އިންޑޮނޭޝިއާގެ ރައީސް ޕްރަބޯވޯ ސުބިއަންތޯގެ ”އިންޑޮނޭޝިއާ އިންކޯޕޮރޭޓެޑް“ ތަޞައްވުރަށް އެގައުމުގެ އެންމެ ބޮޑު ވިޔަފާރިވެރި ޖަމިއްޔާ، ޗެމްބަރ އޮފް ކޮމާސް އެންޑް އިންޑަސްޓްރީ (ކާދިން) އިން ތާޢީދުކޮށްފިއެވެ.
ރައީސް ޕްރަބޯވޯގެ މި ތަޞައްވުރަކީ އަމިއްލަ ވިޔަފާރިވެރީންނާއި ދައުލަތާއި ދެމެދު އޮންނަ ގުޅުން ހީނަރުވިޔަ ނުދިނުމަށާއި، އިތުރަށް ހަރުދަނާވެ ވަރުގަދަވުމުގެ ސަބަބުން އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިކުރުވާނެ ތަޞައްވުރެއްކަމަށް ސަރުކާރުން ބުނެއެވެ.
ބޮގޯރުގައި ބޭއްވި ރިޓްރީޓެއްގައި ވާހަކަ ދައްކަވަމުން ކާޑިންގެ ޗެއާ އަނިދްޔާ ބަކްރީ ވަނީ ދައުލަތުގެ ސިޔާސަތާއި ސިނާއަތުގެ ތަޖުރިބާއާ އެއްގޮތް ކުރުމަށް ރައީސް ރާވާފައިވާ ޕްލޭނަށް ތައުރީފު ކުރައްވާފަ އެވެ. މިގޮތުން، މިވިސްނމަށް ތާއީދުކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި މި އިސްނެގުމަކީ އާ ވަޒީފާތަކެއް އުފެދި، އިތުރު ފަރާތްތަކެއް އިންވެސްޓްމަންޓް ފުރުސަތުތަކަށް ޝައުގުވެރިކޮށް، އިއާދަކުރަނިވި ހަކަތައާ ބެހޭ މަޝްރޫއުތައް ފުޅާކޮށް، ލޯކަލް ވިޔަފާރިވެރިންނަށް އޮންނަ ފުރުސަތުތައް އިތުރުކުރެވޭނެ ކަމެއްކަމަށް ދެކޭ ކަމަށް އޭނާ ވިދާޅުވި އެވެ.
”އިންޑޮނޭޝިއާ އިންކޯޕަރޭޓެޑް“ މޮޑެލްގައި ޖޮއިންޓް ވެންޗާތައް ކުރިއެރުވުމާއި، އިންވެސްޓްމަންޓް ޕްރޮސެސްތައް ސްޓްރީމްލައިންކޮށް، ވާދަވެރިކަން އިތުރުކޮށް، ސަރަހައްދީ އިގްތިސާދީ ބާރުގަދަ ގައުމެއްގެ ގޮތުގައި ގައުމު ޕޮޒިޝަން ކުރުމަށް މަސައްކަތް ކުރާނެކަމަށް ސަރުކާރުން ބުނެއެވެ.
އެހެންނަމަވެސް އާންމު ފަރާތްތަކާއި އަމިއްލަ ފަރާތްތަކުން މިހާ ގާތްގާތުގައި މަސައްކަތްކުރުމަކީ، ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރުމަށާއި، އާންމު މަސްލަހަތު ރައްކާތެރިކުރުމުގައި ކަންބޮޑުވުންތަކެއް އުފެދިދާނެ ކަމެއްކަމަށް ބައެއް ފާޑުކިޔުންތެރިން ބުނަމުންދެއެވެ.
މިފަދަ ކަންބޮޑުވުންތަކެއް ހުރިނަމަވެސް ވިޔަފާރީންގެ މެދުގައި އާވެފައިވަނީ އުންމީދެކެވެ. މިގޮތުން، ސަޕޯޓަރުން ބުނާ ގޮތުގައި، މި އިސްނެގުމަކީ ފައިދާހުރި ގޮތެއްގައި ތަންފީޒު ކުރެވިއްޖެ ނަމަ، އިންޑޮނޭޝިއާ އަށް ދިހަވަރަކަށް އަހަރު ތެރޭގައި އިގްތިސާދީ ބޮޑެތި ކުރިއެރުންތަކަކަށް މަގުފަހިވާނެ ކަމެކެވެ.
![]()
