެ ދުވަހު އަހަރެން ނުތެދުވެ އޮތީ ވަރަށް ގަދަޔަށް ހުން އައިސްގެންނެވެ. ތާމޯމީޓަރުން ހުންބެލިއިރު 39.5 ޑިގްރީ އަށް ހުރީ ހުން އަރާފައެވެ. ގައިގަ ނުރިއްސާތަންކޮޅެއް ނެތެވެ. ބޯހީވަނީ ފަޅައިގެން ހިނގައިދާނެ ހެންނެވެ. ތެދުވަން މަސައްކަތް ކުރިނަމަވެސް އެއްގޮތަކަށްވެސް ތެދުވެވޭ ގޮތެއް ނުވިއެވެ.

އެހާލުގައި އިންދާ އަހަރެންގެ ކަންފަތުގައި ޖެހުނީ އަހަރެންގެ މައިދައިތަގެ ހަޅޭކުގެ އަޑެވެ. އަހަރެން ބަލާލިއިރު ދަތްކުނޑިވިކާ ބާރުކޮށްގެން، ގޮއްމުއްކަވާފަ ހުރެގެން ހަޅެއްލަވައެވެ. ދެލޯ ބޮޑުކޮށްގެން ހުރިވަރުންހީވަނީ ވައްދެ ކާށިކިބަހެންނެވެ. ހަޅެއްލަވަނީ އޭނަގެ ރައްޓެހިންތަކެއް އަންނާތީ ކާއެއްޗެތި ތައްޔާރުކޮށް، ގޭތެރެ ސާފުކޮށް ތަރުތީބު ކުރަން ތެދުވާށޭ ކިޔާފައެވެ. އެއަޑު ކަންފަތުގައި ޖެހުމުންވެސް އަހަރެންނަކަށް ނުއެއް ތެދުވެވުނެވެ. އެނދުގައި އިންދާ އިރުކޮޅަކަން އޭނައައީ އައިސްފެންތައްޓެއް ހިފައިގެންނެވެ. ފުރަތަމަ ފެންތަށިހިފައިގެން އައިސް އަހަރެން އަތަށް ދިން ނަމަވެސް އިރުކޮޅަކުން ތަށިދަމައިގަތެވެ.

އަހަރެންގެ މައިދައިތައަކީ ވަރަށް ގޯސް އަންހެނެކެވެ. އޭނަގެ ދަރިފުޅު، އަހަރެންގެ ފިރިމީހާގެ އެއްވެސް އެހީތެރިކަމެއް އޭނާއަކަށް ނުލިބެއެވެ. އޭނާއަށް ދޭ ޚިދުމަތެއް ދެނީ ހަމަ އަހަރެންނެވެ. އެހާ ގިނައިން ބަލިވާނެއެވެ.ކޮންމެ ފަހަރަކުވެސް ގޮވައިގެން ޑޮކްޓަރަށް ދައްކަން ދަމެވެ. އަދި ބޭސް ނަގައިގެން އައިސް ގަވާއިދުން ބޭސްދީ ޚިދުމަތް ކުރަމެވެ.

އެހާވަރުން އުޅޭ އިރުވެސް ދުވަހަކުވެސް އަހަރެންނަށް ހެޔޮބަހެއް ނުދޭތާ އޯގާތެރިކަމާއެކު އަހަރެންނާއި އަނގައިންވެސް ނުބުނާނެއެވެ.އޭގެ އިތުރުން އަހަރެން ކުރާ ކޮންމެ ކަމަކަށް،ކާ ކޮންމެ އެއްޗަކަށް ފާޑުކިޔާނެއެވެ. ގިނައިން ކާކަމަށް ބުނާނެއެވެ.މަދުން ކާކަމަށް ބުނާނެއެވެ. ރަގަޅުނޫން ކާނާ ކާމަކަށް ބުނާނެއެވެ. ހެޔޮ ހަމަ އެއްގޮތެއްވެސް ނޯންނާނެއެވެ. މަސައްކަތުގައި އުޅެ އުޅެ ވަރުބަލިވެގެން މެންދުރުފަހު ލޯމަރާލިޔަސް އޭނަޔަށް ކަމަކު ނުދާނެއެވެ.އަހަރެން ޖެހޭނީ ފޯރިއަށް ހުންނަ ސިފައިންގެ މީހެއްހެން އަބަދު ދެފައި މައްޗަށް ކޮޅަށް ހުންނާށެވެ. އަހަރެން ވަރުބައްޔެއްވެސް ނުވާނެއެވެ. ބައްޔެއްވެސް ނުވާނެއެވެ.

މިބުނާދުވަހުވެސް އައިސްފެންތައްޓެއް ހިފައިގެން އައިމަ އަހަރެން ހީކުރީ އަހަރެން ބަލިވެ އޮތްކަން އިގުނީމަ އަހަރެންނަށް ގެނެސްދިން ފެންޓައްޓެއް ކަމަށެޥެ. ކުޑަކޮން ހައިރާންވެސް ވިއެވެ. ތަށީގަ ހިފުމަށްފަހު އަދި އެއިން ފެންފޮދެއް ބޯނުލެވިގެން އުޅެނިކޮން ކުއްލިއަކަށް ތަށިދަމައިގަތެވެ. އަދި ޗައްކިޔާފަ މުޅިގަޔަށް ފެންތަށިޖެހިއެވެ. ބަލިކަމަށް ހެދިގެން އޮންނަނީ ކަމަށް ބުނެފައެވެ.އަހަރެންނަށް ބުނާނެ އެއްޗެއް، ހަދާނެ ގޮތެއް ނޭނގި އިރުކޮޅަކު އިނދެވުނެވެ.

އެވަގުތު ދެން އަހަރެން ކަންތައް ކުރަންވީގޮތް ވަރަށް ސާފުކޮން އަހަރެންނަށް އިގުނެވެ.އޭނަބަލަހައްޓައިގެން ހުއްޓާ ފޯނު ނެގުމަށްފަހު އެމްބިއުލައިންސް އަށް ގުޅީމެވެ. އަދި ވަރަށް ހުންގަދަ ވެފައިވާ މީހަކު ހޮސްޕިޓަލަށް ގެންދަން ޖެހޭ ކަމަށް ބުނީމެވެ.

އެވަގުތު އޭނައަނެއްކާވެސް ހަޅޭއްލަވަން ފެށިއެވެ. ހޮސްޕިޓަލަށް ދިޔައިމަ މަސައްކަތް ކުރާނީ ކާކުހޭ ކިޔާފައެވެ. އޭނާގެ ރައްޓެހިން އަންނަން ވާއިރަށް ހެދިކާ ހަދާ ސައިހަދާ ގޭތެރެސާފުކޮށް ހަދާނީ ކިހިނެއް ހެއްޔޭ ކިޔައިގެންނެވެ.އެލަވާ ހަޅޭކަށް އަހަރެން މިއަދު އެއްވެސް ޖަވާބެއް ނުދެމެވެ. މަޑުމަޑުން ތެދުވެ ފާހާނާޔަށް ވަދެފަ،ހެދުން ބަދަލުކޮށް ކުޑަ ދަބަހަކަށް އެއްރެޔަށް ބޭނުންވާނެ ސާމާނު އެޅީމެވެ. އަދި ބޮލުގަ ފުނާއަޅާލާ ތައްޔާރުވެލިތަނާ އެމްބިއުލައިންސް އައިސްފިއެވެ. ޕެރަމެޑިކްސް ގޭތެރެޔަށް ވަދެގެން އައިސް އަހަރެން ބެލިއެވެ. އަދި ވަރަށް ހުންގަދަ ކަމަށާ އަވަހަށް ހޮސްޕިޓަލަށް އަވަހަށް ދާންވީ ކަމަށް ބުންޏެވެ.

އަހަރެން އެމީހުންނާއެކު ދާން ހިނގައިގަންނަމުން މައިދައިތަޔާ ދިމާލަށް އެނބުރިފަ ބުނީމެވެ. ”އަހަރެން އެނބުރި އަންނަ އިރު ކަލޭގެ ރައްޓެހިން އައިސްފަ ހިގައިދާނެއެވެ. އެއާއެކު އަހަރެން އަންނަ އިރު ކަލޭވެސް މިގޭގަ ހުރެގެން ނުވާނެއެވެ. މިއީ އަހަރެންގެ އަމިއްލަ އެޕާޓްމަންޓެކެވެ. ކަލޭ ގުޅާނެ މީހަކަށް ގުޅާ،ދާނެ ތަނަކަށް ދާށެވެ. އެކަމަކު އަހަރެން އަންނައިރު މިގޭގަ ހުރެގެން ނުވާނެއެވެ. ކޮންމެ ތަނަކަށް ދިޔަޔަސް އަހަރެންނަށް ފަރުވާލެއް ނެތެވެ. އަދި ބުނަންހެއްޔެވެ. އަހަރެން މިގޮތަށް ކަންތައް ކުރީތީ ތަންތަނަށް ގެއްލުމެއްދީ މިފަދަ އެއްވެސް ކަމެއް ކޮށްގެން  ނުވާނެއެވެ. އަހަރެން މިވާހަކަ މިދައްކަނީ އިތުރު ދެހެކިންގެ ހާޒިރުގައެވެ.“

މިހެން ބުނުމަށްފަހު ހޮސްޕިޓަލުން އައި ދެމީހުންނާއެކު އަހަރެން މަޑުމަޑުން ހިނގާފަގޮސް އެމްބިއުލައިންސް އަށް އަރައިފީމެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް